މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ ތެލުގެ ބާޒާރަށް އަންނަމުންދާ ލޮޅުންތަކާއެކުވެސް ހުއްޓުމެއްނެތި ރާއްޖެއަށް ތެޔޮ ލިބޭނެ ސަރުކާރުން ކަށަވަރުކުރާނެ ކަމަށް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެއްޖެ އެވެ.
ހަނގުރާމައިގެ ހާލަތާ ގުޅިގެން ރައީސް ޑރ.މުޙައްމަދު މުޢިއްޒު އެކުލަވައިލެއްވި ވަޒީރުންގެ ޚާއްސަ ކޮމިޓީގެ ފަރާތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޒަމީރު ވިދާޅުވީ ތެޔޮ ލިބުމުގައި އެއްވެސް ދަތިކަމެއް ކުރިމަތިނުވާނެ ކަމުގެ ޔަގީންކަން ސަރުކާރުން ދޭ ކަމަށެވެ.
އެގޮތުން މި މަހުގެ 18 ވަނަ ދުވަހު 18،000 މެޓްރިކްޓަނުގެ ޑީސަލާއި، 5،400 މެޓްރިކްޓަނުގެ ޕެޓްރޯލު ޝިޕްމެންޓެއް ގެނެސްފައިވާ ކަމަށާއި އަދި އޭޕްރީލު 24 ވަނަ ދުވަހު 25،400 މެޓްރިކްްޓަނުގެ ޑީސަލް ޝިޕްމެންޓެއް ލިބޭއިރު، 28 ވަނަ ދުވަހު 28،000 މެޓްރިކްޓަނުގެ ޖެޓް ފިއުލް ޝިޕްމެންޓެއް ރާއްޖެއަށް އަންނާނެ ކަމަށް ޒަމީރު ވިދާޅުވި އެވެ.
"ރައްޔިތުންނަށް އަދި ރާއްޖޭގެ ވިޔަފާރިތަކަށްވެސް ދަތިތަކަމެއް ނެތި ތެޔޮ ލިބޭނެ ގޮތްތައް ހުންނާނީ ރާވާފައި،" ޒަމީރު ވިދާޅުވި އެވެ.
ތެލުގެ އަގަކީ ދުނިޔޭގެ ބާޒާރަށް އަންނަ ބަދަލުތަކާ ގުޅިފައިވާ ކަމަކަށްވާތީ، އެއީ ދިވެހި ސަރުކާރަށް ނުފޫޒު ފޯރުވޭނެ ކަމެއް ނޫން ކަމަށް ޒަމީރު ވިދާޅުވި އެވެ. ނަމަވެސް، ސަރުކާރުގެ މައިގަނޑު އަމާޒަކީ ރާއްޖެއަށް ބޭނުންވާ ތެޔޮ މެދުކެނޑުމެއްނެތި ލިބޭނެ އިންތިޒާމު ހަމަޖެއްސުން ކަމަށްވެސް ވިދާޅުވި އެވެ.
މީގެ އިތުރުން، މުދަލުގެ އަގުތައް ހެޔޮކުރުމަށް ސަރުކާރުން ގެންގުޅޭ މާލީ ސިޔާސަތުތަކުގެ ދަށުން، ވިޔަފާރިތަކަށް ބޭނުންވާ ބޭރު ފައިސާ ދޫކުރުން އިތުރުކޮށްފައިވާ ކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ. އެގޮތުން ނިމިދިޔަ އަހަރުގެ ފުރަތަމަ ކުއާޓާގައި 5.6 މިލިއަން ޑޮލަރު ދޫކުރިއިރު، މި އަހަރުގެ ފުރަތަމަ ކުއާޓާގައި 106 މިލިއަން ޑޮލަރު ދޫކޮށްފައިވާކަން ފާހަގަކުރެއްވި އެވެ.