Last Updated: July 17, 18:07
Saturday, July 18, 2026
ޚަބަރު

ހައި ކޯޓުގެ އިސް ފަނޑިޔާރަކަށް ޖަމީލް

ހައިކޯޓުގެ އިސް ފަނޑިޔާރު ކަމަށް އަބްދުﷲ ޖަމީލު މޫސާ އައްޔަންކޮށްފި އެވެ.

ޖުޑީޝަލް ސާވިސް ކޮމިޝަން ޖޭއެސްސީ) އިން ހައި ކޯޓުގެ އިސްފަނޑިޔާރުގެ މަޤާމަށް އޭނަ އައްޔަންކުރި އިރު، ޖަމީލު ކުރިން ހުންނެވީ ހައި ކޯޓުގެ ފަނޑިޔާރުގެ މަގާމުގަ އެވެ.

އޭނަ އަކީ އިސްލާމިކް ޔުނިވަސިޓީން ބެޗްލަ އޮފް ޝަރީޢާ އެންޑް ލޯ ވިތު އޮނާސް ހާސިލް ކުރައްވާފައިވާ ބޭފުޅެކެވެ.

ޖަމީލު ހައި ކޯޓްގެ އިސްފަނޑިޔާރަކަށް އައްޔަންކުރި އިރު، އެ ކޯޓްގެ ފަނޑިޔާރުކަމުގެ ހުވާ އޭނަ ކުރެއްވީ، މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ ތެރޭގައެވެ. އަދި މިދިޔަ އަހަރުގެ ނޮވެންބަރު 19 އިން ފެށިގެން އެ ވަގުތީ ގޮތުން ހިންގެވުމާ ހަވާލުވެ ހުންނެވީ ވެސް އޭނަ އެވެ.

ފަނޑިޔާރުކަމުގައި 16 އަހަރަށް ވުރެ ދިގު މުއްދަތަކަށް ޚިދުމަތް ކުރައްވާފައިވާ ޖަމީލް ވަނީ ހައިކޯޓުގެ އިތުރުން ސިވިލް ކޯޓުގެ ޤާޟީކަމާއި ލ. ދަނބިދޫ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓްކަން ވެސް ކުރައްވައިފަ އެވެ.