ފިލްމެއްގައި އާމިރު ޚާންގެ އަންބެއްގެ ރޯލު ކުޅެން ޝްރަދާ ކަޕޫރަށް ހުށަހަޅާފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
މީޑިއާތަކުން ބުނީ މި ފިލްމަކީ އަމިއްލަ ސްޓާޓަޕް އުފައްދައިގެން މުއްސަނދިވި އިންޑިއާގެ މި ޖީލުގެ މަޝްހޫރު ވިޔަފާވެރިޔާ އަޝްނީރް ގްރޯވާ، 43، ގެ ވާހަކަ ކިޔައި ދޭން ހަދަން ނިންމާފައިވާ ފިލްމު ކަމަށެވެ. އޭނަ އަކީ ޕޭމަަންޓް ފްލެޓްފޯމް، ބާރަތުޕޭގެ ސީއީއޯ/އެމްޑީ އެވެ.
ބޮލީވުޑްގެ ޚަބަރުތައް ގެނެސްދޭ މީޑިއާތަކުން ބުނެފައިވާ ގޮތުގައި މި ބައޮގްރަފިކަލް ޑްރާމާ ލިޔެ، ޑައިރެކްޓް ކުރަން ހަމަޖެހިފައި ވަނީ އޭގެ ޕްރޮޑިއުސަރެއްގެ ގޮތުގައި ވެސް ހިއްސާވާ ރާހުލް މޯދީ އެވެ.
ޝްރަދާއާ ރައްޓެހިވެގެން އުޅޭ ކަމަށް އަޑުއަރާފައިވާ ރާހުލް އަކީ ޑައިރެކްޓަރު ލަވް ރަންޖަން 2023 ގައި ޝްރަދާ އާއި ރަންބީރް ކަޕޫރާ އެކު ގެނެސްދިން ކާމިޔާބު ރޮމޭންޓިކް ކޮމެޑީ، 'ތޫ ޖޫޓީ މޭ މައްކާރް' ގެ ސްކްރީން ރައިޓަރެވެ.
އާމިރު ޚާނާ އެކު ރާހުލް ހަދަން ތައްޔާރީތައްވަމުން އަންނަ، ބައޯޕިކް ވާނީ އޭނަ ރަސްމީކޮށް ޑައިރެކްޝަނަށް ނުކުންނަ ފިލްމަށެވެ. އެކަމަކު މިއާ ބެހޭ އެއްވެސް މައުލޫމާތެއް މިހާތަނަށް އަދި ރަސްމީކޮށް ހާމަކޮށްފައެއް ނުވެ އެވެ. އެކަމަކު މި ފިލްމު ވަރަށް އަވަހަށް އިއުލާން ކުރާނެ ކަމަށް ރިޕޯޓްތައް ބުނެ އެވެ.
ރާހުލް ޑައިރެކްޓްކުރާ އަޝްނީރްގެ ބައޯޕިކް އާމިރު ކުޅެން އުޅޭ ވާހަކަ ދެކެވެމުން އަންނަ އިރު، އިންޑިއާގެ ސިނަމާގެ ބައްޕަގެ ގޮތުގައި ދެކޭ ދާދާސާހެބް ޕާލްކޭގެ ބައޯޕިކް ހަދަން ނިންމާފައި އޮތީ ވެސް 61 އަހަރުގެ އެކްޓަރާ އެކީގަ އެވެ. އޭގެ ޑައިރެކްޓަރަކީ އާމިރުގެ 3 އިޑިއަޓްސް އާއި ޕީކޭ ގެނެސްދިން ރާޖްކުމާރު ހިރާނީ އެވެ.
އާމިރުގެ އެންމެ ފަހުގެ ފިލްމަކީ މިދިޔަ އަހަރުގެ 'ސިތާރޭ ޒަމީން ޕަރް' އެވެ.