Last Updated: July 11, 12:07
Saturday, July 11, 2026
ޚަބަރު

ބީއެމްއެލަށް ފުރަތަމަ ކުއާޓަރުގައި 631 މިލިއަނުގެ ސާފު ފައިދާއެއް

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އަށް މި އަހަރުގެ ފުރަތަމަ ތިން މަސް ދުވަހު ސާފު ފައިދާގެ ގޮތުގައި 631 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށް އެ ބޭންކުން ބުނެފި އެވެ.

ބީއެމްއެލް އިން ބުނީ މި އަހަރުގެ ފުރަތަމަ ތިން މަހު އެ ބެންކަށް ހިންގުމުގެ ފައިދާގެ ގޮތުގައި 879 މިލިއަން ރުފިޔާ ލިބިފައިވާއިރު، ޓެކުހަށް ކެނޑުމަށްފަހު ސާފު ފައިދާގެ ގޮތުގައި 631 މިލިއަން ރުފިޔާ ވަނީ ލިބިފަ އެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ސާފު ފައިދާއަށް ލިބިފައިވަނީ 497 މިލިއަން ރުފިޔާ ކަމަށްވާއިރު، އެއީ އެ މުއްދަތާ އަޅައިބަލާއިރު 27 އިންސައްތައިގެ ބޮޑު ކުރިއެރުމެއް ކަމަށް އެ ބެންކުން ބުންޏެވެ.

އެ ބެންކުގެ ޖުމްލަ އާމްދަނީ 1.24 ބިލިއަން ރުފިޔާއަށް އިތުރުވެފައިވާ ކަމަށާއި އެއީ، ލޯނާއި ފައިނޭންސިންގެ ފައިދާއިން ލިބުނު އާމްދަނީއާއި، ފީ އާއި ކޮމިޝަންގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވުމާ ގުޅިގެން ކަމަށް ބީއެމްއެލުން ބުންޏެވެ. އެގޮތުން ލޯނާއި ފައިނޭންސިންގެ ފައިދާއިން އާމްދަނީގެ ގޮތުގައި 796 މިލިއަން ރުފިޔާ ލިބުނުއިރު، ފީ އާއި ކޮމިޝަނުން 332 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށް ބެންކުން ބުންޏެވެ.

ބީއެމްއެލް ބުނީ މި އަހަރުގެ ފުރަތަމަ ތިން މަސްދުވަހު ނެރުނު ނަތީޖާއަކީ، ޖެހިޖެހިގެން ދެ އަހަރު ރެކޯޑް މިންވަރަކަށް ބޭންކަށް ލިބުނު ކުރިއެރުމަށްފަހު، ބޭންކުގެ މާލީ ހާލަތު ވަރުގަދަކަން ހާމަކޮށްދޭ ނަތީޖާއެއް ކަމަށެވެ. ބޭންކުގެ 43 އަހަރުގެ ތާރީޚުގައި އެންމެ ކާމިޔާބު އަހަރުގެ ގޮތުގައި މިދިޔަ ނިންމާލުމަށްފަހު، މާލީ އާ އަހަރާ ބޭންކުން ކުރިމަތިލީ އެ ކާމިޔާބީ ދެމެހެއްޓުމުގެ އަޒުމުގައި ކަމަށްވެސް ބީއެމްއެލުން ބުންޏެވެ.