މުޞީބަތްތަކާއި އިމްތިޙާނުތަކުގައި ވަރަށް ގިނަ ފައިދާތަކެއް ވެއެވެ. މި ފައިދާތައް މީސްތަކުންގެ ދަރަޖަތަކާ ގުޅިގެން ތަފާތުވެގެންދެ އެވެ. މިއީ ކޮން ފައިދާތަކެއްތޯ ބައްލަވާލަން ހިންގަވާށެވެ!
ފުރަތަމަ ފައިދާ: ﷲ ސުބްޙާނަހޫ ވަތަޢާލާގެ ރުބޫބިއްޔަތާއި އެކަލާނގެ މަތިވެރިކަން އެނގުން.
ދެވަނަ ފައިދާ: އަޅުތަކުންގެ ނިކަމެތިކަމާއި އެބައިމީހުންގެ ރައްބަށް ޙާޖަތް ޖެހިފައިވާ މިންވަރު އެނގުން.
ތިންވަނަ ފައިދާ: ﷲ ސުބްޙާނަހޫ ވަތަޢާލާއަށް އިޚްލާޞްތެރިވުން.
އެހެނީ، ﷲ ސުބްޙާނަހޫ ވަތަޢާލާ ފިޔަވައި މުޞީބާތްތަކުން ސަލާމާތްކޮށްދެވޭނެ ފަރާތެއްނުވެއެވެ. އަދި އެފަދަ ކަންތައްތަކުން ފިއްލެވުމަށްޓަކައި ބަރޯސާވާނެ އިތުރު ފަރާތެއް ނުވެއެވެ.
ހަތަރުވަނަ ފައިދާ: ﷲ ސުބްޙާނަހޫ ވަތަޢާލާގެ މަގަށް ރުޖޫޢަވެ ހެޔޮ ޢަމަލުތައް ކުރުން.
ފަސްވަނަ ފައިދާ: ޚުޝޫޢަތްތެރިކަމާއެކު ދުޢާކުރުން.
ހަވަނަ ފައިދާ: ކުރިމަތިވާ މުޞީބާތްތަކާއި އިމްތިޙާނުތަކުގެ ސަބަބުން ޙިލްމުވެރިކަން ލިބުން.
ޙިލްމުވެރިކަމަކީ ރުޅިމަޑުކަމާއި ކެތްތެރިކަމެވެ. ބޮޑެތި މުޞީބާތްތަކުގެ ވަގުތުގައި ޙިލްމުވެރިވުމަކީ، ޙިލްމުވެރިކަމުގެ އެންމެ މަތީ ދަރަޖައެވެ.
ހަތްވަނަ ފައިދާ: ތިބާގެ މައްޗަށް އަނިޔާވެރިވާ ފަރާތްތަކަށް މާފުކުރުން.
ބޮޑެތި އަނިޔާވެރިވުންތަކަށް މާފުކޮށް ޢަފޫ ކުރުމަކީ، ޢަފޫ ކުރުމުގެ އެންމެ މަތީ ދަރަޖައެވެ.
އަށްވަނަ ފައިދާ: މުޞިބާތްތަކާއި އިމްތިޙާނުތަކަށް ކެތްތެރިވުން.
ކެތްތެރިވުމުގެ ސަބަބުން ﷲ ސުބްޙާނަހޫ ވަތަޢާލާގެ ލޯބިވެވޮޑިތުމާއި ގިނަވެގެންވާ ޘަވާބު ލިބިގެންދެއެވެ.
ނުވަވަނަ ފައިދާ: މުޞީބަތްތަކުގެ ފައިދާތަކަށްޓަކައި އުފާކުރުން.
މުސްލިމު މީހާ އުފާ ކުރަނީ މުޞީބާތްތަކުގެ ބޮޑުކަމާއި ހިތިކަމަށްޓަކައެއް ނޫނެވެ. އެހެނެއްކަމަކު، އެބައިމީހުން އުފާ ކުރަނީ އެކަންކަމުގެ މޭވާއާއި ފައިދާތަކަށްޓަކައެވެ. ބަލިމީހާ އޭނާގެ ބައްޔަށް ޝިފާ ލިއްބައިދޭ ހިތި ބޭސްތައް ބޯހިނދު އުފާ ކުރާ ފަދައިންނެވެ.
