Last Updated: July 11, 13:48
Saturday, July 11, 2026
ދުނިޔެ

ކައުނީ ރޯލާކޯސްޓާ

ތިބާ ތިޔަ އިނީ، ހުރީ އަދި އޮތީ ކައުނުގައި ލެއްވި އެންމެ ބާރަށް ދަތުރުކުރާ ރޯލާ ކޯސްޓާގަ އެވެ. ތިބާ ދެންމެ ތިޔަ ދަތުރުކުރީ 8،305 ކިލޯމީޓަރަށެވެ!

ތިބާ އެއްވެސް ވަރަކަށް ވިސްނައިލިން ހެއްޔެވެ؟ ތިބާ އަރާމު ގޮނޑިއެއްގައި އިނދެ، ކޮފީއެއް ބޮނީއެވެ. ތިބާ އިން ގޮތަށް އިނީއެވެ. ތިބާ ހިނގާކަށް އެއްވެސް މަސައްކަތެއް ނުކުރެއެވެ. ތިބާ އިނީ ކާރެއްގައި ނުވަތަ މަތިންދާ ބޯޓެއްގައެއް ނޫނެވެ. ތިބާ ޙަޤީޤަތުގައި އެއްވެސް ޙަރަކާތެއް ނެތި "ހުއްޓިފައި" އިނީ ހެއްޔެވެ؟ ތިބާގެ ޖަވާބަކީ އާނއެކޭ ނަމަ ނިކަން މަޑުކޮށްލަ ބަލާށެވެ!

ޤުރުއާނާއި ސައިންސްވެސް، ތިބާ ޢަޖާއިބުވެ އަންތަރީސްވާ ވަރުގެ ޙަޤީޤަތެއްގެ އަލިކަން ތިބާއާ ހަމައަށް ފޯރުކޮށްދެއެވެ. އަދި އޭގެ ސަބަބުން ތިބާގެ ސިކުނޑި ސުމަކަށް ދުއްވައިލާނެ އެވެ.

ދުނިޔެއަކީ އެއްވެސް ޙަރަކާތެއް ނެތި، ހުއްޓި ހުންނަ ތަރިއެއްގެ ނަޒަރިއްޔާ އިންސާނުން ގަބޫލުކުރިއިރު، މީގެ 1400 އަހަރު ކުރިން ކީރިތި ޤުރުއާނުގެ ސޫރަތުލް އަންބިޔާގެ 33 ވަނަ އާޔަތުގައި މާތް ﷲ ވަޙީކުރައްވައި އިޢުލާން ކުރައްވާފައިވެއެވެ.

"كُلٌّ فِي فَلَكٍ يَسَبَحُونَ"

"އެއިން ކޮންމެ އެއްޗެއް ފަލަކެއްގައި ހިނގަހިނގައި ހުރެއެވެ."

އުޑާއި، ތަރިތަކާއި، އިރާއި، ހަނދާއި، އަދި އަހުރެމެން ދިރިއުޅޭ މި ބިމާއި، މިހުރިހާ އެއްޗެއްވެސް ހުއްޓުމެއްނެތި ދަނީ ކައުނީ ބޮޑު ކަނޑެއްގައި ދަތުރު ކުރަމުންނެވެ. އަދި ހަނދާން ކުރާށެވެ! ދުނިޔެ ދަތުރު ކުރަމުންދާ އިރު، އަހުރެމެން އެންމެންވެސް މިތިބީ ވަރަށް ދިގު ދަތުރެއްގެ މަތީގައެވެ. އެންމެ 10 ސިކުންތެވެ. އެކަމަކު ވަރަށް ދިގު ދަތުރެކެވެ! މިހާރު ގަޑިއަށް ބަލާލާފައި، ހިތުގެ ހިނގުން އިޙުސާސް ކޮށްލާށެވެ. ކުރިއަށް އޮތް 10 ސިކުންތުގެ ތެރޭގައި ތިބާއަށް ވާނީ ކިހިނެއް ހެއްޔެވެ؟

