Last Updated: July 11, 13:48
Saturday, July 11, 2026
ދުނިޔެ

މަޝްވަރާތަކުގައި އެމެރިކާގެ ރޭވި ޙީލަތްތެރި ރޭވުން!

އީރާނުގެ މީޑިއާތަކުން ބުނާ ގޮތުގައި، އެމެރިކާގެ ޙީލަތްތެރި ރޭވުމަކީ މަޝްވަރާތަކުގެ ތެރޭގައި އީރާނު އަވަދިނެތި އުޅެނިކޮށް، އެކަމުގެ ފައިދާ ނަގައި ދެ ޑިސްޓްރޯޔަރު ހުރުމޫޒް ކަނޑުއޮޅިއަށް ފޮނުވުމެވެ. ސުވާލަކީ ކީއްވެގެން ހެއްޔެވެ؟ މަޝްވަރާތައް ކުރިއަށް ދިޔައިރު އެމެރިކާއިން މިކަން ކުރަން އުޅުނީ ކީއްވެގެން ހެއްޔެވެ؟

އީރާނުން އަވަދިނެތި އުޅެނިކޮށް، އެމެރިކާގެ ދެ ޑިސްޓްރޯޔާ ހުރުމޫޒް ކަނޑުއޮޅިއަށް ވަން ނަމަ، ހުރުމޫޒު ކަނޑުއޮޅި ހިފާފައިވާކަން އެމެރިކާއިން އިޢުލާން ކުރީހެވެ. އެމެރިކާއިން ހުރުމޫޒް ކަނޑުއޮޅި ހިފާފައިވާ ކަމަށާއި، އެމެރިކާގެ ދެ ޑިސްޓްރޯޔަރ ހުރުމޫޒް ކަނޑުއޮޅީގެ އިސްތިރާޖީ ނުގުތާތައް ނަގާފައިވާކަން ދުނިޔެއަށް އެންގީހެވެ. އަދި އެމެރިކާގެ ޑިސްޓްރޯޔަރ ބޯޓްތަކަށް މިސައިލް

ޙަމަލާ ދީފި ނަމަ، ނިއުކުލިއަ ޙަމަލާއެއް ދޭނެކަމުގެ އިންޒާރުވެސް އީރާނަށް ދިނީހެވެ.

ހަނދާން ބެހެއްޓުން މުހިންމު ނުގުތާއަކީ، ޑިސްޓްރޯޔަރ ބޯޓްތައް ހުރުމޫޒް ކަނޑުއޮޅިއަށް ވާސިލްވިނަމަ، މަޝްވަރާތަކުގައި އީރާނުގެ މަޤާމާއި، ވިލާތުން މިހާތަނަށް ހިފަހައްޓަމުން އައި މަޤާމުވެސް ބަދަލުވެގެން ދިޔައީސްކަން ކަށަވަރެވެ. އަދި ހުރުމޫޒު ކަނޑުއޮޅި ހިފާފައިވާ ކަމަށާއި، އެއްވެސް ނުރައްކަލެއް ނެތް ކަމަށާއި، އަދި ވިލާތުގެ ޤައުމުތަކުގެ ކަނޑުގެ ބާރުތައް އެ ސަރަޙައްދަށް އައުމަށް އެމެރިކާއިން އެންމެ ފުރަތަމަވެސް އެންގީހެވެ. އަދި، އެ ދެ ޑިސްޓްރޯޔަރު ދައްކައިގެން، ވިލާތުގެ ޤައުމުތަކަށް ޓުރަމްޕް މަޖުބޫރުވެސް ކުރީހެވެ.

އެހިސާބުން ހުރުމޫޒް ކަނޑުއޮޅިން ފީ ނެގުމުގައި އީރާނުން ކަނޑައަޅާފައިވާ ޝަރުތު، އުވިގެން ދިޔައީހެވެ. އަދި، މަޝްވަރާތަކުގައި އެމެރިކާއިން އީރާނަށް ގިނަ ޝަރުތުތަކެއް ކުރިމަތިކޮށް، ހުރުމޫޒް ކަނޑުއޮޅީގެ ކޮންޓްރޯލް އީރާނުން ބޭނުންވާނަމަ، އެމެރިކާގެ ހުރިހާ ޝަރުޠެއް ޤަބޫލުކުރަން މަޖުބޫރު ކުރީހެވެ.

