މި ފިކުރީ ދިރާސާ ބިނާވެގެން ވަނީ ކީރިތި ގުރުއާނުގެ އައްރަހްމާން ސޫރަތުގެ މަތިވެރި އާޔަތްތަކުގެ މައްޗަށެވެ. މާތް ﷲ އެ ސޫރަތުގެ ފެށުމުގައި ވަހީކުރައްވާފައި ވަނީ އެކަލާނގެއީ ރަހްމާންވަންތަ ކަލާނގެކަމުގެ އިލާހީ ތައާރަފަކުންނެވެ. އެއަށް ފަހު، އިންސާނާއަށް ކީރިތި ގުރުއާން އުނގަންނައި ދެއްވި ކަމުގެ ހަގީގަތާއި، އިންސާނާ ހަލްގުކުރައްވައި، ބަޔާންކުރުމުގެ ނުވަތަ މުއާމަލާތު ކުރުމުގެ ކުޅެދުންތެރިކަން (ބަޔާން) އެ އިންސާނާ އަށް ދެއްވިކަމުގެ މަތިވެރި ޚަބަރެވެ. ހަމައެހެންމެ، އިރާއި ހަނދުގެ ހަރަކާތްތަކަކީ އެއްވެސް ކަސިޔާރުކަމެއް ނެތް، އިހްކާމްތެރި ހިސާބީ ނިޒާމެއްގެ ތެރެއިން ހިނގާ ކަންކަން ކަމާއި، ކާއިނާތުގެ ހުރިހާ މަހްލޫގުން އެކަލާނގެއަށް ކިޔަމަންތެރިވެ ސަޖިދަކުރާކަން މި ސޫރަތުގައި ބަޔާންކުރައްވާފައިވެއެވެ.
މި ދިރާސާގެ ފަލްސަފީ އަސާސްތައް އިސްތިންބާތުކޮށްފައިވަނީ މި ސޫރަތުގެ 7 ވަނަ އަދި 8 ވަނަ އާޔަތުގެ މާނައިގެ މައްޗަށެވެ.
މާތް ﷲ ވަހީކުރައްވާފައިވެއެވެ. "އަދި އެކަލާނގެ އުޑު އުފުއްލެވިއެވެ. އަދި އެކަލާނގެ މީޒާން ގާއިމުކުރެއްވިއެވެ. އެއީ ތިޔަބައިމީހުން މީޒާނުގެ ހައްދުން ބޭރު ނުވުމަށެވެ."
މި އާޔަތްތަކުގައި ބަޔާން ކުރައްވާފައިވާ މީޒާން ނުވަތަ ތިލަފަތުގެ މަފްހޫމް ދެ މާނައެއްގައި ތަރުޖަމާ ކުރެވިދާނެ އެވެ. ފުރަތަމަ މާނައަކީ އާންމު ފިގުހީ އަދި އަހްލާގީ ތަރުޖަމާތަކުގައި ވާފަދައިން، މުއާމަލާތްތަކުގައި މި ނެކިރުމުގެ ހަމަހަމަކަން ހިފެހެއްޓުމާއި މަކަރުވެރިކަމުން ދުރުހެލިވުމެވެ. ދެވަނަ މާނައަކީ ކައުނީ މީޒާން އެވެ. މިއީ މުޅި ކާއިނާތު އުފެއްދެވުމުގައި މާތް ﷲ ލައްވާފައިވާ ފުރިހަމަ ތަރުތީބާއި، އިހްކާމްތެރި ހަމަހަމަކަމުގެ ހަގީގީ މާނައެވެ. ހަލްގުކުރެއްވި ކޮންމެ މަހްލޫގަކާއި ކޮންމެ ނިޒާމެއް ވަނީ ނުހަނު ފުރިހަމަ މިންގަނޑެއްގެ ތެރޭގައި ތިލަފަތް ހަމަކުރެވިފައެވެ.
