ތިލަމާލެ ބްރިޖްގެ މަސައްކަތް ކުރިއަށްދާ ސްޕީޑް ވަރަށް ވެސް ލަސްކަމަށާއި އެކަން ކުރިއަށްދާ ސްޕީޑާ ދެމެދު ހިތްމަޖެހިވަޑައިނުގަންނަވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރައީސްގެ މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވީ އެ މަޝްރޫއު އަވަސް ކުރެވޭތޯ މިހާތަނަށް ގިނަ މަޝްވަރާތަކެއް ވެސް، އެ މަޝްރޫއު ކުރިއަށް ގެންދާ އިންޑިއާއާ އެކު، ކުރެވިފައިވާ ކަމަށެވެ. އިބްރާހީމް މުހައްމަދު ސޯލިހްގެ ސަރުކާރުގައި ފެށ ތިލަމާލެ ބްރިޖް މަޝްރޫއުގެ މަސައްކަތް ކުރިއަށް ގެންދަނީ އިންޑިއާގެ އެފްކޮންސް އިންފްރާންސްޓްރަކްޗާއިންނެވެ.
މި މަޝްރޫއާ ގުޅޭ ގޮތުން ރައީސް ވިދާޅުވީ މަސައްކަތުގެ ސްޕީޑް ވަރަށް ވެސް ލަސް ކަމަށެވެ. އެކަމަކު މުއްދަތު އިތުރުކޮށް ދޭން އިންޑިއާ އިން ދާދި ފަހުން ވެސް އެދިފައިވާ ކަމަށެވެ. އެގޮތުން މި އަހަރު ބްރިޖް ނިންމަން ކުރިން އޮތް ނަމަވެސް މިހާރު އެ މަސައްކަތް ނިމޭނެ ކަމަށް ބުނެފައި ވަނީ އަންނަ އަހަރު ކަމަށް ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ބްރިޖްގެ މަސައްކަތް ލަސް ނަމަވެސް މަސައްކަތްތައް ހުއްޓުމެއް ނެތި ކުރިއަށްދާ ކަމަށެވެ. އެހެންވެ އިންތިޒާރު ކުރެވެނީ ނިމޭނެ އިރަކަށް ކަމަށެވެ.
"އެކަމަކު އެ މަޝްރޫއު ކުރިއަށްދާލެއް ހަމަ ވަރަށް ލަސް. އަޅުގަނޑު ހަަމަ އެއްގޮތަކަށް ވެސް ހިތްހަމައެއްނުޖެހޭ މަސައްކަތް ކުރިއަށްދާ ސްޕީޑާ މެދު." ރައީސް ވިދާޅުވި އެވެ.
ތިލަމާލެ ބްރިޖަކީ 500 މިލިއަން ޑޮލަރު (6.2 ބިލިއަން ރުފިޔާ) ގެ މަޝްރޫއެކެވެ. މީގެ ތެރެއިން 100 މިލިއަން ޑޮލަރު (1.55 ބިލިއަން ރުފިޔާ) އަކީ އިންޑިއާގެ ހިލޭ އެހީ އެވެ. ބްރިޖުގެ މަސައްކަތުގައި ތުރުކީ، ޖަރުމަން އަދި އޮސްޓްރޭލިޔާގެ މާހިރުން ވެސް ބައިވެރިވެ އެވެ.
ތިލަމާލެ ބްރިޖް މަޝްރޫއަކީ ރާއްޖޭގައި މިހާރު ކުރިއަށްދާ އެންމެ ބިޔަ އުމްރާނީ މަޝްރޫއެވެ.