Last Updated: July 11, 13:48
Saturday, July 11, 2026
މީހުން

މިއޮތީ ނަހުލާ ކުޅުނު 'ފިލްމު'، ބަލާފައި ނުރޯތި!

ރާއްޖޭގެ މަޝްހޫރު ފިލްމު ޑައިރެކްޓަރު ފާތުމަތު ނަހުލާގެ ތައާރަފަކަށް ދިއުމުގެ ބޭނުމެއް ނެތެވެ. ހަގީގަތަކީ އޭނަ އަކީ ރާއްޖޭގެ އެންމެ ނުފޫޒު ގަދަ ޑައިރެކްޓަރުމެވެ. ސިނަމާ އަށް މީހުން ތޮއްސަން އެންމެ ކުޅަދާނަ ޑައިރެކްޓަރުކަމެވެ. ނަހުލާގެ ފިލްމެކޭ ބުނެފި ނަމަ އެ ނަމަށް އޮންނަ އިތުބާރާއި ލޯބި ބޮޑެވެ.

އެހެންވެ މިހާތަނަށް އޭނަ ގެނެސްދިން ކޮންމެ ފިލްމަކީ ވެސް ވަރަށް ކާމިޔާބު ފިލްމެކެވެ. އެ ދަތުރުގެ ފެށުމަކީ 1998 ގެ ފިލްމު 'ފަހުނޭވާ' އެވެ. އޭގެ ފަހުން މިހާތަނަށް ލިޔެ، ޑައިރެކްޓް ކުރުމުގެ އިތުރަށް، ލިޔެ، ޕްރޮޑިއުސްކޮށް އެތައް ފިލްމެއް ނަހުލާ ގެނެސް ދީފި އެވެ.

އެކަމަކު ފާހަގަކޮށްލަން ޖެހޭ ކަމަކީ ޑައިރެކްޓަރެއްގެ ގޮތުގައި ފިލްމު ބަލާ މީހުންގެ ލޯބި ހޯދުމުގެ ކުރިން އާންމުންގެ ތެރޭގައި ނަހުލާ މަޝްހޫރުވެގެން ދިޔައީ ކުޅަދާނަ ވާހަކަ ލިޔުންތެރިއެއްގެ ގޮތުގައިކަމެވެ. އޭނަ މިހާތަނަށް މަގުބޫލު އެތައް ވާހަކައެއް ކިޔުންތެރިންނަށް ގެނެސް ދީފި އެވެ.

އޭގެ ތެރެއިން ގިނަ ވާހަަކަތަކެއް ނޫސްތަކާއި މަޖައްލާތަކުގައި ޝާއިއު ކުރުމުގެ އިތުރަށް، ބައެއް ވާހަކަތައް ޗާޕްކޮށްގެން ނެރެފައިވެ އެވެ. ނަހުލާގެ ވާހަކަތަކުގެ ތެރެއިން 'މަންޖެ' އަކީ ރާއްޖޭގައި މިހާތަނަށް، ބިންމާ އިބްރާހީމް ވަހީދުގެ 'ފަތިސްހަނދުވަރު' ފިޔަވައި އެންމެ ގިނަ ބައެއްގެ މަގުބޫލުކަން ލިބުނު ބިރުވެރި ވާހަކަ އެވެ.

ނަހުލާ ފާހަގަކޮށްލެވެނީ ހިތްތަކާ ކުޅެލައި، ޖަޒުބާތުތަކުން އާންމުން ފޯކޮށްލަން ކުޅަދާނަ މީހެއްގެ ގޮތުގަ އެވެ. އެއީ ކުރިން ވާހަކަތަކުންނެވެ. މިހާރު ފިލްމުތަކުންނެވެ. އަދި އެންމެ ފުރަތަމަ އަމިއްލަ އަށް ފިލްމު ހަދަން ފެށުމުގެ ކުރިން އެކިއެކި ޑައިރެކްޓަރުންނާއި ނަހުލާގެ ވާހަކަތަކަށް ފިލްމުތަކާއި ޑްރާމާތައް ވެސް ހަދާފައިވެ އެވެ.