މިސާލަކަށް، ކަނޑުގެ ލޮނުގަނޑުގެ އުސްމިނާއި ދުނިޔޭގެ މޫސުމީ ނިޒާމުތައް ލައްވާފައިވަނީ ފުރިހަމަ މީޒާނެއްގެ މަތީގައެވެ. ނަމަވެސް، އިންސާނާގެ އަމަލުތަކުގެ ސަބަބުންނާއި އަހްލާގީ މިންގަނޑުތަކުން ބޭރުވުމުގެ ނަތީޖާއެއްގެ ގޮތުން މި ކައުނީ މީޒާނަށް ބުރޫއަރައި ތިމާވެށީގެ ބޮޑެތި ކާރިސާތަކާ ކުރިމަތިލާން ޖެހެއެވެ. އެހެންކަމުން، އިންސާނީ ފަސާދައިގެ ސަބަބުން ކައުނީ ތިލަފަތް ކަސިޔާރުވުމާއި ދުނިޔޭގެ ނިމުމާ (ގިޔާމަތާ) ދެމެދު އޮތީ ނުހަނު ވަރުގަދަ ފިކުރީ އަދި އިލްމީ ގުޅުމެކެވެ.
އާހިރަތުގެ އިލްމު ދިރާސާކުރާއިރު ގިޔާމަތް ނުވަތަ ވަގުތު (الساعة) އަށް ގިނައިން ބަލައި އުޅެނީ ހަމައެކަނި ވަގުތުގެ ތަރުތީބުން އަންނަ ނިމުމެއްގެ ގޮތުގައެވެ. އެއީ ހަމައެކަނި އިލާހީ ޢިލްމުފުޅުގައި ކަނޑައެޅިފައިވާ، އިންސާނުންގެ ޢަމަލުތަކާ ގުޅުމެއް ނެތް ތާރީހެއް ކަމަށް ގަބޫލުކުރެއެވެ. ނަމަވެސް، ކީރިތި ގުރުއާނުގެ އަސްލުތަކާއި ކައު އިތުރު ރަސޫލާ ﷺ ގެ ހަދީސްފުޅުތަކަށް ފުންކޮށް ބަލާއިރު، އިންސާނުންގެ އިހުތިޔާރާއި ކާއިނާތުގެ ނިމުމާ ދެމެދު ވަރަށް ވަރުގަދަ ގުޅުމެއްވާކަން ފާހަގަކުރެވެއެވެ.
މި ނަޒަރިއްޔާއިން ބަލާއިރު، ގިޔާމަތަކީ ހަމައެކަނި ކަލަންޑަރެއްގެ ތާރީހެއް ނޫނެވެ. އޭގެ ބަދަލުގައި އެއީ ނިޒާމެއްގެ ފަނާވުމާއި ނުވުން ކަނޑައެޅޭ ހައްދެކެވެ. އެއީ އިންސާނުންގެ އަހްލާގު ފަސާދަވުން އެ ދަރަޖައަކަށް ގޮސް، ދުނިޔެ ދެމިއޮތުމަށްވުރެ އޭގެ ފަނާވުން މާ އަދުލުވެރި އަދި ރަހުމްވެރި ހާލަތަކަށް ބަދަލުވާ ހިނދެވެ.