ފުރަތަމަ މަންޒިލަކީ ދުނިޔެއެވެ. ތިބާ އިނީ ގޮނޑިއެއްގައި އިށީނދެގެންނެވެ. ދުނިޔެ އޭގެ މަދާރުގައި ނުވަތަ އޯބިޓުގައި އެނބުރެމުން ދަނީ ސިކުންތަކު 0.46 ކިލޯމީޓަރުގެ ބާރު މިނުގައެވެ. ވީމާ 10 ސިކުންތުގެ ތެރޭގައި، 4.6 ކިލޯ މީޓަރުގެ ދަތުރެއް ކުރެވުނީއެވެ. މި ދުނިޔެ އިރުގެ ވަށައިގެން ދަތުރުކުރަމުން ދަނީ ސިކުންތަކު އެވްރެޖްކޮށް 30 ކިލޯމީޓަރުގެ ބާރުމިނުގައެވެ ވީމާ، 10 ސިކުންތުގެ ތެރޭގައި، ދުނިޔެ ތިބާ ގޮވައިގެން ގާތްގަނޑަކަށް 300 ކިލޯމީޓަރު ނުވަތަ 186 މޭލުގެ ދަތުރެެއް ފުރިހަމަ ކޮށްފިއެވެ. އެއީ، ދުނިޔޭގައި އެންމެ ބާރަށް ދަތުރުކުރާ ހަނގުރާމަމަތީ މަނަވަރަކަށް ވުރެ ދިހަ ގުނަ ބާރު ސްޕީޑުގަ އެވެ!

ދެވަނަ މަންޒިލަކީ އިރަވީ ނިޒާމު ނުވަތަ ސޯލަރ ސިސްޓަމުގެ ދައުރުވުމެވެ. އަހުރެމެންގެ އިރު ފެންނަ ފެނުމުގައި އެއްވެސް ޙަރަކާތެއް ނެތި ހުއްޓި ހުންނަހެން ހީވެދާނެއެވެ. އެކަމަކު، އިރަކީ އޭގެ ޒާތުގައި ވަރަށް ބޮޑު މިޝަނެއްގައި އުޅޭ ކައުނީ ޖިސްމެކެވެ. އިރު، މުޅި އިރަވީ ނިޒާމު ގޮވައިގެން މިލްކީވޭ މަޑިކިލަނބުގެ މެދުގައި ސިކުންތަކު 230 ކިލޯމީޓަރުގެ ބާރުމިނުގައި ދަތުރުކުރަމުން ދެއެވެ. މާނައަކީ، 10 ސިކުންތުގެ ތެރޭގައި އިތުރު 2300 ކިލޯމީޓަރުގެ ދަތުރު އަހުރެމެންނަށް ފުރިހަމަ ކުރެވިއްޖެއެވެ. އެދަތުރަކަށް، އެއްވެސް އަޑެއް، ހަކަތައެއް ނުވަތަ ތެލެއް ބޭނުމެއް ނުވެއެވެ!

ތިންވަނަ މަންޒިލަކީ މަޑިކިލަނބު ނުވަތަ ގެލެކްޓިކް ފްލައިޓެވެ. އެންމެ ބޮޑު ހައިރާންކަމެއް އަދި އަންނަން އޮތީއެވެ! އަހުރެމެންގެ ދުނިޔެ ހިމެނޭ މުޅި މިލްކީވޭ މަޑިކިލަނބު ޖައްވުގެ ތެރޭގައި ސިކުންތަކު ގާތްގަނޑަކަށް 600 ކިލޯމީޓަރުގެ ބާރުމިނުގައި ވަކި ދިމާލަކަށް ދަތުރުކުރެއެވެ. މާނައަކީ އެންމެ 10 ސިކުންތުގެ ތެރޭގައި އިތުރު 6000 ކިލޯމީޓަރުގެ ދުރުމިން އަހުރެމެންނަށް ކަޑައްތު ކުރެވުނީއެވެ.

ދަތުރުގެ ޚުލާސާއަކީ، އެ ހުރިހާ ސްޕީޑެއް އެއްކޮށްލައިފި ނަމަ، އޭގެ ނަތީޖާއިން އަހުރެމެން އަޖައިބުވެ އަންތަރީސް ވެދާނެއެވެ. އެންމެ ދިހަ ސިކުންތުގެ ތެރޭގައި ދުނިޔެ އަހުރެމެން ގޮވައިގެން އޭގެ މަދާރު ނުވަތަ އޯބިޓުގައި، 4.6 ކިލޯ މީޓަރުގެ ދަތުރެއް ފުރިހަމަ ކުރިއެވެ. އަދި އިރުގެ ވަށައިގެން 300 ކިލޯމީޓަރު ދިގު ދަތުރެއް ފުރިހަމަ ކުރިއެވެ. އެދެމެދުގައި، މިލްކީވޭ މަޑިކިލަނބުގެ މެދުގައި އިރު ކުރާ ދަތުރުގައި، އިތުރު 2000 ކިލޯމީޓަރުގެ ދިގު ދަތުރެއް ފުރިހަމަ ކުރިއެވެ. އަދި މިލްކީވޭ މަޑިކިލަނބު ޖައްވުގެ ތެރޭގައި ހުއްޓުމެއް ނެތި ކުރާ ދަތުރުގައި އިތުރު 6000 ކިލޯމީޓަރުގެ ދަތުރެއް ފުރިހަމަ ކުރިއެވެ. އެގޮތުން އެއްވެސް މަސައްކަތަކާއި ނުލައި އެންމެ 10 ސިކުންތުގެ ތެރޭގައި ޖުމްލަ 8305 ކިލޯމީޓަރުގެ ދަތުރެއް ތިބާ ފުރިހަމަ ކޮށްފިއެވެ! އަހުރެމެންނަށް އިޙުސާސްވެސް ނުކުރެވެއެވެ. މިއީ ލަންޑަނުން ނިއުޔޯކަށް މަތިންދާ ބޯޓެއްގައި ކުރާ ދަތުރަކަށް ވުރެ މާ ދިގު ދަތުރެކެވެ. އެކަމަކު، އެ ދިގު ދަތުރު ތިބާ ފުރިހަމަ ކުރީ އެސްފިޔަޖަހާހައި، ކުޑަ ހިނދުކޮޅެއްގެ ތެރޭގައެވެ.

އެތަކެއްޗަށް ކަނޑައެޅިފައިވާ އަޖަލު ހަމަވަންދެން، ކައުނީ މި ޖިސްމުތަކުގެ ދައުރުވުމެއް ދުވަހަކުވެސް ނުހުއްޓޭނެއެވެ! އަޖާއިބުވެ އަންތަރީސްވާހައި ބާރު ސްޕީޑުގައި ދަތުރުކުރި ކަމުގައިވިޔަސް، އަހުރެމެންގެ އިރަވީ ނިޒާމުން، މިލްކީވޭ މަޑިކިލަނބުގެ މެދުގައި އެންމެ މަދާރެއް ނުވަތަ އޯބިޓެއް ފުރިހަމަ ކުރުމަށް ގާތްގަނޑަކަށް 230 މިލިއަން އަހަރު ނަގައެވެ. އެ މަދާރު ނުވަތަ އޯބިޓާ އަޅައި ބަލާއިރު، އިންސާނީ ދިގު ތާރީޚު ސިކުންތަކަށް ވުރެ ކުޑައެވެ. ސައިންސުވެރިން ބުނާގޮތުގައި، އިރަވީ ނިޒާމުން މިލްކީވޭ މަޑިކިލަނބުގެ މެދުގައި މިހާތަނަށް 20 މަދާރު ނުވަތަ އޯބިޓް ފުރިހަމަކޮށްފިއެވެ. އަދި، އިރުގެ ހަކަތަ ހުސްވުމުގެ ކުރިން 22 މަދާރު ފުރިހަމަވާނެ ކަމަށްވެސް، އެވެރިން ލަފާކުރެއެވެ.

ކީރިތި ޤުރުއާނުގެ އައް ރަޙުމާނު ސޫރަތުގެ 5 ވަނަ އާޔަތުގައި އެ ތަރުތީބާއި، ނިޒާމުގެ ވާހަކަ، ބަޔާން ކުރައްވާފައި ވެއެވެ.

"الشمسُ وَالقَمَرُ بِحُسَانٍ"

"އިރާއި، ހަނދު ބަރާބަރު ހިސާބެއްގެ މަތިން ހިނގައެވެ."