އެހެންވެ މިހާ ހިސާބުން ނަހުލާގެ ފޭނުންނަށް މި ދޫކޮށްލަނީ އޭނަ އަމިއްލަ އަށް 'ކުޅުނު ފިލްމު' ގެ ވާހަކަ އެވެ. ނަހުލާ، ނަހުލާއަކަށްވެގެން ދިޔަ ގޮތުގެ ވާހަކަ އެވެ. ސީދާ ނަހުލާގެ އަމިއްލަ އިބާރާތުންނެވެ. އޭނައާ ބެހޭ ގޮތުން ކުރިން ނޭނގި އޮތް ބައެއް ވާހަކަތަކާ އެކު ނަހުލާ ކުޅުނު 'ފިލްމުގެ ސްކްރީންޕްލޭ' އޭނަ ސޯޝަލް މީޑިއާ އަށް މިއަދު ދޫކޮށްލީ ދިވެހިންގެ ތެރޭގައި މަގުބޫލު ފޭސްބުކް ޕޭޖެއް ކަމަށްވާ ރަން ޒަމާންގައި މީގެ ދެ ދުވަހެއް ކުރިން ތިލަވަ ޕޯސްޓަކާ ގުޅިގެންނެވެ.

އޭގައި އޮތީ އިނގިރޭސި ބަސް ކިޔަވައި ދޭނެ ދިވެހިން ޓީޗަރުން އުފައްދަން ފެށި ޕްރޮގްރާމްގެ 11 ވަނަ ބެޗްގެ ބައިވެރިންތަކެއްގެ ލިސްޓެކެވެ. އެ ލިސްޓްގައި ހިމެނޭ އެކަކީ ނަހުލާ އެވެ.

މިހާ ހިސާބުން އެ ޕޯސްޓާ ގުޅިގެން ނަހުލާ 'ކުޅުނު ފިލްމުގެ ސްކްރިޕްޓް' ކިޔައިލަން ދޫކޮށްލާނީ އެވެ.

—————————————————————————————-

މި ދެ ދުވަހު ކެނޑިނޭޅި މި ފޮޓޯ އަޅުގަނޑަށް މީހުން ފޮނުވަމުން އެބަދެ އެވެ. އެއީ 1990 އެވެ. އަޅުގަނޑުމެން ތަމްރީނު ވަމުން ދިއައީ އިގިރޭސި ބަހުން މުދައްރިސުން ތަމްރީން ކުރާ ކޯހުގެ 11 ވަނަ ބުރުގައެވެ. އެއީ ބުރަ ދުވަސް ކޮޅެކެވެ. މިހާރާ ބަލާފައި އެއީ ވަރުގަދަ ތަމްރީނެކެވެ. އެއް އަހަރު ތެރޭގައި ސެޓްފިކެޓް ހޯދަން ޖެހުނީ ވަރަށް މަސައްކަތުންނެވެ.

އެތަނުން އުފެދުނު ޓީޗަރުންނަކީ ވެސް ފެންވަރު ރަނގަޅު ޓީޗަރުންނެވެ. އަޅުގަނޑުމެންގެ މި ބެޗްގެ ގިނަ ކުދީންނަކީ މިހާރު ބޮޑެތި ސުކޫލުތަކުގެ އިސްބޭފުޅުންނެވެ. މިފަންނުގައި އެބޭފުޅުން ދެމިތިބީތީ އެބޭފުޅުންގެ ކެތްތެރި ކަމަށް ހަމަ ސާބަހެވެ. ޒިންމާދާރު ޓީޗަރަކަށް ވުމަކީ ބޮޑު ބުރަ މަސައްކަތެކެވެ. އެއީ ސުކޫލުގައި ކިޔަވައިދީ ނިމިގެން ގެއަށް އައުމަށް ފަހުގައިވެސް ނުނިމޭ މަސައްކަތެކެވެ. އަހަރުތަކަކު ޓީޗިންގް ގައި ހޭދަ ކުރުމަށް ފަހު މި ފަންނު ދޫކޮށްލަން އަޅުގަނޑަށް ވެސް މަޖުބޫރުވި އެއް ސަބަބަކީ މިއެވެ.

