ހުސްވެފައިވާ އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް އަލްހާން ފަހުމީ ވެސް ވާދަކުރަން ނިންމައިފި އެވެ.
މިކަން ސޯޝަލް މީީޑިއާގައި އިއުލާން ކުރައްވައި ރައްޔިތުުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ ކުރީގެ މެންބަރު ވިދާޅުވީ އެމްޑީޕީ އަލުން އަނބުރާ ޑިމޮކްރަސީގެ މަގަށް އަމާޒު ހިފަން ޖެހޭ ކަމަށެވެ.
އިދިކޮޅު އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް އިތުރު އެހެން ދެ ބޭފުޅަކު ވެސް ވާދަކުރައްވަން ވަނީ ނިންމަވައިފަ އެވެ. އެއީ ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހުމަދު ނަސީމެވެ.
އެމްޑީޕީގެ ވަގުތީ ޗެއާޕާސަނަކަށް މިހާރު ހުންނެވީ މަޖިލީހުގެ ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލް ޢަފޫރެވެ. އޭނަ އެ މަގާމަށް ހަމަޖެއްސީ ކުރިން ޗެއާޕާސަނަކަށް ހުންނެވި ފައްޔާޒް އިސްމާއީލް އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.
ކުރިން ވެސް އެމްޑީޕީގެ ޗެއާޕާސަންގެ މަގާމު ފުރުއްވި ނަޝީދު އެ މަގާމަށް އަލުން ވާދަކުރައްވާތީ، މަގާމަށް ބޭފުޅަކު އައްޔަން ކުރަން ބާއްވާ އިންތިހާބަކީ އެމްޑީޕީގެ ތެރޭގައި ފޯރިގަދަވުމާ އެކު، އަނެއްކާ ވެސް ބައިބައިވުންތަކެއް ފެނިގެން ދާނެ ކަމަށް އިންތިހާބަކަށްވާނެ ކަމަށް ވަރަށް ބޮޑަށް ބެލެވެ އެވެ.