Last Updated: July 11, 13:48
Saturday, July 11, 2026
ރިޕޯޓް

އަސްކަރީ އަޚުލާޤު؛ ސިފައިންގެ ކުރިއެރުން

ތާރީޚަށް ބަލާއިރު ރޯމަނުންގެ ލަޝްކަރުތަކަކީ އެމީހުންގެ ވަރުގަދަ އަސްކަރީ އަޚްލާޤުގެ ސަބަބުން ބޮޑެތި ކާމިޔާބީތައް ހޯދި ބައެކެވެ. ބީސީ 202 ވަނަ އަހަރު ހިނގި "ބެޓްލް އޮފް ޒާމާ" ގައި ރޯމަނުން ހަނިބާލްގެ މައްޗަށް ކުރި ހޯދީ އެމީހުންގެ ތަރުތީބުކުރެވިފައިވާ ހަނގުރާމައިގެ އުކުޅުތަކުގެ ސަބަބުންނެވެ. ހަމައެފަދައިން، އެލެގްޒެންޑަރ ދަ ގްރޭޓްގެ ލަޝްކަރާއި، ފްރެޑްރިކް ދަ ގްރޭޓްގެ ޕްރަޝިއަން އިސްލާހީ ބަދަލުތަކަކީ ވެސް ހަރުދަނާ އަސްކަރީ އަދަބު އަޚްލާޤުގެ ސަބަބުން ކުދި ލަޝްކަރުތަކުން ބޮޑެތި ފައުޖުތަކުގެ މައްޗަށް ކުރި ހޯދި މިސާލުތަކެވެ.

މީލާދުން 1815 ވަނަ އަހަރު ވޯޓަލޫ ހަނގުރާމައިގައި އިނގިރޭސި ސިފައިން ނަޕޯލިއަންގެ މައްޗަށް ކުރި ހޯދީ ވެސް އެމީހުންގެ ސާބިތުކަމާއި އަމުރަށް ކިޔަމަންވުމުގެ ސިފަ ވަރުގަދަވުމުންނެވެ. އިސްލާމީ ތާރީޚުގައި ބޮޑެތި ބިޔަ ލަސްކަރުތަކުގެ މައްޗަށް މުސްލިމު ކުރި ހޯދުމުގައި އެންމެ މުހިންމު ދަރެއް އަރާކުރީ މުސްލިމުންގެ އަޚުލާޤާއި ސުލޫކެވެ. އިސްލާމީ ތަރުބިއްތާއި ވަރުގަދަ އަޤީދާއެވެ. މި ޙަޤީޤަތް މިއަދު ވެސް ބަދަލެއް ނުވެއެވެ. ހަނގުރާމައަކުން ކާމިޔާބުވުމުގައި އެންމެ މުހިންމު ދައުރެއް އަދާކުރަނީ އަސްކަރީ އަޚުލާޤެވެ. އެއީ ސިފައިންގެ ކުރިއެރުމެވެ.

އަސްކަރީ އަދަބު އަޚުލާގާ ބެހޭ ގޮތުން އެމެރިކާގެ ކުރީގެ ރައީސް ޖޯޖް ވޮޝިންގްޓަން ވިދާޅުވެފައި ވެއެވެ. "އަދަބު އަޚްލާޤަކީ ލަޝްކަރެއްގެ ފުރާނައެވެ. އެއީ މަދު އަދަދެއްގެ ބަޔަކު ވަރުގަދަ ބަޔަކަށް ހަދައިދީ، ނިކަމެތިންނަށް ކާމިޔާބީ ހޯދައިދޭ ކަމެކެވެ." ހަނގުރާމައިގެ ފަންނުގެ މާހިރެއް ކަމުގައުވާ ސުން ޒޫ ވިދާޅުވެފައިވެ އެވެ؛ "އަދަބު އަޚްލާޤެއް ނެތް ގިނަ ބަޔަކާއެކު ހަރަކާތްތެރިވުމަކީ ނުހަނު ނުރައްކާތެރި ކަމެކެވެ." އަސްކަރީ އަޚުލާޤުގެ އެއް އަސާސަކީ ކުދިކުދި ކަންކަމުގައި އަދަބުވެރި ނުވެވޭ މީހަކަށް، ބޮޑެތި ކަންކަމުގައި އަދަބުވެރިއެއް ނުވެވޭނެކަމަށް ގަބޫލު ކުރުމެވެ.

އަސްކަރީ އަޚުލާޤު ނެތުމުގެ ގެއްލުން

އަސްކަރީ އަޚްލާޤު ނެތުމުގެ ސަބަބުން ކުރިމަތިވި ގެއްކުމާއި ނާކާމިޔާބަށް ބަލާއިރު 1917 ވަނަ އަހަރު ފްރެންޗް އާމީގެ ތެރޭގައި ހިނގި ބޮޑު ހަމަނުޖެހުމަކީ އަސްކަރީ އަދަބު އަޚްލާޤު ގެއްލުމުގެ ނަތީޖާ ފެނުނު ހިތާމަވެރި ހާދިސާއެކެވެ. މީގެ ސަބަބުން ފްރާންސުން ހަނގުރާމައިގެ މައިދާނުގައި ކުރިއަށްދާން އޮތް މަގު ބަންދުވެ، ބޮޑެތި ގެއްލުންތަކާ ކުރިމަތިލާން ޖެހުނެވެ.

