Last Updated: June 5, 06:06
Friday, June 5, 2026
ޚަބަރު

ޑޮލަރުގެ އަގު ދަށްވާނެ އިރެއް ނުދެންނެވުނު

ޑޮލަރުގެ އަގު އުފުލި ޑޮލަރުގެ ކަޅު ބާޒާރެއް އުފެދިފައިވާ އިރު، އަގު ދަށްވާނީ ކޮން އިރަކުންތޯ ކުރި ސުވާލަށް ޖަވާބު ނުދެއްވައި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ތަފާސްހިސާބުތަކެއް ހިއްސާކުރައްވައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ އަށް މިނިސްޓަރު ހާޒިރު ކުރުމުން އެމްޑީޕީގެ ޕީޖީ ލީޑަރު އަދި ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ނާޒިލާއި އާއި ވައިކަރަދޫ ދާއިރާގެ އެމްޑީޕީ މެންބަރު ހުސައިން ޒިޔާދު ކުރެއްވި ސުވާލުތަކާ ގުޅިގެން ސައީދު ވިދާޅުވީ ރާއްޖެ ބަނގުރޫޓްކޮށްލީ އެމްޑީޕީ ސަރުކާރުން ކަމަށާއި ބަނގުރޫޓް ވިޔަނުދީ ސަލާމަތްކުރީ މި ސަރުކާރުން ކަމަށެވެ.

އަދި ބޭރަށް ފައިސާ ފޮނުވުމަށާއި ޓީޓީ ހެދުމަށް އަދި ރާއްޖެއިން ބޭރުން މުދަލާއި ހިދުމަތް ހޯދުމަށް ކާޑުން ކުރި މުއާމަލާތްތަކަށް ޑޮލަރު ހޭދަކުރި އަދަދުގެ ތަފުސީލުތަކެއް މިނިސްޓަރު ދެއްވި އެވެ. އެގޮތުން މި އަހަރުގެ ފުރަތަމަ ތިން މަހުގެ ތެރޭގައި ބޭރު ފައިސާ ފޮނުވުމަށް 106.2 މިލިއަން ޑޮލަރު ބޭންކް އޮފް މޯލްޑިވްސް ބީއެމްއެލް) އިން ވިއްކި ކަމަށާއި މިއީ މިދިޔަ އަހަރުގެ މި މުއްދަތަށް ވުރެ 142 ޕަސެންޓް އިތުރުވުމެއް ކަމަށް ވިދާޅުވި އެވެ.

ސައީދު ވިދާޅުވީ މި މަހުގެ 16 އާ ހަމައަށް 25.2 މިލިއަން ޑޮލަރު ވެސް ވިއްކާފައިވާ ކަމަށެވެ.

އޭނަ ވިދާޅުވީ މި އަހަރުގެ މިހާތަނަށް 38،528 ޓީޓީ ބޭރު ފައިސާ ފޮނުވިފައިވާ ކަމަށެވެ. އޭގެ ތެރެއިން 6،539 ޓީޓީ އަކީ މި މަހު ފޮނުވި އަދަދު ކަމަށެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި އަހަރުގެ ފުރަތަމަ ތިން މަހުގެ ތެރޭގައި ރާއްޖެއިން ބޭރުން ތަކެތި ގަތުމަށާއި ހިދުމަތް ހޯދުމަށް ކާޑުން ކުރި ހަރަދުތަކަށް 129.9 މިލިއަން ޑޮލަރު ވިއްކި އެވެ. އެއީ މިދިޔަ އަހަރަށްވުރެ 23 ޕަސެންޓް އިތުރު އަދަދެއް ކަމަށް ކަމަށް ވެސް ވިދާޅުވި އެވެ. އަދި މި މަހުގެ ފުރަތަމަ 15 ވަނަ ދުވަހު ތެރޭގައި ކާޑުގެ މުއާމަލާތުތަކަށް 22 މިލިއަން ޑޮލަރު ވިއްކި ކަމަށް ވެސް ސައީދު ވިދާޅުވި އެވެ.