ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި އިލެކްޝަންގައި ވާދަކުރަން ނިންމީ ހެޔޮ ނިޔަތުގައި ކުރިއަށް ވުރެ ފުރިހަމައަށް މަސައްކަތް ކުރުމަށް ކަމަށް އައްޑޫގެ ކުރީގެ މޭޔަރު އަބްދުﷲ ސޯދިގު (ސޯބެ) ވިދާޅުވެއްޖެ އެވެ.
ހިތަދޫ އުތުރު ދާއިރާގެ ގޮނޑި ހުސްވެފައިވާ ކަމަށް ސުޕްރީމް ކޯޓުން ކަނޑައެޅީ އެ ގޮނޑި ފުރުއްވަމުން ގެންދެވި ޕީއެންސީ އަށް ނިސްބަތްވާ މުހައްމަދު ސިނާންގެ މައްޗަށް ސާބިތުވި ދަރަނި ހުކުމާ އެއްގޮތަށް ދައްކާފައި ނުވުމުގެ ސަބަބުންނެވެ.
ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން އޮންނާނީ ޖޫން 6 ގަ އެވެ.
އެމްޑީޕީގެ ޓިކެޓުގައި މި ގޮނޑިއަށް ވާދަކުރައްވާ ސޯބެ ވިދާޅުވީ ހިތަދޫ އުތުރު ދާއިރާއަކީ ރާއްޖޭގެ އިސްލާހު މަސައްކަތުގައި މުހިއްމު ގިނަ މުހިއްމު މަސައްކަތްތަކެއް ކުރެއްވި ފަރާތްތަކެއް ތިބި ދާއިރާއެއް ކަމަށާއި މިވަގުތަކީ އަނެއްކާވެސް ރާއްޖެއަށް ބޮޑެތި އިސްލާހީ މަސައްކަތްތަކެއް ކުރަން ޖެހިފައިވާ ދަނޑިވަޅެއް ކަމަށެވެ.
އެގޮތުން މި ބައި އިލެކްޝަންގައި ވާދަކުރަން ނިންމެވީ ތެދުވެރިކަމާއި އިހުލާސްތެރިކަމާއެކު، ކުރިއަށް ވުރެ ފުރިހަމައަށް އެ މަސައްކަތް ކުރުމުގެ ހެޔޮ ނިޔަތުގައި ކަމަށް ސޯބެ ވިދާޅުވި އެވެ.
މި ބައި އިލެކްޝަންގައި ޕީއެންސީގެ ފަރާތުން ވާދަކުރާނެ ކެންޑިޑޭޓެއް ކަނޑައެޅުމަށް ޕްރައިމަރީއެއް ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ. މި ޕްރައިމަރީގައި ވާދަކުރައްވަނީ ގޮނޑި ގެއްލުނު ކުރީގެ މެންބަރު މުހައްމަދު ސިނާނާއި ހިތަދޫ މޫލެކެޑެ ދާއިރާގެ ކައުންސިލަރަކަށް މިހާރު ހުންނެވި އަހުމަދު ސައީދެވެ.
އެ ގޮނޑި އަށް އަމިއްލަ ގޮތުން ވެސް ބައެއް މީހުން ވާދަކުރަން ނިންމާފައިވެ އެވެ.