މި ހިސާބުން، އެމެރިކާއިން އެކަން ކުރަން އުޅުނުގޮތާއި، އަދި އީރާނުން އެކަން ނާކާމިޔާބު ކޮށްލި ގޮތުގެ ރޭވުމަށް ދަމާ ހިނގާށެވެ. އެމެރިކާއިން، އެ ޤައުމުގެ ދެ ޑިސްޓްރޯޔަރ ހުރުމޫޒު ކަނޑުއޮޅިއަށް ގެންދަން އުޅުނީ އާދައިގެ ވިޔަފާރި ބޯޓުތަކެއްގެ ގޮތުގައެވެ. އެމެރިކާއިން، އޮމާންގެ އައްސޭރިފަށުގެ ސަރަޙައްދު، ހުރުމޫޒް ކަނޑުއޮޅިއަށް ވަނުމަށް އިޚްތިޔާރުކުރީ އީރާނުގެ ރާޑަރުތަކުގެ ރޭންޖުން ސަލާމަތްވުމަށްޓަކައެވެ. އަދި، އޮމާންގެ ސައީދުގެ އެތެރެވަރީގެ ތެރެއިން ލާފައި ހުރުމޫޒަށް ވަނުމުގެ ބޭނުމަކީ އީރާނުގެ ކުދި ސަބްމެރިންތަކުގެ ސަރވައިލެންސު ނިޒާމުން ރެކިގަނެވޭނެ ކަމަށް ހީކޮށްގެންނެވެ.

އެމެރިކާގެ ކަނޑުގެ ސިފައިންގެ ދެ ޑިސްޓްރޯޔަރ ދަތުރުކުރަމުން ދިޔައިރު އީރާނުގެ ކަނޑުގެ ސިފައިން ދިޔައީ އެބޯޓްތަކަށް ފާރަލައި، އެކަން އިންޤިލާބީ ގާޑުންނަށް ބަރާބަރަށް ރިޕޯޓްކުރަމުންނެވެ. އީރާނުގެ ކަނޑުގެ ސިފައިންނަށް، އިންޤިލާބީ ގާޑުން އަންގާފައިވަނީ އެންމެ ފުރަތަމަ އިންޒާރު ދިނުމަށާއި، އަދި އިންޒާރާ ޚިލާފުވެއްޖެނަމަ ވަގުތުން، އެ ދެ ޑިސްޓްރޯޔަރު ގޮއްވާލުމަށެވެ.

އެ އިންޒާރުތައް ފަނަރަ މިނެޓާއި، ވިހި މިނެޓާ ދެމެދުގެ މުއްދަތަކަށް ދިގު ދެމިގެން ދިޔައިރު، އެ ދެ ޑިސްޓްރޯޔަރ ބޯޓު ވަގުތުން ހުއްޓުމަކަށް ގެނެވުނެވެ. އެމެރިކާއިން ހީކުރީ، ހުރުމޫޒް ކަނޑުއޮޅީގެ އައްސޭރީގައި ހުރި އީރާނުގެ ހުރިހާ މިސައިލް ބޭސްތަކެއް ނައްތާލެވިފައިވާ ކަމަށެވެ. އެކަމަކު، އީރާނުން އިންޒާރުދިން ގޮތުގައި ސަތާރަ މިސައިލް ވަނީ އަމާޒުކޮށް ތަޅުލައި، އިންޒާރުގެ ފަހުން މަދު މިނިޓުކޮޅެއްގެ ތެރޭގައި ބޯޓުތަކާއި ދިމާއަށް ފޮނުވާލާނެ ކަމަށެވެ. އީރާނުގެ އިންޒާރު، އެ ދެ ބޯޓުގެ ކެޕްޓަނުން ޤަތަރުގައި ހުންނަ އެމެރިކާގެ ޓެކްޓިކަލް ކޮމާންޑް ސެންޓަރުގެ ނޭވަލް ހެޑްކުއާޓަރަށް ފޮނުވުމުން، އެ ސަރަޙައްދުން ފަހަތަށް ޖެހުމަށް ވަގުތުން އަމުރު ކުރިއެވެ.

އެގޮތުން މުޅި މިޝަން ނިމުނީ އީރާނުން، އެމެރިކާއަށް އެއްވެސް ގެއްލުމެއް ނުދީއެވެ. އީރާނުން ބޭނުންވިނަމަ ދެ ޑިސްޓްރޯޔަރު ފައްތާލައި، ހަނގުރާމަ އިތުރަށް ފުޅާކުރެވިދާނެ އެވެ. ނަމަވެސް މަޝްވަރާތަކުގައި ޙަމަލާދިން ކަމުގެ ތުހުމަތު އީރާނުގެ ބޮލުގައި ނޭޅުވޭނޭ ގޮތަށް އީރާނުން އިސްކަންދިނީ ޑީ އެސްކަލޭޝަނަށެވެ.

ނޯޓް: މިއީ ހަސަން ލުތުފީގެ ލިޔުއްވުމެކެވެ.