ތެދެކެވެ. 1990 އެއީ އަޅުގަނޑުގެ ވެސް ރަންޒަމާނެވެ. އަޅުގަނޑާ ސިނާން ގެ ގުޅުމުގައި ކުލަ ޖެހެމުން އައި އަހަރެވެ. މައިން ބަފައިންނަށް ސިއްރުން ބައްދަލު ކުރަމުން ދިއަ ދުވަސްތަކެވެ. ދެފަރާތުގެ އާއިލާވެސް ނުގަބޫލު ގުޅުމެކެވެ. ވާނީވެސް އެހެންނެވެ. އޭރު އަދި ދެކުދީން ރަނގަޅަށް ބޮޑުވެސް ނުވަނީއެވެ. އިންސްޓިޓިއުޓް އަށް ދާމަގުމަތީގައި ސިއްރުން ބާއްވަމުން ދިއަ ބައްދަލުވުންތައް އެންމެ ފަހުން ފަޅާއަރާ ގޭގައި ހައްޔަރު ކޮށް، ޕޮލިހަށް ގެންދެވުނު ދުވަސް ވެސް ހަނދާން އެބަހުއްޓެވެ. އެހެން ނަމަވެސް އޭގެ ސަބަބުން ގުޅުން ވީ އިތުރަށް ވަރުގަދައެވެ. އެދުވަހު ފިލްމް ކުޅެވިފައި އެވަނީ އަޅުގަނޑުމެން ދެކުދީންނަށެވެ. އެންމެ ފަހުން ދެކުދީން ވަކި ނުވާނެ ކަން އެނގުމުން ދެން ޖެހުނީ މައިންބަފައިން ހަތިޔާރު ބަހައްޓާށެވެ.

އުމުރުން އެންމެ 18 އަހަރުގައި ކައިވެނި ކުރެވުނެވެ. ވާނުވާގަ ތިއްބާ އަހަރު ދެކޮޅު ދެކުދީންވެސް ލިބުނެވެ. ދެން ޖެހުނީ ޓީޗިންގް ދޫކޮށްލާށެވެ. ވާވަރު ކަމަކަށް ނުވިއެވެ. އެހެން ނަމަވެސް ކިޔަވާދިނުން ދޫކޮށްށެއް ނުލަމެވެ. ގޭގައި ޓިއުޝަން ދިނީ ދެމަފިރީން އެކީގަ އެވެ. ގިނައަދަދެއްގެ ކުދީންނަށެވެ. ކިއެވުނު އެއްޗެއްގެ ބޭނުން ހިފުމުގެ މަގްސަދުގަ އެވެ. ސްކޫލުގައި ކިޔަވާ ނުދެވުނަސް އޭރު ލިބުނު ދެދަރީންނަށް ކިޔަވާދިނުމުގައި އެހުނަރު ބޭނުން ކުރީމެވެ. ﷲ ގެ ރަހުމަތުން ނަތީޖާ ވެސް ވަރަށް ފޮންޏެވެ.