ކައުނު ފެތުރި ފުޅާވަމުންދާ މިންވަރަށް ބަލާއިރު، ކައުނު ހަމައެކަނި ހަރަކާތްތެރި ވަނީއެއް ނޫނެވެ. ކައުނު ދަނީ މެދުނުކެނޑި ފެތުރި ފުޅާވަމުންނެވެ. ވިހިވަނަ ޤަރުނުގައި އެޑްވިން ހަބްލް ހޯދި ޙަޤީޤަތް، މީގެ 14 ޤަރުނު ކުރިން ކީރިތި ޤުރުއާނުގެ ސޫރަތުއް ޛާރިއާތުގެ 47 ވަނަ އާޔަތުގައި ވަނީ ބަޔާން ކުރައްވާފައެވެ.

"وَالسَّمَاءَ بَنَيْنَاهَا بِأَيْدٍ وَإِنَّا لَمُوسِعُونَ"

"ތިމަންރަސްކަލާނގެ ކުޅަދުންވަންތަކަމުން އުޑު ހެއްދެވީމެވެ. އަދި ހަމަކަށަވަރުން ތިމަންރަސްކަލާނގެއީ، ތަނަވަސްކުރެއްވުމަށް ކުޅަދުންވަންތަ ރަސްކަލާނގެއެވެ."

އެހެންވީމާ މިކަމާމެދު ވިސްނާލާށެވެ. ދެން ފަހަރަކުން ތިބާގެ ދިރިއުޅުމުގައި "ތާށިވެފައި" ނުވަތަ އެއްވެސް ގޮތަކުން ކުރިއަށް ނުދެވޭ ކަމުގެ އިޙުސާސް ކުރެވޭނަމަ، ހަމައެކަނި މިކަންތައްތައް ހަނދާން ކޮށްލާށެވެ. ތިބާއަކީ ކޮންމެ ހިނދުކޮޅަކުވެސް، ކައުނީ ދިގު ދަތުރެއްގައި ދަތުރުކުރާ ދަތުރުވެރިއެކެވެ. ތިބާއަޅާ ކޮންމެ ފިޔަވަޅަކާއެކު ތިޔަ ދަތުރުކުރަނީ އެތައް ހާސް ކިލޯމީޓަރަކަށެވެ.
ތިބާއަކީ ޚާލިޤުވަންތަ އިލާހުގެ މަތިވެރި "މާސްޓަ ޕްލޭންގެ" ބައެކެވެ. އެ އިލާހު މުޅި ކައުނު ހިންގަވަނީ އަޖާއިބު ކުރުވަނިވި ތަވާޒުނާއި، ޙިކުމަތްތެރިކަމާ އެކުގައެވެ. ކައުނުގެ ކޮންމެ ޒައްރާއެއް ދަތުރެއްގެ މަތީގައި އުޅޭއިރު، މާޔޫސްވާންވީ ކޮން ކަމަކާ ހެއްޔެވެ؟

މަސްދަރުތައް:

1. ޤުރުއާން، ސޫރަތު ޔާސީން (36:40)
2. ނާސާ ސޯލާ ސިސްޓަމް އެކްސްޕްލޯރޭޝަން – އާތުސް އޯބިޓް ސްޕީޑް
3. ޔޫރަޕިއަން ސްޕޭސް އެޖެންސީ – ސޯލާ ސިސްޓަމްސް މޯޝަން
4. ނާސާ އެސްޓްރޯފިޒިކްސް – މިލްކީވޭސް މޯޝަން
5. އީ.އެސް.އޭ ގައިއާ ޕްރޮޖެކްޓް – ގެލެކްޓިކް އޯބިޓް އޮފް ދި ސޯލާ ސިސްޓަމް
6. ކީރިތި ޤުރުއާން، އައް ރަޙުމާން ސޫރަތް (55:5)
7. ކީރިތި ޤުރުއާން، އައް ޛާރިޔާތު ސޫރަތް (51:47)

ނޯޓް: މިއީ ހަސަން ލުތުފީގެ ލިޔުއްވުމެކެވެ.