ބޮލީވުޑްގެ ތަރި، ސަލްމާން ޚާންގެ ފިލްމުގެ ޝޫޓިން ފަށައިފި އެވެ.
މީޑިއާތަކުން ބުނީ ނެޝަނަލް އެވޯޑް ހޯދާފައިވާ ދެކުނުގެ ޑައިރެކްޓަރު ވަމްޝީ ޑައިރެކްޓްކުރާ ފިލްމުގެ ޝޫޓިން އިއްޔެ މުމްބާއީގައި ރަސްމީކޮށް ފަށާފައިވާ އިރު، ދެ ހަފުތާގެ ޝެޑިއުލެއް މުމްބާއީގައި ކުރިއަށް ގެންދަން ޕްލޭންކޮށްފައިވާ ކަމަށެވެ.
ނަން އަދި ހާމަ ނުކުރާ، ބޮޑު ބަޖެޓަކުން ހަދާ އެކްޝަން ފިލްމަކީ ދިލް ރާޖޫ ޕްރޮޑިއުސްކުރާ ފިލްމެކެވެ.
ސަލްމާނާ އެކު ފިލްމުގެ ބަތަލާގެ ރޯލު ކުޅެނީ ދެކުނުގެ މަޝްހޫރު ބަތަލާ ނަޔަންތަރާ އެވެ. އޭނަ އަކީ ޝާހްރުކް ޚާންގެ 2023 ގެ 'ޖަވާން' ގެ ވެސް ބަތަލާ އެވެ.
ރިޕޯޓްތައް ބުނާ ގޮތުން ސަލްމާންގެ އާ ފިލްމުގެ ކާސްޓްގައި އަނިލް ކަޕޫރާއި އަރުވިންދު ސްވާމީ ވެސް ހިމެނެ އެވެ. އެކަމަކު އެކަން ފިލްމުގެ ޓީމުން މިހާތަނަށް ކަށަވަރުކޮށް ދީފައެއް ނުވެ އެވެ.
ސަލްމާންގެ ކުރިއަށް އޮތް ފިލްމަކީ ކުރިން މި މަހަށް ތާވަލު ކުރުމަށް ފަހު، މިހާރު ވަކި ތާރީހެއް ކަނޑައަޅާފައި ނެތް ޑައިރެކްޓަރު އަޕޫރްވާ ލާކިއާގެ ހަނގުރާމަ ފިލްމު 'މާތުރަބޫމީ' އެވެ. އުމުރުން މިހާރު 60 އަހަރުގެ އެކްޓަރު އެންމެ ފަހުން ފެނިފައި ވަނީ މިދިޔަ އަހަރުގެ އެކްޝަން ޑްރާމާ 'ސިކަންދަރު' އިންނެވެ.