ޓެޓޫ ޖެހުމަކީ، އިންސާނާގެ ހަންގަނޑުގައި ތިނޯސްފަދަ ތޫނު އެއްޗެއްގެ ޒަރިއްޔާއިން ލޯވަޅުތަކެއް އެޅުމަށް ފަހު، އެ ލޯވަޅުތަކުގެ ތެރެއަށް ބޭނުންވާ ކުލަތަކެއް ފޮނުވާލައިގެން ކުރަހާ ކުރެހުމެވެ. ޓެޓޫ އަކީ ދުވަހަކު ވެސް ފިލައިގެންދާ އެއްޗެއް ނޫނެވެ.
ޓެޓޫގެ ތާރީޚް ހަތަރުސަތޭކަ އަހަރަށް ދެމިގެންދެ އެވެ. ޤަދީމީ ޒަމާނުގައި ފަރަންސޭސިވަލާތުގެ ދެކުނުގެ ޖަޒީރާއެއްކަމުގައިވާ ބޮލިންޒިޔާ ގައި ޓޭޓޫ ޖެހުން ވަރަށް ފުޅާ ދާއިރާއެއްގައި ފެތުރިފައިވެ އެވެ. މީލާދުގެ ދުއިސައްތަ އަހަރު ކުރިން މިޞްރުގައި ދިރިއުޅެފައިވާ އަދި މިހާރު އާޘާރީ ހޯދުންތެރިން ހޯދާފައިވާ ބައެއް މަމީންގެ ގައިން ޓެޓޫ ފެނިފައިވެ އެވެ.
ޤަދީމީ މިޞްރު މީހުން ޓެޓޫ ޖަހަމުން ދިޔައީ ޙަސަދައާއި އެސްފިންނާއާއި އަދި އެހެންމީހުންގެ ލަޢްނަތުން ސަލާމަތް ވުމުގެ ގޮތުންނެވެ. ގްރީީކާއި ރޯމަނުން އެމީހުންގެ އަޅުންނާއި ކުށްވެރިންގެ ގައިގައި ޓެޓޫޖަހައި އުޅުނެއެވެ.
މި ޒަމާނުގައި، ޒުވާނުންގެ ތެރޭގައި ވަރަށް ފުޅާ ދާއިރާއެއްގައި ޓެޓޫޖެހުން ވަނީ ފެތުރިފައެވެ. ޒަމާން ތަރައްޤީވަމުންދާ ވަރަކަށް ޓެޓޫގެ ވައްތަރުތަކާއި ޓެޓޫ ޖެހުމުގައި ގެންގުޅޭ އުކުޅުތަކާއި ކުލަތައްވެސް ތަފާތުވެފައިވެއެވެ. ބައެއް މީހުން އެމީހުންގެ ލޯބިވެރިންގެ ނަންތަކުން ޓެޓޫ ޖަހައެވެ. އަނެއްބަޔަކު އެމީހުން ލޯބިކުރާ ޑިޒައިންތަކާއި ލޯގޯތަކާއި، ޖަނަވާރުތަކާއި ދޫނީ ސޫފާސޫފީގެ ތަޞްވީރުން ޓެޓޫ ޖަހައެވެ. އަދި އަނެއްބަޔަކު އެމީހުން އަޅުކަން ކުރާ ކަލާނގެ ތަކުގެ ޞޫރަތަކުން ޓެޓޫ ޖަހައެވެ. އަދި ބައެއް މީހުން އެމީހުންގެ ބާރުގަދަކަން ދެއްކުމަށްޓަކައި ބާރުގަދަ ޖަނަވާރުތަކުގެ ޞޫރަ ކުރަހައިގެން ޓެޓޫ ޖަހައެވެ.
ޒުވާނުން މިފަދަ ކަންތައްތަކަށް ދިޔުމުގެ އެންމެ ބޮޑު ސަބަބަކީ ހުސްވަގުތުގެ ބޭނުން ހެޔޮގޮތުގައި ނުކުރެވުމެވެ. މޮޑަން ނުވަތަ ފެޝަނަބަލް މީހަކަށް ވުމެވެ. ނުވަތަ ތިމާ ސަޕޯޓް ކުރާ މީހަކު ޓެޓޫ ޖަހާފައިހު ރުމުން އޭނާ ކޮޕީކުރުމެވެ. މީގެ އިތުރުން ދީނީ، އިިޖުތިމާޢ،ީ ޘަޤާފީ، ޤައުމީ ވަންތަކަން ނެތުމެވެ. ދިރިއުޅުމުގެ ޙަޔާތުގެ އަގު ވަޒަން ނުކުރެވުމެވެ.
އިސްލާމީ ނަޒަރަކުން ޓެޓޫ ޖެހުމާ ބެހޭ ގޮތުން ބަލާ އިރު، އިސްލާމް ދީނުގައި ޓެޓޫ ޖެހުމަކީ ކަނޑައެޅިގެން ޙަރާމް ކަމެކެވެ. މާތް ﷲ އެންމެ ފުރިހަމަ ޞޫރާގައި ހައްދާފައިވާ އިންސާނާގެ ޞޫރަ ބަދަލު ކުރުމެކެވެ. އެފަދަ މީހުންނަށް، މާތް ﷲ ގެ ލަޢްނަތް ހުރިކަން ކީރތިރަސޫލާ ބަޔާން ކުރައްވާފައިވާ ޢަމަލެކެވެ. (عن ابن مسعود أن رسول الله ـ صلى الله عليه وسلم ـ قال:" لَعَنَ الله الواشماتِ والمُسْتَوْشِماتِ……) އިބުނު މަސްޢޫދުގެ އަރިހުން ރިވާވެގެންވެ އެވެ. ހަމަކަށަރުން رسول الله صلى الله عليه وسلم ޙަދީޘް ކުރެއްވިއެވެ." މާތް ﷲ ޓެޓޫ ޖަހާ މީހުންނާއި އެކަމުގައި އެހީތެރިވާ މީހުންނަށް ލަޢްނަތް ލެއްވި އެވެ."
އިބުނު ޙަޖަރު ފަތުