Last Updated: July 11, 13:48
Saturday, July 11, 2026
މުނިފޫހިފިލުވުން

ފިލްމީ ދާއިރާ އިން އާ ކައިވެންޏެއް!

ރާއްޖޭގެ ފިލްމީ ދާއިރާ އިން އާ ކައިވެންޏެއް ފާޅުވެއްޖެ އެވެ.

މިއީ މަޝްހޫރު ލަވަކިޔުންތެރިޔާ މަރިޔަމް އަޝްފާ އާއި ފިލްމު ޕްރޮޑިއުސަރު ޝާނީޒްގެ އަލީގެ ކައިވެންޏެވެ. އަޝްފާ އަކީ ލަވަކިޔުންތެރިޔާ މުހައްމަދު އަބްދުލް ޢަަނީ (ތޭރަވާ) ގެ ކުރީގެ އަންހެނުންނެވެ. އަޝްފާ އާއި ޝާނީޒް ކައިވެނިކުރި އިރު، ތޭރަވާ އާއި އަޝްފާގެ ކައިވެންޏަށް ލިބުނު ހަމައެކަނި ދަރިފުޅު ޔޫސުފް އަލްސަން މުހައްމަދު ،17، ސައިކަލް އެކްސިޑެންޓެއްގައި މިދިޔަ އަހަރުގެ ޖުލައި މަހުގެ ތެރޭގައި ވަނީ މަރުވެފަ އެވެ.

ރާއްޖޭގެ މިހާރުގެ އެންމެ ފާހަގަކޮށްލެވޭ އަންހެން ލަވަކިޔުންތެރިންގެ ތެރޭގައި ހިމެނޭ އަޝްފާ އަކީ ޑާކް ރެއިން އެންޓަޓައިންމަންޓްގެ 2022 ގެ ފިލްމު 'ބީވީމާ' ގެ ބަތަލާގެ ރޯލު ވެސް ކުޅުނު ފަންނާނެވެ.

ސެޓާން ސްޓޫޑިއޯގެ ނަމުގައި ހިންގަމުން އަންނަ ސްޓޫޑިއޯގެ ވެރިޔާ ޝާނީޒަކީ ކުރީގެ ބަތަލާ ހަދީޖާ އިބްރާހީމް (ކުޑަހައްޖަ) ގެ ކުރީގެ ފިރިމީހާ އެވެ. ޝާނީޒްގެ ސްޓޫޑިއޯ އިން މި ފަހުން ގެނެސްދިން ކާމިޔާބު ފިލްމުތަކުގެ ތެރޭގައި މިދިޔަ އަހަރުގެ 'ކަނބުލޮ' އާއި 2024 ގެ 'ކަމަނާ' ހިމެނެ އެވެ.