ހަމައެފަދައިން، 2014 ވަނަ އަހަރު އައިސިސް (SS) އާ ދެކޮޅަށް އިރާގު ސިފައިން މޫސަލްގައި ފަހަތަށް ޖެހުނު ހާދިސާއަކީ ވެސް އަދަބު އަޚްލާޤު ކުޑަވުމާއި ކޮރަޕްޝަންގެ ސަބަބުން ދިމާވި ބޮޑު ނާކާމިޔާބީއެކެވެ. 30،000 އެއްހާ އިރާގު ސިފައިން، މަދު އަދަދެއްގެ އައިސިސް ހަނގުރާމަވެރިން ފެނުމާއެކު ހަތިޔާރު ދޫކޮށް ފިލުމަކީ އަސްކަރީ ނިޒާމު ފުނޑުފުނޑުވެފައި އޮތް މިންވަރު ހާމަކޮށްދިން ކަމެކެވެ.

ދިވެހިތާރީޚަށް ބަލާއިރު މީލާދުން 19 މޭ 1558 ގައި ޢަލީ ރަސްގެފާނު ޝަހީދުކޮށް، ޕޯޗުގީޒުން ދިވެހިރާއްޖެ އަޅުވެތިކުރި ހާދިސާއަކީ ދިވެހި ލަޝްކަރުގައި އަސްކަރީ އަޚުލާޤު ނެތުމުން ކުރިމަތިވި ހާދިސާއެކެވެ. އެ ދުވަހު ޢަލީ ރަސްގެފާނާއެކު ނިކުން، ޤައުމުގެ ދިފާޢުގައި އޮތް ބޮޑު ލަޝްކަރު، ޕޯޗުގީޒުން މާލެއަށް ފައިބާތަން ފެމުނުން އީދު މިސްކިތާ ހަމައިން އެ ރަދުން ދޫކޮށްލައިފައި ފިލައިގެން ދިއުމަކީ އެ ހަނގުރާމައިން ދިވެހީން ބަލިވެ ޕޯޗުގީޒުންގެ 15 އަހަރާއި 6 މަސް ދުވަހުގެ ދިގު ބިރުވެރި އަޅުވެތިކަމެއްގެ ތެރެއަށް ދިވެހިރާއްޖެ ވެއްޓުނު ސަބަބެވެ.

ޒަމާނީ އިސްލާހީ ބަދަލުތައް

އަސްކަރީ އަޚުލާޤު އަށަގެންނެވުމަށާއި ދެމެހެއްޓުމަށް ޒަމާނީ އިސްލާހީ ބަދަލުތައް އަސްކަރިއްޔާތަކަށް އަންނަނީ ގެންނަމުންނެވެ. ކުރީ ޒަނާނުގައި އަސްކަރީ އަޚުލާޤު އަށަގެންނެވުމުގެ ނަމުގައި ސިފައިންނަށް ދެމުންދިޔަ ތަމުރީނުތަކުގައި ބޭނުންކުރި އަނިޔާކުރުމާއި ބުލީކުރުމާއި ހަޑިހުތުރު ބަސްތަކުން ފުރައްސާރަ ކުރުމުން ސިފައިންގެ ތަމުރީނުތައް ދަނީ ދުރުކުރަމުންނެވެ.

ހަމަ މިގިތަށް ބޮޑެތި އަނިޔާވެރި އަދި ލާއިންސާނީ އަދަބުތަކާއި ހަމަހަމަކަމެއްނެތި ދެމުން އަޅަމުންދިޔަ ފިޔަވަޅުތައް ދޫކޮށް އަސްކަރީ ހަރުދަނާ އަދި ދެފުށްފެންނަ އަސްކަރީ ޢަދުލުގެ ނިޒާމުތައް ދަނީ ޤާއިމުކޮށް ތަންފީޒު ކުރަމުންނެވެ.

ކުށްކުރާ ސިފައިންނަށް ގާނޫނާއި ގަވާއިދާ އެއްގޮތަށް ފިޔަވަޅު ދަނީ އަޅަމުންނެވެ. އާންމު ކުށްތަކަށް އަޅާ އިދާރީ ފިޔަވަޅުތައް ވެސް ހަރުދަނާކޮށް، ކޮމާންޑަރުންނަށް ދެވޭ އަދަބުތައް ވެސް ދަނީ ހުދޫދެއްގެ ތެރޭގައި ހިފެހެއްޓެމުންނެވެ. އަލަށް އަސްކަރިއްޔާތަކަށް ތަޢާރަފުކުރެވިފައިވާ އާ ނިޒާމުގައި ބޮޑަށް ބާރުއަޅަނީ ކައުންސިލިންގ އާއި ގައިޑެންސްއާއި ކޯޗިން އަދި މެންޓާޝިޕްފަދަ ނިޒާމުތަކުގެ ތެރެއިން ކުށްތަކަށް އަރައިގަތުމަށް އޮންނަ ފުރުސަތު ހަނިކުރުމަށެވެ.