ދިހަވަނަ ފައިދާ: މުޞީބާތްތަކުގެ ސަބަބުން ލިބޭ ފައިދާތަކަށް ޝުކުރުވެރިވުން.
ބަލިމީހާ އޭނާގެ ގުނަވަންތައް ބުރިކުރާ ޑޮކްޓަރަށް ޝުކުރުވެރިވާ ފަދައިންނެވެ. އެ ގުނަވަންތައް ބުރިކުރުމުގެ ސަބަބުން އޭނާގެ ޝަހުވަތްތަކުން (އެދޭއެދުންތަކުން) މަނާވެއެވެ. އެހެނެއްކަމަކު، އޭނާއަށް ޝިފާ ލިބެވެ.
އެގާރަވަނަ ފައިދާ: މުޞީބާތްތަކާއި އިމްތިޙާނުތަކުގެ ސަބަބުން ފާފަތައް ފުހެވުން.
ބާރަވަނަ ފައިދާ: މުޞީބާތްތައް ޖެހިފައިވާ ފަރާތްތަކަށް ރަޙުމްކޮށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ފުރުޞަތު ލިބުން.
ތޭރަވަނަ ފައިދާ: ނިޢުމަތްތަކުގެ އަގުވަޒަންކޮށް ޝުކުރުވެރިވުން.
އެހެނީ، ނިޢުމަތްތަށް ބީވެގެންދިޔުމުން މެނުވީ އޭގެ ޙަޤީޤީ އަގު ވަޒަން ނުކުރެވޭނެވެ.
ސާދަވަނަ ފައިދާ: ﷲ ސުބްޙާނަހޫ ވަތަޢާލާ މުޞީބާތްތަކުގެ ބަދަލުގައި ދަރުމައާއި ޘަވާބު އާޚިރަތުގައި ލައްވަވާފައިވުން.
ދަރުމައާއި ޘަވާބު ދެއްވަވަނީ މުޞީބާތްތަކުގެ ގަދަފަދަ މިންވަރަށެވެ. ޖެހޭ މުޞީބާތް ބޮޑުކަމުގައިވާނަމަ، އެކަމުގެ ސަބަބުން ލިބޭ ޘަވާބު ބޮޑުވެއެވެ.
ފަނަރަވަނަ ފައިދާ: މުޞީބާތްތަކާއި އިމްތިޙާނުތަކުގައި ވަންހަނާވެފައިވާ ފައިދާތައް.
ފިރުޢައުނު ސާރާގެފާނު ހައްޔަރުކުރުމުގައި ފޮރުވިފައިވާ އެތަކެއް ފައިދާތަކެއްވިއެވެ. އެކަމުގެ ސަބަބުން ސާރާގެފާނަށް ހާޖަރުގެފާނު ލިބިވަޑައިގަތެވެ. އަދި ހާޖަރުގެފާނުގެ ކިބައިން އިބްރާހީމްގެފާނަށް އިސްމާޢީލްގެފާނު ލިބިވަޑައިގަތެވެ. އެއީ، އެކަލޭގެފާނުގެ މުސްކުޅި އުމުރުފުޅުގައި ލިބިވަޑައިގެންނެވި ފުރަތަމަ ދަރިކަލެވެ. އަދި އިސްމާޢީލްގެފާނުގެ ދަރިފަސްކޮޅުން ނަބީބޭކަލުންގެ ސާހިބާ، އެންމެ ފަހުގެ ނަބިއްޔާ ﷺ ދުނިޔެއަށް އުފަންވެވަޑައިގަތެވެ. އިބްރާހީމްގެފާނާއި ސާރާގެފާނަށް ޖެހިވަޑައިގެންނެވި މުޞީބާތުގައި ފޮރުވިފައިވާ ހެޔޮ ކަމުގެ ބޮޑުކަމާއެވެ!
