ސިފައިންގެ 134 ވަނަ އަހަރީ ދުވަހުގެ ހަރަކާތްތައް މާދަމާ ފަށަން ނިންމާފައިވާ ކަމަށް އެމްއެންޑީއެފުން ބުނެފި އެވެ.
އެގޮތުން މި އަހަރުގެ ސިފައިންގެ ދުވަހުގެ ހަރަކާތްތައް ފެށުމަށް ހަމަޖެހިފައި ވަނީ މާދަމާ ހެނދުނު، ރާއްޖޭގެ ހަތަރު ސަރަހައްދުގައި ގާއިމުކޮށްފައިވާ އެމްއެންޑީއެފްގެ ހުރިހާ މަރުކަޒުތަކެއްގައި ބާއްވާ ދިދަ ނެގުމުގެ ޚާއްޞަ ރަސްމިއްޔާތުންނެވެ.
މާލޭގައި އެ ރަސްމިއްޔާތު ބޭއްވުމަށް ހަމަޖެހިފައި ވަނީ ކަޅުތުއްކަލާކޮށީގަ އެވެ.
ސިފައިންގެ ދުވަހުގެ މުނާޞަބަތުގައި، މާލޭގެ މަގުތަކުގައި ކުރިއަށް ގެންދާ ސިފައިންގެ އަސްކަރީ ހިނގާލުން ބޭއްވުމަށް ނިންމާފައި ވަނީ އަންނަ މަހުގެ 2 ގަ އެވެ. އެ ދުވަހުގެ ހަވީރު 4:15 ގައި ފެށުމަށް ހަމަޖެހިފައިވާ ހިނގާލުމުގައި ދިވެހި ސިފައިންގެ ލަޝްކަރުގެ ތަފާތު ދާއިރާތަކާއި ޚިދުމަތްތައް އާންމުންނަށް ދައްކާލުމުގެ އިތުރުން، އެމްއެންޑީއެފް ބޭންޑުގެ ހުށަހެޅުންތައް ކުރިއަށް ގެންދާނެ އެވެ.
މި މުނާސަބަތާ ގުޅިގެން ބާއްވާ އެންމެ މުހިންމު އެއް ހަރަކާތަކީ ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެމަތީ ވެރިޔާ، ޑޮކްޓަރ މުޙައްމަދު މުޢިއްޒު ބައިވެރިވެވަޑައިގަންނަވާ ސިފައިންގެ ދުވަހުގެ ރަސްމީ ޖަލްސާއެވެ. މޭ 9ވަނަ ދުވަހުގެ ރޭ ބޭއްވުމަށް ތާވަލުކޮށްފައިވާ ޖަލްސާގައި، އެކި ދާއިރާތަކުން ފާހަގަކޮށްލެވޭ ފަދަ މުހިންމު ޚިދުމަތްތަކެއް ކޮށްފައިވާ ސިފައިންނަށް ހިތްވަރު ދިނުމުގެ އިތުރުން، އެމްއެންޑީއެފަށް އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދޭ އާންމު ފަރާތްތަކުގެ އަގުވަޒަންކުރުން އޮންނާނެއެވެ.