ސްޓުޓްގާޓް އަަތުން 4-2 އިން މޮޅުވެ، ބަޔާން މިއުނިކުން ޖަރުމަނު ލީގު ޗެމްޕިއަންކަން 35 ވަނަ ފަަހަރަށް ހޯދައިފި އެވެ.
ބަޔާނުން ވަނީ އެންމެ ފަހުން، ކުޅުނު 14 ސީޒަނުގެ ތެރެއިން 13 ފަހަރު ލީގު ޗެމްޕިއަންކަން ހޯދައިފަ އެވެ.
ރޭގެ މެޗަށް ނުކުތްއިރު، ބަޔާނަށް ލީގު ކަށަވަރުކުރަން ބޭނުންވެފައި އޮތީ އެންމެ ޕޮއިންޓެކެވެ. އެއީ، ލީގުގެ ދެ ވަނައިގައި އޮތް ބޮރޫޝިއާ ޑޯޓްމަންޑުން އެންމެފަހުން ކުޅުނު މެޗުން ހޮފެންހަައިމް އަތުން 2-1 އިން ބަލިވުމުންނެވެ.
ލީގު ތާވަލުގެ އެއް ވަނައިގައި ބަޔާން އޮތީ 30 މެޗުން 79 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް ޑޯޓްމަންޑަށް ވަނީ 30 މެޗުން 64 ޕޮއިންްޓް ލިބިފަ އެެވެ. ލީގުގައި ބާކީ އަދި ހަތަރު މެޗު އެބައޮތެވެ.
ބަޔާން ދަނޑުގައި ރޭ ލީޑުނެގީ ސްޓުޓްގާޓުންނެވެ. އެ ގޮތުން، މެޗުގެ 21 ވަނަ މިނިޓްގައި ކްރިސް ފުހްރިޗް ވަނީ ލަނޑެއް ޖަހައި ސްޓުޓްގާޓަށް ކުރިހޯދައިދީފަ އެވެ. އޭގެ 10 މިނިޓް ފަހުން، މެޗުގެ 31 ވަނަ މިނިޓްގައި ރަފައެލް ގަރޭރޯ ވަނީ ލަނޑެއް ޖަހައި، ބަޔާނަށް އެއްވަރުކޮށްދީފަ އެވެ. އޭގެ ދެ މިނިޓް ފަހުން، ނިކޮލަސް ޖެކްސަން ވަނީ ބަޔާނަށް ލީޑުނަގައިދީފަ އެވެ.
މެޗުގެ 37 ވަނަ މިނިޓްގައި ބަޔާންގެ ތިން ވަނަ ލަނޑު ޖެހީ ލުއިސް ޑިއާޒް ދިން ބޯޅައަކުން އަލްފަންސޯ ޑޭވިސް އެވެ. ދެ ވަނަ ހާފުގެ ކުޅުން ފެށިގެން ހަތް މިނިޓް ތެރޭ ބަޔާނުން ހަތަރު ވަނަ ލަނޑު ޖެހި އެެވެ. މި ގޯލު ކާމިޔާބުކުރީ ހެރީ ކޭން އެވެ.
މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ދެ މިނިޓަށް ވެފައި ހުއްޓައި، ސްޓުޓްގާޓަށް ދެ ވަނަ ލަނޑު ކާމިޔާބުކޮށްދިނީ ޗެމާ އަންދްރޭސް އެވެ.
ލީގު ޗެމްޕިއަންކަން ބަޔާނުން ހޯދިއިރު އެޓީމަށް އަދި މި ސީޒަނުގައި އިތުރު ދެ ތަށި ކާމިޔާބުކުރުމުގެ ފުރުސަތު އެބައޮތެވެ. ޖަރުމަނު ކަޕާއި ޗެމްޕިއަންސް ލީގެވެ. ޖަރުމަނު ކަޕް ސެމީ ފައިނަލުގައި ލެވަކޫސަނާ ކުޅެން ޖެހޭއިރު، ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލުގައި ކުޅޭނީ އެންމެ ފަހުގެ ޗެމްޕިއަން ޕީއެސްޖީއާ އެވެ.