މަސްވެރިކަން ކުރާ ހުރިހާ ދޯނިފަހަރަށް އެސްޓީއޯ ރޭޓުގައި މާދަމާ އިން ފެށިގެން ތެޔޮ ލިބޭނެ ކަމަށް ފިޝަރީޒް މިނިސްޓްރީން ބުނެފި އެވެ.
އެ މިނިސްޓްރީން ބުނީ ފަހި ހަކަތައިގައި ރަޖިސްޓްރީވެފައިވާ ދޯނިތަކަށް ސަބްސިޑައިޒް އަގުގައި 13 ރަށަކުން ތެޔޮ ލިބޭނެ އިންތިޒާމް މިހާރު ހަމަޖެހިފައިވާ ކަމަށެވެ. އޭގެ ތެރޭގައި ހިމެނޭ ރަށްތަކަކީ ހއ. އިހަވަންދޫ، ހދ. ހަނިމާދޫ، ށ. މިލަންދޫ، ބ. އޭފަދުށި، ފ. ނިލަންދޫ، ކ. ހިންމަފުށި، ރ. ދުވާފަރު، ދ. ކުޑަހުވަދޫ، ޅ. ފެލިވަރު، ގއ. ކޫއްޑޫ، ފުވައްމުލައް، އައްޑޫ ހުޅުދޫ އަދި ހުޅުމާލެ ޖެޓީ އެވެ.
މަސްދޯނިތަކަޑް އެސްޓިއޯ އަގުގައި ތެޔޮ ލިބޭނެ އިންތިޒާމު ހަމަޖައްސާފައި މި ވަނީ ތެލުގެ އަގުބޮޑުވެގެން ބައެއް މަސްވެރިން މަހަށް ނުނިކުމެ އެކަމުގެ ކަންބޮޑުވުން ފާޅުކުރަން ފަށާފައި ވަނިކޮށްކަން ފާހަގަކޮށްލެވެ އެވެ.
ތެޔޮ އަޅަން ދާއިރު މަސްވެރިކަން ކުރާ ފަރާތްތަކުން އެފަރާތްތަކުގެ ލައިސަންސްގެ ކޮޕީ އާއި އެންމެ، ފަހުން މަސްކިރުވި ރަސީދު ގެންދަން ޖެހެ އެވެ.
އަގު ހެޔޮ ރޭޓުގައި ތެޔޮ ދިނުމަށް، ހަމަޖެހިފައި ވަނީ އަންނަނިވި މިންވަރަށެވެ.
ކަޅުބިލަމަހުގެ މަސްދޯނިތަކަށް:
* 85 ފޫޓުން ފެށިގެން ބޮޑެތި އުޅަނދުފަހަރަށް 5000 ލީޓަރު (މަހަކަށް 2 ދަތުރު)
* 50 ފޫޓާއި 85 ފޫޓާއި ދެމެދުގެ އުޅަނދުފަހަރަށް 3000 ލީޓަރު (މަހަކަށް 3 ދަތުރު)
* 50 ފޫޓުން ދަށުގެ، އުޅަނދުފަހަރު" 1500 ލީޓަރު (މަހަކަށް 3 ދަތުރު)
ބޮޑުކަންނެލީގެ މަސްދޯނިތަކަށް:
* 85 ފޫޓުން ފެށިގެން، ބޮޑެތި އުޅަނދުފަހަރަށް.1800 ލީޓަރު (މަހަކަށް 5 ދަތުރު)
* 50-85 ފޫޓާ ދެމެދުގެ. އުޅަނދުފަހަރަށް. 1200 ލީޓަރު (މަހަކަށް 5 ދަތުރު)
* 50 ފޫޓުން ދަށުގެ އުޅަނދުފަހަރު 600 ލީޓަރު (މަހަކަށް 5 ދަތުރު)
މިނިސްޓްރީން ބުނީ މި މި ގެނައި ބަދަލާއެކު، މަސްވެރިކަމުގެ މި މޫސުމުގައި މަސްވެރިން މަސްކަނޑުތަކަށް ނިކުމެ، މަސްވެރިކަމުގެ ސިނާއަތަށް އިތުރު ދިރުމެއް ލިބިގެން ދާނެކަމުގެ އުންމީދު އޮތް ކަމަށެވެ.