މި ފަލްސަފާގެ މައިގަނޑު އަސްލަކީ ގުރުއާނުގައި ބަޔާންކުރައްވާފައިވާ ފަސާދައެވެ. ގުދުރަތީ ކާރިސާއަކާ ހިލާފަށް ފަސާދައަކީ މީސްތަކުންގެ އަތްތަކުން ހޯދައިގަން ކަންކަމެއްގެ ސަބަބުން އުފެދޭ ކަމެކެވެ. މާތް ﷲ ކީރިތި ގުރުއާނުގެ ރޫމް ސޫރަތުގެ 41 ވަނަ އާޔަތުގައި ވަހީ ކުރެއްވި ބަސްފުޅުގެ މާނައީ: "މީސްތަކުންގެ އަތްތަކުން ހޯދި (ނުބައި) ޢަމަލުތަކުގެ ސަބަބުން، އެއްގަމާއި ކަނޑުގައި ފަސާދަ ފާޅުވެއްޖެއެވެ. (އެއީ) އެބައިމީހުން ކުރި ބައެއް ޢަމަލުތަކުގެ ރަހަ (ނަތީޖާ)، އެކަލާނގެ އެބައިމީހުންނަށް ދެއްކެވުމަށްޓަކައެވެ. އެއީ އެބައިމީހުން (ހައްގު މަގަށް) ރުޖޫއަވުމަށްޓަކައެވެ." މީގެ މާނައަކީ ދުނިޔޭގެ މާއްދީ ހަމަޖެހުން ގުޅިފައިވަނީ އޭގެ އަހްލާގީ ހަމަޖެހުމާއެވެ. މި ދުނިޔެއަކީ ހަމައެކަނި ބައިސްކޯފެއްގައި ދައްކަމުންދާ ތަމްސީލެއްނޫނެވެ. އެއީ އަދުލުވެރިކަމާއި އިލާހީ މައުރިފާ އާއި ބިމުގެ ހަލީފާވެރިކަން ގާއިމުކުރުމަށްޓަކައި ހެދިފައިވާ މަގުސަދީ މީޒާން (ބެލެންސް) އެކެވެ.
އިންސާނުންގެ ޢަމަލުތައް އަނިޔާވެރިކަމާއި، އިންސާފެއް ނެތް ފަނާކުރުވަނިވި ގޮތަކަށް ބަދަލުވުމުން، އެކަމުގެ ސަބަބުން އަހްލާގީ ފަނާވުން އުފެދެއެވެ.
ސައިންސްގެ ނަޒަރުގައި ފަނާވުމަކީ ނިޒާމެއްގެ ތަރުތީބު ގެއްލި، ހަކަތަ ހުސްވެ ނެތި ދިއުމެވެ. ފަލްސަފީ ގޮތުން ބަލާއިރު، އަހްލާގީ ފަސާދައަކީ ކާއިނާތުގެ ހަމަޖެހުން ހިފަހައްޓައިދޭ ރޫހާނީ ހަކަތަ ނެތިދިއުމެވެ. ދުނިޔެ އުފެއްދެވި މަގުސަދު (އަދުލުވެރިކަމާއި އަޅުވެރިކަން) އިންސާނުން އަމިއްލައަށް ނައްތާލުމުން، އެ ދުނިޔެ ދެމިއޮތުމުގެ މާނަ ގެއްލިގެންދެ އެވެ. އެހިނދު، ދުނިޔެއަކީ އޭގެ މަގުސަދު ނެތް، ހުސް ނާށިގަނޑެއް ފަދަ އެއްޗަކަށް ބަދަލުވެއެވެ.
ގިޔާމަތުގެ ކަނޑައެޅިފައިވާ ވަގުތު (أجل مسمى) އަކީ ބަދަލުނުކުރެވޭނެ އެއްޗެއްތޯ ނުވަތަ އިންސާނުންގެ ޢަމަލުން އޭގެ އަވަސްލަސްމިން ބަދަލުވާ އެއްޗެއްތޯ ކުރެވޭ ސުވާލަކީ އަގީދާގެ ވަރަށް މުހިންމު ސުވާލެކެވެ. މިކަން ހައްލުކުރެވޭނީ ވަގުތުގެ ދެ ބާވަތެއްގެ ތަފާތު ދެނެގަނެގެންނެވެ. އެއީ މިންވަރުކުރެވޭ ވަގުތު އަދި ހާލަތު ބަޔާންކުރާ ވަގުތެވެ. ގިޔާމަތަކީ ހަމައެކަނި ކަލަންޑަރުގެ ތާރީހެއްގެ ގޮތުގައި ބެލުމުގެ ބަދަލުގައި އެއީ ދުނިޔެ ދެމިއޮތުމަށް ހުރަސް އެޅިގެންދާ ބަދަލުތަކެއްގެ ގޮތުގައި ބެލިދާނެ އެވެ.
