Last Updated: July 13, 06:07
Monday, July 13, 2026
ޚަބަރު

އަޅުގަނޑު ވާނީ އިންސާވެރި ޗެއާޕާސަނަކަށް: މީކާއީލް

އެމްޑީޕީގެ ޗެއާޕާސަންއެއްގެ ގޮތުގައި މަސައްކަތް ކުރައްވާނީ އިންސާވެރި މީހެއްގެ ގޮތުގައި ކަމަށް އެ މަގާމަށް ވާދަ ކުރައްވާ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހްމަދު ނަސީމް ވިދާޅުވެއްޖެ އެވެ.

އެމްޑީޕީގެ ޗެއާޕާސަންކަމުގެ މަގާމު ހުސްވީ އެ މަގާމުގައި ހުންނެވި ފައްޔާޒު އިސްމާއިލް އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. އެ މަގާމަށް މީކާއިލްގެ އިތުރުން ދެން ވާދަކުރައްވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދު އެވެ.

ޗެއާޕާސަން އިންތިހާބުގެ ކެމްޕޭން "އިތުބާރު" ގެ ނަމުގައި ރަސްމީކޮށް ފެށުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މީކާއިލް ވިދާޅުވީ އޭނާގެ ޗެއާޕާސަންކަމުގައި ޕާޓީ ހިންގާނީ އިންސާފުވެރިކަމާ އެކު، ހަމަހަމަކަމާ އެކު، ތަފާތު ހިޔާލަށް ޖާގަ ދީގެން ކަމަށެވެ. އެމްޑީޕީ އަކީ ތަފާތު ހިޔާލުތަކާއި ތަފާތު ފިކުރުތަކުގެ މީހުން އުޅޭ ޕާޓީއެއްގެ ގޮތުގައި ހުރިހާ ބޭފުޅުންނަނަށް ވެސް ޖާގަ ދީގެން ހިންގާ ޕާޓީއެއްގެ ގޮތުގައި ހިންގާނެ ކަމަށް މީކާއިލް ވިދާޅުވި އެވެ.

މީކާއިލް ވިދާޅުވީ ހަގީގީ ތަޖުރިބާގެ ނަތީޖާއަކީ، ޕާޓީގައި ދެމިހުންނަން ނިންމުން ކަމަށާއި ޕާޓީގެ އާންމު މެންބަރުންނާ އެކު، ޕާޓީ އެންމެ ހާލުގައި އޮތް ދުވަހު ވެސް ދެމިހުރުން ކަމަށެވެ.

"މި ދަނޑިކޮށި ހަރުގެ ކުރިމަތީގައި މި ދެ އަހަރު މި ބޭފުޅުންނާ އެކު ހުރީ އަޅުގަނޑޭ. މި ޕާޓީގެ މެންބަރުންނާ އެކު ރައްޔިތުންގެ މަޖިލިސް ކާމިޔާބު ކުރަން ނުކުތީ އަޅުގަނޑޭ. މި ޕާޓީ ހާލުގައި އޮތް ދުވަހު، އެންމެ ދެ މީހުންނާއި ފަޅި އެއްވަމުން ދިޔަ ދުވަހު ވެސް ހުރީ ހަމަ އަޅުގަނޑޭ." މީކާއިލް ވިދާޅުވި އެވެ.

މީގެ އިތުރުން މީކާއިލް ވަނީ އޭނާ ހުރީ ވަކި ބޭފުޅަކާއެކު ނޫން ކަމަށާއި ހުންނެވީ އެމްޑީޕީގެ އާންމު މެމްބަރުންނާއެކު ކަމަށްވެސް ވިދާޅުވެފަ އެވެ.