ސޯޅަވަނަ ފައިދާ: މުޞީބާތްތަކާއި ދަތިއުދަނގޫތައް ފާފަތަކާއި، ފަޚުރުވެރިކަމާއި، ބޮޑާކަމާއި، ކިބުރުވެރިކަމުން ރައްކާތެރިކޮށްދިނުން.
ނަމްރޫދަކީ ބަލި، ފަޤީރު، ލޯ އަނދިރި، ބީރު މީހެއްކަމުގައިވީނަމަ، އިބްރާހީމްގެފާނުގެ ރައްބަށް އިންކާރުކޮށް ޖަދަލު ނުކުރީހެވެ. އެހެނެއްކަމަކު، އޭނާ އެފަދައިން ކަންތައް ކުރީ އޭނާގެ ވެރިކަމާއި، ކިބުރުވެރިކަމުގެ ސަބަބުންނެވެ.
އެހެންކަމުން، މުޞީބާތްތަކާއި އިމްތިޙާނުތައް އިންސާނާ އޭނާގެ ރައްބާ ކުއްތަންކުރުވައެވެ. އަދި ނިޢުމަތްތަކާއި ޢާފިޔަތް އިންސާނާ އޭނާގެ ރައްބުގެ ކިބައިން ޣާފިލުކޮށް ދުރުކުރުވައެވެ.
މީހަކަށް ﷲ ސުބްޙާނަހޫ ވަތަޢާލާ ދުނިޔޭގެ ނިޢުމަތްތައް ނުދެއްވާ، އޭނާގެ މައްޗަށް މުޞީބާތްތަކާއި އިމްތިޙާނުތައް ގިނަކުރައްވާނަމަ، ދަންނާށެވެ! ފަހެ، އޭނާއަކީ ﷲ ސުބްޙާނަހޫ ވަތަޢާލާގެ ޙަޟްރަތުގައި މަތިވެރި މަޤާމެއް ލިބިވެގެންވާ މީހެކެވެ. އަދި އޭނާ އެހުރީ ނަބީބޭކަލުންނާއި، ވަލީވެރިންނާއި، ޞާލިޙުންގެ މަގުގައެވެ.
ސަތާރަވަނަ ފައިދާ: ﷲ ސުބްޙާނަހޫ ވަތަޢާލާގެ މިންވަރުފުޅަށް ރުހުމުގެ ސަބަބުން އެކަލާނގެ ރުހިވޮޑިގަތުން ލިބުން.
މުޞީބާތްތަކާއި އިމްތިޙާނުތައް ޞާލިޙުންނާއި ފާޖިރުންނަށް ވެސް ކުރިމަތިވެއެވެ. އެކަންތައްތަކާމެދު ރުޅިއައިސް ނުރުހޭ މީހާއަށް ހުރީ ﷲ ސުބްޙާނަހޫ ވަތަޢާލާގެ ކޯފާއާއި، ދެ ދުނިޔޭގެ ހަލާކެވެ. އަދި މުޞީބާތްތަކާއި އިމްތިޙާނުތަކަށް ރުހި، ދަރުމައާއި ޘަވާބަށް އެދޭ މީހާއަށް ހުރީ ﷲ ސުބްޙާނަހޫ ވަތަޢާލާގެ ރުހިވޮޑިގަތުމެވެ. ފަހެ، އެކަލާނގެ ރުހިވޮޑިގަތުން ލިބުމަކީ ސުވަރުގެއާއި އެތަނުގާ ވާހާ ތަކެއްޗަށްވުރެ މަތިވެރިވެގެންވާ ނިޢުމަތެކެވެ.
މާތް ﷲ އަޅަމެން އެންމެނަށް ހެޔޮ ޢަމަލުތައް ކުރުމުގެ ތަޢުފީޤު ދެއްވައި، ބާލާއާއި މުޞީބާތްތަކުން ސަލާމާތްކޮށް ދެއްވާފާނދެ އެވެ!
ނޯޓް: މިއީ ޝައިޚް ޝިރުޙާނު ޢަލީގެ ލިޔުއްވުމެކެވެ.