މިސާލަކަށް، ފެން ކެކިގަންނަ ހޫނުމިނަކީ 100 ޑިގްރީ ސެލްސިއަސް އެވެ. އެއީ ކަނޑައެޅިފައިވާ މިންގަނޑެކެވެ. ނަމަވެސް އެ ފެން ކެކެން ނަގާ ވަގުތު ބިނާވެގެންވަނީ ކުރެވޭ ހޫނުގެ މައްޗަށެވެ. މި އުސޫލުން ބަލާއިރު ގިޔާމަތުގެ ވަގުތު ކަނޑައެޅިފައިވަނީ ދުނިޔޭގެ ފަސާދަވެރިކަން ވަކި ދަރަޖައަކަށް ދިއުމުގެ މައްޗަށެވެ. ހަދީސްފުޅުތަކުގައި ބަޔާންކުރައްވާފައިވާ ގިޔާމަތުގެ އަލާމާތްތައް ކަމުގައިވާ އަމާނާތްތެރިކަން ގެއްލުމާއި ދޮގުވެރިން ތެދުވެރިންނަށް ބަދަލުވުމާއި ސަބަބެއް ނެތް ގަތުލުއާންމުތައް އިތުރުވުން ފަދަ ކަންކަމަކީ ހަމައެކަނި އިންތިޒާރުކުރަންޖެހޭ ކަންތައްތަކެއް ނޫނެވެ. އެއީ ފޭލްވަމުންދާ ނިޒާމީ ބަލީގެ އަލާމާތްތަކެވެ.
ފަސާދަ އަކީ ދުނިޔެ ފަނާކުރާ އެއްޗެއް ނަމަ އަހްލާގީ އެއްބައިވަންތަކަމާއި އިސްލާހީ މަސައްކަތަކީ ދުނިޔެ ދަމަހައްޓައިދޭ ބާރެވެ. އިބްނު ޚަލްދޫންގެ ޢަޞަބިއްޔާގެ ފަލްސަފާ ކާއިނާތުގެ ނިމުމާ ގުޅުވާލެވިދާނެއެވެ. މުޖުތަމައެއްގައި އިންސާފާއި އެކަކު އަނެކަކަށް އަޅާލުމުގެ ބާރު ހުރިހާ ހިނދަކު އެ މުޖުތަމައެއް ފަނާވުމުން ސަލާމަތްވެއެވެ.
ދުނިޔޭގައި މާތް ﷲ ގެ ޒިކުރުކުރާނެ އެންމެ މީހަކު ހުރި ނަމަވެސް ގިޔާމަތް ގާއިމުނުވާނެ ކަމަށް އޮންނަ ހަދީސްފުޅަކީ މީގެ އެންމެ ބޮޑު ހެއްކެވެ. ކައުއިތުރު ރަސޫލާ ހަދީސްކުރެއްވިއެވެ: "ބިމުގައި މާތް ﷲ ހަނދުމަކޮށް ޒިކުރުކުރާނެ މީހަކު ނެތިއްޖެއުމަށް ދާންދެން ގިޔާމަތް ގާއިމުނުވާ ހުއްޓެވެ" (ސަހީހް މުސްލިމް: 148). މީގެ މާނައަކީ ހަމައެކަނި އެންމެ އިންސާނެއްގެ ހިތުގައިވެސް އިލާހީ މައުރިފާ އާއި އަހްލާގީ ރޫހެއް ހުރި ނަމަ މުޅި ކާއިނާތު ދެމިއޮތުމުގެ މަގުސަދު ހާސިލުވެއެވެ. އެހެންކަމުން، އިންސާނިއްޔަތަށް އޮތް ޒިންމާއަކީ ރޫހާނީ ދެމެހެއްޓެނިވިކަން ގާއިމުކުރުމެވެ. އަހްލާގީ މިންގަނޑުތައް ހިފެހެއްޓުމަކީ ހަގީގަތުގައި ކާއިނާތުގެ ނިޒާމު ފޭލްވިޔަނުދީ ހިފަހައްޓައިދޭ އައްޑަނައެކެވެ.
