ވެރިކަން ކުރާ، ޕާޓީ ޕީއެންސީގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް މޫސާ ފަތުޙީ އައްޔަންކޮށްފި އެވެ.
އޭނަ އެ މަގާމަށް އައްޔަން ކުރުމާ ގުޅިގެން ޕާޓީގެ ފަރާތުން މިއަދު މަރުހަބާ ވެސް ކިޔާފައިވެ އެވެ. ފަތުހީ އަކީ ކެބިނެޓަށް މިދިޔަ ހަފުތާގައު ގެނައި ބަދަލާ އެކު އުވައިލި ލޯކަލް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރެއްގެ މަގާމުގައި ހުންނެވި ބޭފުޅެކެވެ.
ޕީއެންސީ އަށް އާ އެސްޖީއަކު އައްޔަންކުރީ އެ މަގާމުގައި ކުރިން ހުންނެވި މުއާޒު ހަލީމް މީގެ ދެ ދުވަސް ކުރިން މަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. އޭނަ އަކީ ޑިފެންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރެކެވެ.
މުއާޒް ޕީއެންސީގެ އެސްޖީގެ މަގާމުން އިސްތިއުފާ ދެއްވީ ޕާޓީގެ ހިންގުން ހަރުދަނާކޮށް، ރައްޔިތުންގެ ވިންދާ އެއްގޮތަށް ޕާޓީގެ މަސައްކަތްތައް ބައްޓަންކޮށް، ފުރިހަމަ ނަތީޖާ ޙާޞިލް ކުރެވޭ ޕާޓީއަކަށް ޕާޓީ ހެދުމަށް ޕާޓީގެ ރައީސް، ރައީސް ޑރ. މުހައްމަދު މުއިއްޒު ފައްޓަވާފައިވާ ހަރުދަނާ މަސައްކަތްތަކަށް ފުރިހަމަ އެއްބާރުލުން ދިނުމަށް ބޭނުންވާތީ ކަމަށް ވިދާޅުވެ އެވެ.
އަދި ޕާޓީގެ އެސްޖީގެ މަގާމަށް އޭނާއަށް ވުރެ ފުރިހަމައަށް ވަގުތު ދެވޭނެ ބޭފުޅަކު މި ވަގުތު ހުރުމަކީ މުހިއްމު ކަމެއްގެ ގޮތުގައި ދެކޭ ކަމަށް ވެސް މުއާޒު ވިދާޅުވެފައިވެ އެވެ.
އޭނަ އެ މަގާމަށް އައްޔަންކުރީ މިދިޔަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގަ އެވެ.