ފަހުގެ ހަނގުރާމަތަކަށް ގެނެވުނު ބަދަލުތައް

އިރާގާއި އަފްޣާނިސްތާނުގެ ހަނގުރާމައަށްފަހު، އެމެރިކާ ސިފައިން ވަނީ ހަނގުރާމައިގެ ގާނޫނުތަކަށް އަހުލުވެރިކުރުވުމާއި، އާންމުންނަށް ލިބޭ ގެއްލުން ކުޑަކުރުމަށް އަސްކަރީ އަދަބު އަޚްލާޤުގެ ތެރެއަށް އާ އުސޫލުތަކެއް ތައާރަފުކޮށްފައެވެ. އަދި 2018 ވަނަ އަހަރު ސިފައިންގެ އަސާސީ ތަމްރީނުތަކަށް ބަދަލުތަކެއް ގެނެސް، ކުރިން ދޫކޮށްލެވިފައިވާ ހަރުދަނާ އުސޫލުތައް އަލުން އިއާދަކުރިއެވެ. މީގެ އިތުރުން، ޔޫކްރެއިން ހަނގުރާމައިގައި ވެސް ފެނިގެންދިޔައީ ހަރުދަނާ އަދަބު އަޚްލާޤުގެ ސަބަބުން ކުދި ޔުނިޓުތަކުން ރަޝިޔާ ފަދަ ބޮޑު ބާރަކާ ދެކޮޅަށް ފައިތިލަ ސާބިތުކުރި ތަނެވެ.

ސިފައިންގެ ތެރޭގައި އަސްކަރީ އަދަބު އަޚުލާޤު ދަށްވަމުން އައުމަކީ ހުރިހާ އަސްކަރިއްޔާތަކެއްގެ ވެސް ވަރަށް ބޮޑު ކަންބޮޑުވުމެކެވެ.

ދިރާސާތަކުން ދައްކާ ގޮތުގައި މިހެން ދިމާވީ ކުރިން ގަބޫލުކުރަމުން އައި އަޚުލާޤީ މިންގަނޑުތައް ދަށްވުމާ ގުޅިގެންނެވެ. އަދި ޒުވާން އާ ޖީލުތަކުގެ ވިސްނުން ތަފާތުވީ ވަރަށް، އަސްކަރީ ތަމުރީނުތަކަށް ބަދަލު ނުގެނެވުމުންނެވެ. މީގެ އިތުރުން އަސްކަރީ ސަގާފަތާއި އާދަކާދައަށް ލޯބިޖެއްސުމާއި އަސްކަރީ ރޫޙާއި ޖޯޝާއި ފޯރި އަށަގެންނެވުމަށް އެކަށީގެން ގޮތެއްގައި މަސައްކަތް ނުކުރެވިގެންނެވެ.

އެމެރިކާ ފަދަ ބިޔަ އަސްކަރީ ފައުޖުތަކުގައި އަސްކަރީ އަޚުލާޤުގެ މިންގަނޑުތައް ދަށް ވަމުން އަންނާތީ މިހާރު ވަނީ އަސްކަރީ އަދަބު އަޚްލާޤު ހަރުދަނާކުރުމަށް އާ އަމުރުތަކެއް ނެރެފައެވެ. މިގޮތުން ސިފައިންގެ ތެރޭގައި "މެރިޓް" ނުވަތަ ގާބިލިއްޔަތަށް އިސްކަން ދިނުމާއި، ކުރީގައި ހަރުކަށި ކަންކަން ކަމަށް ބަލައިގެން ދޫކޮށްލާފައިވާ ތަމްރީނުތައް އަލުން ފެށުމަށް ވަނީ އަމުރުކުރައްވާފަ އެވެ.

އަސްކަރީ އަދަބު އަޚްލާގަކީ ސިފައިންގެ ލަޝްކަރެއްގެ ބަދަހިކަމާއި، ވަރުގަދަކަމާއި، އަދި ކާމިޔާބީގެ އެންމެ މުހިންމު ބިންގަލެވެ. މިއީ ހަމައެކަނި އަމުރުތަކަށް ކިޔަމަންވުމެއް ނޫނެވެ. މީގެ ތެރޭގައި އަމިއްލަ ނަފްސު ކޮންޓްރޯލްކުރުމާއި، ގައުމީ އަދި ދީނީ ވާޖިބުތަކަށް އިސްކަން ދިނުން ވެސް ހިމެނެ އެވެ.

ނޯޓް: މިއީ އަބްދުﷲ ސައީދުގެ ލިޔުއްވުމެކެވެ.