Last Updated: June 5, 06:06
Friday, June 5, 2026
ޚަބަރު

ޕީއެންސީގެ ޓިކެޓަށް ވާދަކުރަނީ ސިނާނާއި ސައީދު

ހުސްވެފައިވާ އައްޑޫ ހިތަދޫ އުތުރު ދާއިރާގެ މަޖިލިސް ގޮނޑި އަށް ޕީއެންސީގެ ފަރާތުން ވާދަކުރާނެ ކެންޑިޑޭޓަކު ކަނޑައެޅުމަށް ބާއްވާ ޕްރައިމަރީގައި ވާދަކުރައްވާނީ ދެ ބޭފުޅަކު ކަމަށް އެ ޕާޓީން މިއަދު ބުނެފި އެވެ.

އެ ދެ ބޭފުޅުންނަކީ ގޮނޑި ގެއްލުނު ކުރީގެ މެންބަރު މުހައްމަދު ސިނާނާއި ހިތަދޫ މޫލެކެޑެ ދާއިރާގެ ކައުންސިލަރަކަށް މިހާރު ހުންނެވި އަހުމަދު ސައީދެވެ. ސައިދަކީ މި މަހުގެ 4 ގައި ބޭއްވި ކައުންސިލް އިންތިހާބުގައި ޕީއެންސީގެ ޓިކެޓްގައި މޫލެކެޑެ ދާއިރާ އަށް ވާދަކުރައްވައި ނާކާމިޔާބުވެވަޑައިގަތް ބޭފުޅެކެވެ.

އަދި އޭނަ އަކީ މިހާރު އައްޑޫ ސިޓީ ކައުންސިލްގައި ތިއްބެވި ކައުންސިލަރުންގެ ތެރެއިން ދެވަނަ ދައުރަކަށް ވާދަކުރައްވައި ނާކާމިޔާބުވި ހަމައެކަނި ކައުންސިލަރެވެ.

ހިތަދޫ އުތުރު ދާއިރާގެ މަޖިލިސް ގޮނޑި ހުސްވީ އެ ދާއިރާގެ މެންބަރަކަށް ހުންނެވި ސިނާންގެ މައްޗަށް ސާބިތު ދަރަނީގެ މައްސަލައެއް ސާބިތުވެ، ގޮނޑި ގެއްލިފައިވާ ކަމަށް ސުޕްރީމް ކޯޓުން މި މަހުގެ 12 ގައި ހުކުމް ކުރުމާ ގުޅިގެންނެވެ.

ޕީއެންސީން ބުނީ ބައި-އިލެކްޝަން އެ ޕާޓީގެ ފަރާތުން ޕާޓީން ވާދަކުރައްވާނެ ކެންޑިޑޭޓަކު ކަނޑައެޅުމަށް ބާއްވާ ޕްރައިމަރީ އޮންނާނީ މި މަހުގެ 25 ގައި ކަމަށެވެ. ވޯޓްލުން ކުރިއަށް ގެންދާނީ އެ ދުވަހުގެ ހެނދުނު 9:00 އިން ހަވީރު 4:00 އަށެވެ. ވޯޅުން ކުރިއަށް ގެންދާނީ ޕީއެންސީގެ އިންތިހާބީ ކޮމިޓީގެ ބެލުމުގެ ދަށުންނެވެ.

ބައި-އިލެކްޝަން ބާއްވަން އިލެކްޝަން ކޮމިޝަން (އީސީ) އިން ނިންމާފައި ވަނީ ޖޫން 14 ގަ އެވެ.

ޕީއެންސީގެ ފަރާތުން ބައި-އިލެކްޝަނަށް ކުރިމަތިލާނެ ކެންޑިޑޭޓަކު ކަނޑައެޅުމަށް ޕްރައިމަރީ ބާއްވާ އިރު، އެމްޑީޕީގެ ފަރާތުން ގޮނޑި އަށް ވާދަކުރައްވަނީ އައްޑޫގެ ކުރީގެ މޭޔަރު އަބްދުﷲ ސޯދިގް (ސޯބެ) އެވެ. އޭނަ އަށް ޓިކެޓް ލިބުނީ އެމްޑީޕީގެ ފަރާތުން އިތުރު މީހަކު ވާދަނުކުރާތީ އެވެ.

އެ ގޮނޑި އަށް އަމިއްލަ ގޮތުން ބައެއް މީހުން ވާދަކުރަން ނިންމާފައިވެ އެވެ.