އާއިލީ ލޯބީގެ ފިލްމުތައް ގެނެސްދޭން މަޝްހޫރު ބޮލީވުޑްގެ ޑައިރެކްޓަރު ސޫރަޖް ބަރްޖަތިއާގެ އާ ފިލްމު "ޔޭ ޕްރޭމް މޯލް ލިއާ" މި އަހަރުގެ ނޮވެމްބަރު 27 ގައި ސިނަމާތަކަށް ގެންނާނެކަން މިއަދު އިއުލާންކޮށްފި އެވެ.
މި އަހަރުގެ އެންމެ އުންމީދީ ފިލްމުތަކުގެ ތެރޭގައި ހިމެނޭ މި ފިލްމު ބެލުންތެރިންނަށް ދޫކޮށްލާ ތާރީހު މިއަދު އިއުލާންކުރި އިރު، ފިލްމުގެ ޝޫޓިން މިދިޔަ އަހަރުގެ ނޮވެމްބަރު މަހުން ފެށިގެން ދަނީ ކުރިއަށެވެ. "ޔޭ ޕްރޭމް މޯލް ލިއާ" ގެ ލީޑް ތަރިންނަކީ އަލަށް އެކީގައި ފިލްމަކުން ފެންނާނެ ޖޯޑެއް ކަމަށްވާ އަޔޫޝްމަން ކްރާނާ އާއި އަރަމުން އަންނަ ޒުވާން ބަތަލާ ޝަރްވާރީ ވާގެވެ.
މި ފިލްމަކީ މި އަހަރު ރިލީޒްކުރާނެ އަޔޫޝްމަންގެ ތިން ވަނަ ފިލްމެވެ. މި އަހަރު ރިލީޒްކުރާ އޭނަގެ ފުރަތަމަކީ އަންނަ މަހުގެ 15 އަށް ތާވަލުކޮށްފައިވާ ރޮމޭންޓިކް ކޮމެޑީ "ޕަތީ ޕަތުނީ އޯރް ވޯ ދޯ" އެވެ. ދެވަނަ ފިލްމަކީ ސެޕްޓެމްބަރު 11 ގައި ގެނެސްދޭން ހަމަޖެހިފައިވާ ސްޕައި ކޮމެޑީ "އުޅުތާ ތީރު" އެވެ.
ޝަރްވާރީގެ ވެސް ތިން ފިލްމެއް މި އަހަރު ރިލީޒްވާނެ އެވެ. އެއީ "ޕްރޭމް މޯލް ލިއާ" ގެ އިތުރުން ޖުލައި 10 އަށް ތާވަލުކޮށްފައިވާ ސްޕައި އެކްޝަން ތުރިލާ "އަލްފާ" އާއި ޖޫން 12 ގައި ގެނެސްދޭން ނިންމާފައިވާ ލޯބީގެ ޕީރިއަޑް ފިލްމު "މޭ ވާޕަސް އާއޫގާ" އެވެ.
ސޫރަޖްގެ އާއިލީ ފިލްމު ކުންފުނި، ރާޖްޝްރީ ޕްރޮޑަކްޝަނުން ގެނެސްދޭ "ޔޭ ޕްރޭމް މޯލް ލިއާ" ގެ ކާސްޓްގައި އަނޫޕަމް ކޭރް، ޝާދު ރާންދްވާ، ސޯމިއާ ޓަންޑަން، ސުޕްރިއާ ޕަތަކް، ސްވަނަންދު ކިރްކިރޭ އަދި ސީމާ ޕަހްވާ ފަދަ ފަންނާނުން ހިމެނެ އެވެ.
"މޭނޭ ޕިޔާރު ކިއާ" އާއި "ހަމް އާޕް ކޭ ހޭ ކޯން" އާއި "ހަމް ސާތު ސާތު ހޭ" އަދި "ވިވާ" ފަދަ ކާމިޔާބު ފިލްމުތައް ގެނެސްދިން ސޫރަޖްގެ އެންމެ ފަހުގެ ފިލްމަކީ 2022 ގެ "އޫޗާއީ" އެވެ.