އަޅުގަނޑުގެ ލިއުންތެރިކަމުގެ ހުނަރު އަޅުގަނޑަށް ފާހަގަވީވެސް އެދުވަސް ވަރުގައެވެ. ޓީޗިންގް ހަދަން އުޅުމުގެ ތެރޭގައެވެ. އޭރު ލިއެއުޅުނީ މުޅީންވެސް އިނގިރޭސިންނެވެ. ދިވެހި ބަހަށް ވަރަށް ނުފަރިތައެވެ. އެހެން ނަމަވެސް ރައްޓެއްސަކާއެކު ވާހަކައެއް ލިއެވޭތޯ ބެލީއެވެ. އެވާހަކަ އޭރުގެ ލައިބްރޭރިއަންއަށް ކަމު ދިއައެވެ. އަދި ދިވެހި ރާއްޖޭގެ އަޑުން ބާއްވާ ކުރުވާހަކަ ލިއުމުގެ މުބާރާތުގައި ކިޔާލަން ދޭށޭ ބުނުމުން ދިނީ މާ ކަމުދާނެ އެއްޗެއް ކަމަށް ގަބޫލު ކުރެވިގެނެއް ނޫނެވެ. އެހެން ނަމަވެސް އެ އަހަރުގެ މުބާރާތުން ލިއުން ތެރި ކަމަށާއި ކިއުންތެރި ކަމަށް އެއްވަނަ ލިބުނެވެ. ފައިސާގެ އިނާމެއްވެސް ލިބުނެވެ.

އޭރު އަދި މުސާރައެއް ވެސް ނުލިބޭތީ އެއީ ފުރަތަމަ ލިބުނު އާމްދަނީ އެވެ. ވަރަށް އުފާވިއެވެ. ދެން ޖެހިގެން އައި އަހަރުވެސް އެމުބާރާތުން ފައިސާގެ އިނާމެއް ލިބޭތޯ 2 ވާހަކަ ލިއުނީމެވެ. އެފަހަރު 1 ވަނަ އާއި 3 ވަނަ ލިބުނެވެ. އަނެއްކާ ޖެހިގެން އައި އަހަރުވެސް އެ މުބާރާތަށް ލިއުނީމެވެ. އެފަހަރުވެސް 1 ވަނަ ލިބުނެވެ. ޖެހިޖެހިގެން 3 ފަހަރު އެއްވަނަ ލިބުނީމައި އާމްދަނީ ހޯދަން މީ ކުރެވިދާނެ ކަމެއް ކަމަށް ގަބޫލު ކުރެވުނެވެ. އޭރު ކައިވެނިވެސް ކުރެވިއްޖެއެވެ. ދެ ކުދީން ވެސް ލިބިއްޖެއެވެ. ދެން ލިއަން ފެށީ ނޫހަކަށެވެ.

ހަނދާންވާ ގޮތުގައި އެއީ އާފަތިސް ނޫހެވެ. ނޫހުގައި ވާހަކަ ލިއަންފެށުމުން އާންމުންގެ ތަރުހީބު ލިބުނީ އޮބިނޯންނަ ވަރަށެވެ. މީ ހުސް ސަޕްރައިސް އެވެ. މާﷲ ގެ ހެޔޮ ރަހުމަތްފުޅެވެ. ހަގީގަތަށް ބުނާނަމަ އަޅުގަނޑު މަޝްހޫރުވެ ރާއްޖޭގެ އެންމެ ފާހަގަ ކޮށްލެވޭ ލިއުންތެރި އަކަށް ވީއިރު އަދި އަނޅުގަޑަށް ދިވެހި ބަހުން ރަގަޅަށް ސުކުން ކުރަން ވެސް ނޭނގެއެވެ.

