ސަރުކާރުގެ ކުންފުނިތަކުގެ ނަޒާހަތްތެރިކަން އިތުރުކުރުމާ ގުޅޭގޮތުން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ)އާ މިއަދު މަޝްވަރާކޮށްފި އެވެ.
އެކްސްގައި ކުރި ޕޯސްޓެއްގައި އޭސީސީން ބުނީ ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ނަޒާހަތްތެރިކަމާއި ހިންގުންތެރިކަން އިތުރަށް ހަރުދަނާކުރުމާ ގުޅޭގޮތުން، ޕީސީބީއާ ބައްދަލުކޮށް މަޝްވަރާކޮށްފައިވާ ކަމަށެވެ.
މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރެވުނު ކަންތައްތަކުގެ ތެރޭގައި ޕީސީބީގެ ޕްރޮކިއުމަންޓް އުސޫލުތައް، ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމްތަކުގެ ތެރޭގައި ހިމެނުމާއި، މިހާރު ކުރިއަށްދާ ތަމްރީނު ހަރަކާތްތައް އިތުރަށް ފުޅާކުރުން ހިމެނޭ ކަމަށް އޭސީސީން ބުންޏެވެ.
މީގެއިތުރުން ކުންފުނިތަކުގެ ޕްރޮކިއުމަންޓް އަދި ފައިނޭންސް ދާއިރާގައި މަސައްކަތްކުރާ މުވައްޒަފުންނަށް މަޖުބޫރު "އިންޑަކްޝަން" (ތައާރަފީ) ޕްރޮގްރާމްތަކެއް ތައާރަފުކުރުމާ ގުޅޭގޮތުން ވެސް މަޝްވަރާކޮށްފައިވާ ކަމަށް އޭސީސީން ބުންޏެވެ.