ދައުލަތުގެ ވެރިއެއްގެ ގޮތުގައި ރައްޔިތުންނަށް ހިދުމަތްކޮށްދިނުމުގެ ޝައުގުވެރިކަން ހުންނެވި ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ނަޝީދު މިހެން ވިދާޅުވީ "ބޮޑު ބަދަލު" ގެ ނަމުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގަ އެވެ.
"އަޅުގަނޑުގެ ޝައުގުވެރިކަން ވަރަށް ބޮޑަށް އެބަހުރި ދައުލަތުގެ ވެރިއެއްގެ ގޮތުގައި ރާއްޖޭގެ ރައްޔިތުންނަށް ހިދުމަތްކޮށްދިނުމަށް،" ނަޝީދު ވިދާޅުވި އެވެ.
މި ނޫސްވެރިންގެ ބައްދަލުވުމުގައި ވަނީ ގާނޫނުއަސާސީއަށް ގެންނަން ހުށަހަޅާ ބަދަލުތައް ހާމަކޮށްފަ އެވެ. މި ބަދަލުތަކުގެ ތަފުސީލު ދެއްވީ އެމްޑީޕީގެ ކުރީގެ ޗެއާޕާސަން އަދި ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް އެވެ.
ނަޝީދު ވިދާޅުވީ މި ބޮޑު ބަދަލު ގެނައުމަށްޓަކައި އެމްޑީޕީގެ ފަރާތުން ފައްޔާޒު ވެރިކަމަށް ގެންނަން ތާއީދުކުރައްވާ ކަމަށެވެ.
"އަދި، އަޅުގަނޑު ހަމަ އެއާ އެކުގައި މަސައްކަތްކުރާނީ ފުރަތަމަ ކަމަކަށް ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ އެމްޑީޕީގެ އެއްބަސްވުމާއި އެ މީހުންގެ ބަލައިގަތުން މި ބަދަލުތަކަށް އަޅުގަނޑުމެން ހޯދުން. އެހެންވީމާ އަޅުގަނޑު ގަސްތުކޮށްފިން އެމްޑީޕީގެ ޗެއާޕާސަން ކަމަށް ކުރިމަތިލާން،" ނަޝީދު ވިދާޅުވި އެވެ.
މިއީ 2028 ވަނަ އަހަރުގެ ފަހުން ހޯދަންޖެހޭ ބަދަލެއް ނޫން ކަމަށް ވިދާޅުވެ، ނަޝީދު ވަނީ ބަދަލުތަކާ ގުޅޭ ގޮތުން މަޝްވަރާކުރެއްވުމަށް މޭޒު ދޮށަށް ވަޑައިގެންނެވުމަށް ސަރުކާރަށް ގޮވާލާފަ އެވެ.
މީގެއިތުރުން ބަދަލުތައް ގެންނަން މަގުމަތީ ހަރަކާތްތައް ވެސް ކުރިއަށްގެންދާނެކަން ނަޝީދު މިއަދު ވަނީ އިއުލާންކުރައްވާފަ އެވެ.