މި ފަލްސަފާގެ އެންމެ ހައިރާންކުރުވަނިވި ނަތީޖާއަކީ ދުނިޔެ ފަނާވުމަކީ (ގިޔާމަތަކީ) ހާލަތުގައި ރަހުމަތަކަށް ވުމެވެ. އަނިޔާވެރިކަން އިންތިހާއަށް ގޮސް އިންސާނިއްޔަތުގެ ކިބައިން ހެޔޮކަމުގެ ހުރިހާ އަސަރެއް ފޮހެވި ދުނިޔެއަކީ ހަމައެކަނި ވޭނީ ގޮވައްޗަކަށް ބަދަލުވާ ހިނދު، އެ ދުނިޔެ ނައްތާލުމަކީ އިލާހީ އަދުލުވެރިކަމުގެ ބައެކެވެ. އެހިނދު ގިޔާމަތަކީ އިންސާފު ގާއިމުކުރުމަށްޓަކައި ހުޅުވޭ ދޮރެކެވެ. އަދި އެއީ އިންސާނުން އަމިއްލައަށް ހަލާކުކޮށްލި ނިޒާމެއްގެ އާހިރު ނަތީޖާއެވެ.
ގިޔާމަތަކީ އިންސާނުންގެ ޢަމަލުތަކުން އުފެދޭ ފަސާދައެއްގެ ނަތީޖާ ކަމަށް ގަބޫލުކުރުމަކީ އަހަރެމެންގެ މައްޗަށް ބޮޑުވެގެންވާ މަސްއޫލިއްޔަތެއް އޮތްކަން ހަނދާންކޮށްދޭ ކަމެކެވެ. މިއީ މާޔޫސްވާންވީ ކަމެއް ނޫނެވެ. ކައު އިތުރު ރަސޫލާ ﷺ ގެ ހަދީސްފުޅެއްގައިވެއެވެ: "ގިޔާމަތް ގާއިމުވާހިނދު، ތިޔަބައިމީހުންގެ ތެރެއިން މީހެއްގެ އަތުގައި އިންދާނެ ގަހެއް އޮތްނަމަ، އަދި ގިޔާމަތް ގާއިމުވުމުގެ ކުރިން އެ އިންދުމުގެ ކުޅަދާނަކަން އޭނާއަށް ލިބިގެންވާނަމަ، ފަހެ، އޭނާ އެ ގަސް އިންދާ ހުށިކަމެވެ" (މުސްނަދް އަހްމަދު: 12902). މި ހަދީސްފުޅަކީ މި މުޅި ފަލްސަފާގެ ބިންގަލެވެ.
ދުނިޔޭގެ ވަގުތު ކޮންމެ ފަދަ ހާލެއްގައި އޮތް ނަމަވެސް، އިންސާނާގެ ވާޖިބަކީ ބިނާކުރުމެވެ. އަހަރެމެންނަކީ މީޒާން ހިފަހައްޓަން ތިބި މީހުންނެވެ. އަހަރެމެންގެ އަހްލާގީ ހަރުދަނާކަމާއި އަދުލުވެރިކަމާއި އީމާންތެރިކަމަކީ ދުނިޔޭގެ ނިމުން ލަސްކޮށްދޭ އަދި ވުޖޫދުގެ މާނަ ދަމަހައްޓައިދޭ ބާރެވެ. ގިޔާމަތަކީ އަހަރެމެންނާ ދިމާލަށް އަންނަ އެއްޗެއް ނޫނެވެ.
އޭގެ ބަދަލުގައި އަހަރެމެންގެ އަމަލުތަކުން އަހަރެމެން މިދަނީ އެ ދުވަހާ ދިމާލަށް ހިނގަމުންނެވެ. އެހެންކަމުން، އެ ދުވަހުގެ ސިފަ ކަނޑައަޅަނީ މިއަދު އަހަރެމެން ކުރާ އަމަލުތަކުންނެވެ.
ނޯޓް: މިއީ އިސްމާއީލް ނިޒާމުގެ ލިޔުއްވުމެކެވެ.