ރައްޔިތުންގެ މަޖިލީހުގެ ހުސްވެފައިވާ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންގެ އެމްޑީޕީގެ ޓިކެޓް އައްޑޫގެ ކުރީގެ މޭޔަރު އަބްދުﷲ ސޯދިގު (ސޯބެ) އަށް ދީފި އެވެ.
ހިތަދޫ އުތުރު ދާއިރާގެ ގޮނޑި ހުސްވެފައިވާ ކަމަށް ސުޕްރީމް ކޯޓުން ކަނޑައެޅީ އެ ގޮނޑި ފުރުއްވަމުން ގެންދެވި ޕީއެންސީ އަށް ނިސްބަތްވާ މުހައްމަދު ސިނާންގެ މައްޗަށް ސާބިތުވި ދަރަނި ހުކުމާ އެއްގޮތަށް ދައްކާފައި ނުވުމުގެ ސަބަބުންނެވެ.
ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން އަންނަ ޖޫން މަހުގެ 6 ވަނަ ދުވަހު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ނިންމައިފި އެވެ.
އެމްޑީޕީން ބުނީ އެ ބައި އިލެކްޝަނަށް އެމްޑީޕީގެ ޓިކެޓުގައި ވާދަކުރަން ހުޅުވާލި ފުރުސަތުގައި ކުރިމަތިލާފައިވަނީ ސޯބެ އެކަނި ކަމުން، އެ ޕާޓީގެ ޓިކެޓް އޭނާއަށް އަރުވާފައިވާ ކަމަށެވެ.
ސޯބެ ވަނީ އައްޑޫގެ މޭޔަރުކަން ތިން ދައުރެއްގެ މަތިން 10 އަހަރު ފުރުއްވައިފަ އެވެ. އަދި ނިމިދިޔަ އެމްޑީޕީގެ ވެރިކަމުގައި ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަން ވެސް ފުރުއްވި އެވެ.
މި ބައިލެކްޝަންގައި ޕީއެންސީގެ ޕްރައިމަރީގައި ވާދަކުރައްވަން އެ ގޮނޑި މީގެކުރިން ފުރުއްވަމުން ގެންދެވި ސިނާން ވަނީ ނިންމަވާފަ އެވެ.