އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ މެންޗެސްޓާ ސިޓީން 2-1 އިން އާސެނަލް ބަލިކުރުމުން، ލީގު ހޯދުމުގެ ރޭސް ފޯރިގަދަވެއްޖެ އެވެ.
މި ނަތީޖާއާއެކު އާސެނަލް ލީގުގެ އެއްވަނައިގައި މިހާރު އޮތީ 33 މެޗުން ލިބުނު 70 ޕޮއިންޓާއެކު އެވެ. ލީގުގެ ދެވަނައިގައި އާސެނަލަށް ވުރެ އެއް މެޗު މަދުން ކުޅެ 67 ޕޮއިންޓާ އެކު އޮތީ ސިޓީ އެވެ. ސިޓީ އަންނަ ބުދަ ދުވަހުގެރޭ ބާންލީއާ ދެކޮޅަށް ކުޅޭ މެޗުން މޮޅުވެއްޖެ ނަމަ އާސެނަލްއާ ޕޮއިންޓުގެ ގޮތުން އެއްވަރުވާނެ އެވެ.
އަމިއްލަ ދަނޑުގައި ކުޅުނު މެޗުގެ 16 ވަނަ މިނެޓްގައި ރަޔަން ޗާކީ ވަނީ ހިތްގައިމު ގޯލެއް ކާމިޔާބުކޮށްދީ ސިޓީއަށް ލީޑު ނަގައިދީފަ އެވެ. ނަމަވެސް އޭގެ ދެ މިނެޓް ފަހުން ކައި ހަވެޓްޒް ވަނީ އާސެނަލަށް ނަތީޖާ އެއްވަރުކޮށްދީފަ އެވެ. މިއީ ސިޓީގެ ގޯލްކީޕަރު ޑޮނަރުއްމާ އަށް ހެދުނު ގޯހެއްގެ ފައިދާ ނަގައި ހަވެޓްޒް ކާމިޔާބުކުރި ގޯލެކެވެ.
ދެ ޓީމުވެސް އެއްވަރެއްގައި އޮވެ ފުރަތަމަ ހާފް ނިމުނުއިރު، ދެވަނަ ހާފުގެ ކުރީކޮޅު ސިޓީގެ އާލިން ހާލަންޑް އަދި އާސެނަލްގެ އެބެރެޗީ އެޒޭ ދުރުން ފޮނުވާލި ހަމަލާއެއް ގޯލުގެ ދަނޑިއަށް އަމާޒުވި އެވެ. މި މެޗުން ސިޓީ މޮޅުވި ގޯލު މެޗުގެ 65 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ ހާލަންޑް އެވެ. މިއީ އާސެނަލްގެ އޭރިއާ ތެރެއަށް އޮރެއިލީ ހުރަސްކޮށްލި ބޯޅައަކުން ހާލަންޑް ކާމިޔާބުކުރި ގޯލެކެވެ.
މެޗުގެ ފަހު ވަގުތުކޮޅުތެރޭ ނަތީޖާ އެއްވަރުކުރަން އާސެނަލުން ވަރަށް ބޮޑަށް ކުރިއަށް ޖެހިލައިގެން ކުޅުނުއިރު، އެންމެ ރަނގަޅު ފުރުސަތެއް ލިބުނީ ހަވެޓްޒް އަށެވެ. ނަމަވެސް ސިޓީގެ އޭރިއާ ތެރޭ ހުރެ އޭނާ ބޮލުން ފޮނުވާލި ހަމަލާ ދިޔައީ ގޯލުގެ ކުޑަތަންކޮޅެއް މަތިން ބޭރަށެވެ.