މި މަހުގެ ހަތަރުވަނަ ދުވަހު ބޭއްވި ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިހާބުގައި 584 ގޮނޑިއާ އެކު އިންތިޚާބުގެ އަޣުލަބިއްޔަތު ހޯދީ ޕީއެންސީކަން ދާއިމީ ނަތީޖާ އިން ދައްކައިފި އެވެ.
އިލެކްޝަންސް ކޮމިޝަނުން އާންމުކޮށްފައިވާ ދާއިމީ ނަތީޖާތައް ދައްކާގޮތުން އިންތިޚާބުވި 1،351 މެންބަރުންގެ ތެރެއިން 584 މެންބަރުން ނިސްބަތްވަނީ ޕީއެންސީއަށެވެ.
ދެވަނައަށް އެންމެ ގިނަ މެންބަރުން އިންތިޚާބުވެފައިވަނީ އިދިކޮޅު އެމްޑީޕީންނެވެ. އެ ޕާޓީން 563 މެންބަރުން އިންތިޚާބުވެފައިވާއިރު އަމިއްލަގޮތުން ވާދަކުރެއްވި 169 ކެންޑިޑޭޓުން ވަނީ ގޮނޑިތައް ކާމިޔާބުކޮށްފަ އެވެ.
ޕީއެންސީން ކާމިޔާބު ކުރި ގޮނޑިތަކުގެ އަދަދު:
• ސިޓީ ކައުންސިލް މެންބަރުން: 5 ގޮނޑި
• ރަށު ކައުންސިލް ރައީސް: 75 ގޮނޑި
• ރަށު ކައުންސިލްގެ އަންހެނުންނަށް ޚާއްސަކޮށްފައިވާ ގޮނޑި: 101 ގޮނޑި
• ރަށު ކައުންސިލް މެންބަރު: 99 ގޮނޑި
• ސިޓީ އ.ތ.މ.ކ ގެ މެންބަރު: 4 ގޮނޑި
• ރަށު އ.ތ.މ.ކ ގެ ރައީސް: 84 ގޮނޑި
• ރަށު އ.ތ.މ.ކ ގެ މެންބަރު: 216 ގޮނޑި
އެމްޑީޕީން ކާމިޔާބު ކުރި ގޮނޑިތަކުގެ އަދަދު:
• މޭޔަރ: 5 ގޮނޑި
• ސިޓީ ކައުންސިލް މެންބަރުން: 41 ގޮނޑި
• ރަށު ކައުންސިލް ރައީސް: 73 ގޮނޑި
• ރަށު ކައުންސިލްގެ އަންހެނުންނަށް ޚާއްސަކޮށްފައިވާ ގޮނޑި: 88 ގޮނޑި
• ރަށު ކައުންސިލް މެންބަރު: 82 ގޮނޑި
• ސިޓީ އ.ތ.މ.ކ ގެ ރައީސް: 5 ގޮނޑި
• ސިޓީ އ.ތ.މ.ކ ގެ މެންބަރު: 42 ގޮނޑި
• ރަށު އ.ތ.މ.ކ ގެ ރައީސް: 60 ގޮނޑި
• ރަށު އ.ތ.މ.ކ ގެ މެންބަރު: 167 ގޮނޑި
އެހެނިހެން ޕާޓީތަކުން ކާމިޔާބު ކުރި ގޮނޑިތަކުގެ އަދަދަށް ބަލާއިރު، އެމްޑީއޭ އިން 23 ގޮނޑި ކާމިޔާބުކޮށްފަ އެވެ. އަދާލަތު ޕާޓީން 6 ގޮނޑި، ޖުމްހޫރީ ޕާޓީން ހަތަރު ގޮނޑި އަދި ދަ ޑިމޮކްރެޓްސް އިން ދެ ގޮނޑި ވަނީ ކާމިޔާބުކޮށްފަ އެވެ.