Last Updated: June 4, 23:58
Thursday, June 4, 2026
ރިޕޯޓް

ލަގަނެއް ނެތް ތަރައްގީ؛ ގައުމަށް އެންމެ ބޮޑު ނުރައްކާ!

ކޮންމެ ގައުމެއްގައި ވެސް އެ ގައުމެއްގެ ކުރިމަގާއި، މިނިވަންކަމާއި، އަދި ރައްޔިތުންގެ ސަލާމަތަށް ނުރައްކާވެދާނެ ކަންތައްތަކެއް ހުރެއެވެ. ދިވެހިރާއްޖެއަށް ބަލާއިރު، މިދިޔަ އަށާރަ އަހަރުގެ ތަޖުރިބާއިން ފެނިގެންދިޔައީ ގައުމުގެ ސިޔާދަތާއި އިސްތިގުލާލަށް ކުރިމަތިވި ތަފާތު ގޮންޖެހުންތަކެވެ. ޚާއްޞަކޮށް، 2018 ވަނަ އަހަރު ރައްޔިތުން ގެނައި ބޮޑު ބަދަލާއެކު، ގައުމު އެނބުރުނު މިސްރާބާ މެދު މިއަދު ވަނީ ސުވާލު އުފެދިފަ އެވެ.

ދެހާސް އަށާރަ ވަނަ އަހަރު ދިވެހި ރައްޔިތުން ގައުމުގެ ވެރިކަމާއި، މަޖިލިސްގެ މެޖޯރިޓީ އެމްޑީޕީއާ ހަވާލުކުރީ ވަރަށް ފޮނި އުންމީދުތަކަކާ އެކުގައެވެ. އޭރު ރައްޔިތުން އެދެމުންދިޔައީ އަދުލުވެރިކަމާއި، ހަމަހަމަކަމާއި، އަދި ދެފުށް ފެންނަ ވެރިކަމެއް ބިނާކުރުމަށެވެ.

ވަކިން ޚާއްސަކޮށް އެމް.އެމް.ޕީ.އާރު.ސީ ގެ ބޮޑު ފަސާދައިގެ މައްސަލަ ބަލައި ކުށްވެރިވާ މީހުންނަށް ގާނޫނީގޮތުން ޙައްގުވާ އަދަބު ދިނުމާއެކު، ދައުލަތުން ގެއްލިފައިވާ ބިލިއަނެއްހައި ރުފިޔާގެ ފައިސާ އަނބުރައި ހޯދުމަށެވެ. އަދި ގޮތް ނޭނގޭ މަރުތަކުގެ ފުރިހަމަ ތަޙްގީގެއް ހިންގައި ކުށްވެރިން ޝަރީޢަތުގެ ކުރިމައްޗަށް ގެނެސްދިނުމަށެވެ. ނަމަވެސް، ފަސް އަހަރުގެ ދައުރު ނިމިގެންދިޔައިރު، ރައްޔިތުންގެ އެ އުންމީދުތައް ހާސިލުކުރެވުނީ ކިހައި މިންވަރަކަށްތޯ ބަލާއިރު، ފެންނަން އޮތީ މާޔޫސްކަމެވެ.

ނަމަވެސް، އިބުރާހިމް މުޙައްމަދު ސޯލިޙްގެ ވެރިކަމަކީ ގައުމަށް އެއްވެސް ކާމިޔާބީތަކެއް ނުލިބޭ ވެރިކަމެކޭ ދަންނަވާކަށް ނެތީމެވެ. އެމަނިކުފާނުގެ ސަރުކާރުން އުމްރާނީ ތަރައްޤީގެ ބޮޑެތި މަޝްރޫޢުތަކަށް ސަމާލުކަމެއް ދެއްވިއެވެ. ކުޑަ ރަށެއް ބޮޑު ރަށެއް ބެއްލެވުމަކާ ނުލައި މުޅި ރާއްޖޭގެ ހުރިހައި ސަރަހައްދަކަށް އަމާޒުކޮށްގެން ތަރާއްގީގެ ބޮޑެތި ޕުރޮޖެކްޓްތައް ހިންގުނެވެ.

އޭގެ ސަބަބުން މާޒީވެދިޔަ ވެރިކަންތަކުގައި އަޅާނުލެވި ދޫކުރެވިފައިވާ ކުދި އާބާދީތަކަށް އެމަނިކުފާނުގެ ވެރިކަމުގައި ހިތްހަމަޖެހުމާއި އުފާވެރިކަން ގެނެސްދެއްވިއެވެ. ނަމަވެސް، ތަރައްޤީގެ އެ ބާރު މިނާއެކު ދިވެހިންނަށް ބޮޑު އަގެއް ދައްކަންޖެހުނެވެ. އެއީ ދަރަނި އިތުރުވުމާއި، މާލީ ކަންކަމުގައި ސާފުކަން ނެތުމާއި، އެތައް އަހަރުތަކަކަށް ގައުމަށް ބުރަވާނެ ދަރަނިތަކަށް ބަރޯސާވުމެވެ.

