Last Updated: June 5, 22:30
Friday, June 5, 2026
ޚަބަރު

ޕީއެންސީގެ ޕްރައިމަރީގައި ސައީދު ވާދަ ކުރަނީ

ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި އިލެކްޝަންގައި ޕީއެންސީގެ ޕްރައިމަރީގައި ވާދަކުރައްވަން ހިތަދޫ މޫލެކެޑެ ދާއިރާގެ ކައުންސިލަރު އަހުމަދު ސައީދު ނިންމަވައިފި އެވެ.

ހިތަދޫ އުތުރު ދާއިރާގެ ގޮނޑި ހުސްވެފައިވާ ކަމަށް ސުޕްރީމް ކޯޓުން ކަނޑައެޅީ އެ ގޮނޑި ފުރުއްވަމުން ގެންދެވި ޕީއެންސީ އަށް ނިސްބަތްވާ މުހައްމަދު ސިނާންގެ މައްޗަށް ސާބިތުވި ދަރަނި ހުކުމާ އެއްގޮތަށް ދައްކާފައި ނުވުމުގެ ސަބަބުންނެވެ.

ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން އަންނަ ޖޫން މަހުގެ 6 ވަނަ ދުވަހު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ނިންމައިފި އެވެ.

މި ބައި އިލެކްޝަންގައި ޕީއެންސީގެ ޓިކެޓަށް އެދުމުގެ ފުރުސަތު މިއަދު ހަވީރު 6 ގެ ނިޔަލަށް ހަމަވެފައިވާއިރު، ޕްރައިމަރީގައި ވާދަކުރައްވަން ފޯމު ހުށަހަޅާފައިވާކަން އަހުމަދު ސައީދު ވަނީ "އައްޑޫލައިވް" އަށް ކަށަވަރުކޮށްދެއްވާފަ އެވެ.

މި ޕްރައިމަރީގައި ވާދަކުރައްވަން އެ ގޮނޑި މީގެކުރިން ފުރުއްވި މުހައްމަދު ސިނާން ވެސް ވަނީ ފޯމު ހުށަހަޅުއްވާފަ އެވެ.

ޕީއެންސީ ޕްރައިމަރީ ބާއްވާނީ މި މަހުގެ 25 ގަ އެވެ.

މި ގޮނޑިއަށް އެމްޑީޕީގެ ޓިކެޓުގައި ވާދަކުރައްވަނީ އައްޑޫގެ ކުރީގެ މޭޔަރު އަބްދުﷲ ސޯދިގު (ސޯބެ) އެވެ. އަދި އަމިއްލަ ގޮތުން ވާދަކުރަން ދެ ބޭފުޅަކު ވެސް ވަނީ ޝައުގުވެރިކަން މިހާތަނަށް ފާޅުކޮށްފަ އެވެ.