ލިއުންތެރިކަމުގެ އާންމު ހިދުމަތުގެ އިނާމް ދެއްވުމަށް އަޅުގަނޑު ނޮމިނޭޓް ވި އިރު އަދި އަޅުގަނޑުގެ އުމުރުފުރާވެސް ހަމަ ނުވެއެވެ، އެހެން ކަމުން އެ ޝަރަފް އަޅުގަނޑު އުމުރު ހަމަވެންދެން މަޑުކޮށްލައިގެން އޮންނަން ޖެހުނެވެ. ހަނދާނަށް އަންނަނީ 25 އަހަރު ފުރިގެން އާންމު ހިދުމަތުގެ އިނާމް ދިނުމުގެ ރަސްމިއްޔާތުގައި ރައީސް އަލްއުސްތާޒް މަޢުމޫނު އަބްދުލް ގައްޔޫމް އަޅުގަނޑުގެ މަންމައާ ބައްދަލު ކޮށް ވިދާޅުވި ބަސްފުޅެކެވެ. ނަހުލާގެ މަންމަ ނަހުލާ ކުޑައިރު ވަރަށް ވާހަކަ ކިޔާދީފައި ހުންނާނެ ކަން ޔަގީނޭ ވިދާޅުވިއެވެ. އެއީ ވަރަށް ބޮޑު ތެދެކެވެ. އަޅުގަނޑަށް ނުވެސް އެނގި ހުއްޓާ އަޅުގަނޑުގެ ކިބައިގައި މި ހުނަރު އަށަގަތުމުގެ އެންމެ ބޮޑު ސަބަބަކީ އަޅުގަނޑުގެ މަންމައެވެ.

މަންމަ ކިޔާދޭ މޮޅު، ހުސްނުވާ އާ ވާހަކަ ތަކެވެ. އެކަމަށްޓަކާވެސް ތާއަބަދު މަންމަގެ ހަނދާން އާވެއެވެ. ކޮންމެ މަސައްކަތެއްގައި ކާމިޔާބު ވާހިނދު މަންމަގެ މުހިންމުކަން ހަނދުމަވެއެވެ. އަޅުގަނޑުގެ ކޮންމެ ކާމިޔާބީއެއް ގުޅިފައިވަނީ މަންމައާއެވެ. މާތްﷲ މިއަޅާގެ މަންމައަށް ސުވަރުގޭގެ އެންމެ މަތީ ދަރަޖަ ދެއްވުން އެދި ދުއާ ކުރަމެވެ.

އަދިވެސް ހަނދާންވާ ދުވަހެއް އެބައޮތެވެ. ރައީސް ނަޝީދުގެ ވެރިކަމުގައި މުލިއާގޭގައި ރައީސްގެ ދެކަނބަލުން ދެއްވި ދައުވަތަކަށް
ދިއުމުގެ ފުރުސަތުލިބުނު ދުވަހެކެވެ. ސޯދުބޭއާއި އަޅުގަނޑު ވާހަކައެއްގައި ތިއްބާ ވަޑައިގެން ރައީސް ނަޝީދު ވިދާޅުވިއެވެ. އަޅުގަޑަކީ ނަހުލާ ކުޑަކުޑަ އިރުވެސް ނަހުލާގެ ފޭން އެކެވެ. އެވިދާޅުވި އެއްޗެއް ނޭގުނެވެ. އިވުނީ ރަނގަޅަށް ކަމަށް ގަބޫލު ނުކުރެވުނީއެވެ. އަނެއްކާވެސް ވިދާޅުވިއެވެ.

ނަހުލާ ނޫހުގައި ލިއުނު އިރު އެވާހަކަތައް އަޅުގަނޑުމެން ނޫހުގެ ސޮފްހާތައް އެއްކޮށްގެން ފޮރުވައިގެން ގެންގުޅުނީމެވެ. ފަހުން ފޮތްތައްވެސް ގަތީމެވެ. ވަރަށް ބޮޑަށް އުފާވިއެވެ. އެއީ އެޒަމާނުގައިވެސް އެމަނިކުފާނަކީ މޮޅު ލިއުންތެރި އެކެވެ. އޭރު އަޅުގަނޑަކީ އެރޮނގުން މާ ބޮޑުއެއްޗެއް ނޭގޭ ކުޑަ ކުއްޖެކެވެ.