ގައުމެއްގެ ތަރައްގީއަކީ ހަމައެކަނި އުމްރާނީ ވަސީލަތްތަކާއި އިމާރާތްތައް ބިނާކުރުމެއް ނޫނެވެ. ހަގީގީ މާނައިގައި ގައުމެއް ކުރިއަރައި ދިއުމުގައި ގިނަގުނަ އަސާސްތަކެއް އެކުލެވިގެންވެއެވެ. އޭގެ ތެރޭގައި ދެމެހެއްޓެނެވި އިގްތިސާދީ ކުރިއެރުމާއި، އިޖުތިމާއީ އަދުލުވެރިކަމާއި، ގައުމީ ސަލާމަތުގެ އިތުރުން، ދީނީ އަދި ސަގާފީ ހަމަޖެހުން ހިމެނެއެވެ. މި ހުރިހާ ބަހާތަކެއްގެ މެދުގައި ފުރިހަމަ ހަމަހަމަކަމެއް ގާއިމުވެފައި އޮންނަންޖެހޭނެއެވެ. އެހެންނޫންނަމަ، ތަރައްގީގެ ތިލަފަތް ވަކިކޮޅަކަށް ބުރަވެ، ގައުމުގެ އަސްލު ބިންގާ ބަލިކަށިވެގެންދާނެއެވެ. ރައީސް ސޯލިޙްގެ ސަރުކާރުން ސިޔާސީ މަންފާއަށްޓަކައި ބޭރުގެ އެހީތަކަށް މާބޮޑަށް ބަރޯސާވާންޖެހުމުގެ ސަބަބުން، އިގްތިސާދީ މިނިވަންކަން ގެއްލި ގައުމަށް ކުރިމަތިވި ގޮންޖެހުންތަކަކީ މިއަދު އަޅުގަނޑުމެން ފުންކޮށް ވިސްނަންޖެހިފައިވާ ހިތްދަތި ހަގީގަތެކެވެ.

އަޅުގަނޑުމެންގެ ގައުމަށް ތަރައްގީ ބޭނުންވެއެވެ. އެހެންނަމަވެސް، ގައުމުގެ ތަރައްގީގެ ދުވެލި ބައްޓަންކުރަންވާނީ އިސްލާމީ މަތިވެރި އުސޫލުތަކާއި ގައުމީ މަސްލަހަތުގެ ހަރުދަނާ އިންތަކުގެ ތެރޭގައެވެ.

ކޮންމެ ސަރުކާރަކުން ވެސް އިސްކަންދޭން ވާނީ ހަމައެކަނި ކުރު މުއްދަތުގެ ތަރައްގީއަކަށް ނޫނެވެ. އޭގެ ބަދަލުގައި، އަންނާން އޮތް ޖީލުތަކަށްޓަކައި ގައުމުގެ ސިޔާދަތާއި އިގްތިސާދީ މިނިވަންކަން ދެމެހެއްޓެނިވި ގޮތެއްގައި ރައްކާތެރިކޮށްދިނުމަކީ ދައުލަތުގެ އެންމެ މަތީ ވާޖިބެވެ.

މިއަދު ރާއްޖޭގެ ސިޔާދަތަށް އޮތް ހަގީގީ އެންމެ ބޮޑު ނުރައްކަލަކީ، އެމަނިކުފާނު ލަގަން ނާޅުވާ ދުއްވި ތަރައްގީގެ ސްޕީޑްގެ ސަބަބުން ގައުމުގެ އާމްދަނީއާއި ނުބައްދަލު މިންވަރަށް ދަރަނިވެރިވުމެވެ. އެގޮތުން ބޭރުގެ ބޮޑެތި ދަރަނީން ކުރިއަށްގެންދެވުނު މަޝްރޫއުތަކުގެ ސަބަބުން، ގައުމުގެ މުސްތަގުބަލް ވަނީ ނުރައްކަލެއްގެ ތެރޭގައެވެ. މިފަދަ "ބާރު" މިނުގައި ދާ ތަރައްގީއަކީ އޭގެ ސަބަބުން ގައުމުގެ މިނިވަންކަމުގެ ތަޅުދަނޑި ބޭރުގެ ފަރާތްތަކުގެ އަތްމައްޗަށް ދޫވެގެން ހިނގައިދާނެ ކަމެކެވެ. ހަގީގީ ތަރައްގީއަކީ ގައުމުގެ އަމިއްލަ ފައިމައްޗަށް ތެދުވެވޭނެ ފަދަ، ދެމެހެއްޓެނިވި ހަރުދަނާ ސިޔާސަތުތަކެއްގެ މައްޗަށް ބިނާވެފައިވާ ކަމަކަށް ވާންޖެހެއެވެ.

ރައީސް އިބްރާހިމް މުޙައްމަދު ސޯލިޙްގެ ވެރިކަމުގައި ރައްޔިތުން އުންމީދުކުރި ހަމަޖެހުމާއި ތަނަވަސްކަމުގެ ބަދަލުގައި، ފެނިގެން ދިޔައީ ބޭރުގެ ނުފޫޒުތަކުގެ ކުރިމަތީގައި ގައުމުގެ ސިޔާދަތު ބަލިކަށިވެގެން ދިޔަ މަންޒަރެވެ. އަސްލު ތަރައްގީ އަކީ ގައުމުގެ އިގްތިސާދު ރަނގަޅުކުރެވި ރައްޔިތުންގެ ޖީބަށް ވަންނަ އެއްޗެއް އިތުރުވުމެވެ. އެކަމެއް ނުކުރެވުނެވެ.