Last Updated: July 13, 06:07
Monday, July 13, 2026
ޚަބަރު

ވަޒީފާތައް ދިނުމުގައި މެރިޓަށް އިސްކަން ދޭނެ: ރައީސް

ސަރުކާރާއި ސަރުކާރުގެ ކުންފުނިތަކުން ވަޒީފާތައް ދިނުމުގައި އިސްކަން ދޭނީ މެރިޓާއި ތަޖުރިބާއަށް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

އެ މަނިކުފާނުގެ މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވީ ރައްޔިތުން އެދެނީ ވީހާ ވެސް ސައިޒުން ކުޑަ ސަރުކާރެއް ހިންގުމަށް ކަމަށް ކަމަށެވެ. އެހެންވެ ދެން ސަރުކާރުގެ ވަޒީފާތަކަށް މުވައްޒަފުން ނަގާނީ ވަރަށް ބޮޑަށް ތައުލީމާއި ތަޖުރިބާއަށް ބަލާފައި ކަމަށް ވިދާޅުވި އެވެ.

"ދެން އެއްވެސް ފަރާތަކަށް ކެމްޕެއިނަކާ ނުވަތަ ސިޔާސީ ފަރާތަކާއި ގުޅިގެން ވަޒީފާ ދިނުން މިހާރު މި ޤައުމުގައި ނިމުމަކަށް އަންނަން ޖެހޭ ކަމެއް. މިއޮތީ ރައްޔިތުން ބުނެފައި. އެހެންވީމަ އަޅުގަނޑުވެސް ދާނީ އެގޮތަށް،" ރައީސް ވިދާޅުވި އެވެ. "ދެންމެ މި ދެންނެވި ގޮތަށް ކުރިމަތިލައިން އެމީހާގެ ސީވީއަށް ބަލައި މެރިޓް ދެން އެއްވެސް އެސްއޯއީއަކުން ވެސް މިނިސްޓްރީއަކުން ވެސް މުވައްޒަފުން ނަގައިގެން ނުވާނެ."

އެ މަނިކުފާނު ވިދާޅުވީ މީގެ ފަހުން، ސަރުކާރުގެ އެއްވެސް ކުންފުންޏެއްގައި ސިޔާސީ ވިސްނުމެއްގައި، ވަކި މީހަކު ބުނެގެން ޢައްޔަން ކުރެވޭ މަޤާމުތައް ހުރެގެން ނުވާނެ ކަމަށެވެ. އެހެންވެ ސަރުކާރު ހިއްސާވާ ކުންފުނިތަކުގައި ތިބި މުވައްޒަފުންގެ ތެރެއިން 33 މަދު ކުރުމަށް ފިނޭންސް މިނިސްޓްރީން ޕީސީބީ އަށް މިހާރު އަނގަވާފައިވާކަން ވެސް ރައީސް ފާހަގަކުރެއްވި އެވެ.

ރައީސް ވިދާޅުވީ ފެށުނީއްސުރެ ވެސް އެމަނިކުފާނު އިސްކަން ދެއްވަނީ ރައްޔިތުންގެ ވިންދާ އެއްގޮތަށް، ރައްޔިތުންނާ ގާތުން މަސައްކަތް ކުރެއްވުމަށް ކަމަށެވެ. އެހެންވެ ރައްޔިތުންގެ އަޑުއައްސަވައިގެން މަސައްކަތްކުރެއްވުމުގައި ދެމިހުންނަވާނޭ ކަމަށް ވިދާޅުވި އެވެ.