ޓީޗިން ކެރިއަ ދޫކޮށްލާ ފިލްމުގެ މަސައްކަތް ފެށީމެވެ. ވަރަށްބޮޑެތި ގޮންޖެހުން ތަކާ ދިމާވިއެވެ. ވަރަށް ހިތްދަތި އަހަރުތަކަކާވެސް ކުރިމަތި ވިއެވެ. ފުރަތަމަ މަސައްކަތް ކުރީ އެހެން މީހުންގެ ނަމުގެ ދަށުގައެވެ. އަޅުގަނޑުގެ ވާހަކަ އަށް ފިލްމް ހަދާ މީހުނަށް އެހީތެރި ވީއެވެ. އެގޮތުން މަސައްކަތް ދަސްކުރި އިރުވެސް ފިލްމުގެ ޑައިރެކްޝަންގެ ބޮޑުބައެއްގައި އަޅުގަނޑަށް މަސައްކަތް ކުރެވުނެވެ. އެއްވެސް ޑައިރެކްޓަރަކު ކްރެޑިޓެއް ނުދީން ތާގައި ސިއްރުންވެސް ތައުރީފްގެ ބަހެއް ބުނެނުލައެވެ.

އަޅުގަނޑު ޑައިރެކްޓް ކޮށް އެހެން މީހުން ގެ ނަން ޖަހާ ފަހުރު ހޯދި ބަޔަކުވެސް އުޅުނެވެ. އެހާ ހިސާބުން ދެން ނިންމީ އަމިއްލަ ޑައިރެކްޝަން އަކަށް ދާށެވެ. އެކަނި ވާވަރު ކަމެއް ތޯ ބަލާލާށެވެ. އެގޮތުން ފުރަތަމަ ޑައިރެކްޓް ކުރި ފިލްމަށް ވެސް ފިލްމު އެޅުވުމުގެ ކުރީން ލިބުނު ބޮޑު ތަރުހީބާ އެކު އާންމުންގެ އިތުބާރު ލިބިފަވާ މިންވަރު ހާމަވިއެވެ. އެހާ ހިސާބުން ފެށިގެން މިއަދާ ޖެހެންދެންވެސް އެންމެ ބޮޑު ސަމާލު ކަމެއް ދެނީ އާންމުންގެ އިތުބާރު ގެއްލުވާނުލާ އެގޮތުގައި ދެމި ހުރުމަށެވެ.

މީ އަޅުގަނޑުގެ 1990 އަހަރުން ފެށިގެން މިއަދާ ހަމައަށް ކުރެވުނު ދިގުދަތުރުގެ ވާހަކައެވެ. މީގެން ހާސިލް ކުރެވިދާނެ އިބްރަތެއް އެބައޮތެވެ. އެމީހެއްގެ ކިބައިގައި ފޮރުވިފައި ހުރި އާދަޔާ ހިލާފް ހުނަރެއް އިނގޭނީ އެކަމަކާ ކުރިމަތި ލައިގެންނެވެ. އަދި އެހުނަރާ އެކު ކުރިއަށް ދެވޭނީ ހިތްވަރާ އެކު ގޮންޖެހުންތަކާއި ކުރިމަތިލާން ކެރިގެންނެވެ. އަޒުމުވެސް ވަރުގަދަވެގެންނެވެ.
—————————————————————————————————————-

މި ހިސާބުން ދެން ބުނެލަން އޮތީ މިދިޔަ އަހަރު ނަހުލާގެ 'ސޮރީ' ބެލި މީހުންނަށް މި އަހަރު ވެސް އޮލިމްޕަހަށް ދާން ޖެހޭނެ
ވާހަކަ އެވެ. އޭނަގެ 'މަޖުޖޫނު' އޮލިމްޕަހުގައި އަޅުވާނީ މި އަހަރުގެ އޮކްޓޯބަރު 26 ގަ އެވެ. ނަހުލާ މިހާރު އުޅެނީ އެ މަސައްކަތުގަ އެވެ.

އެހެންވެ ކާމިޔާބީ އަށް ވެސް އެދެމެވެ.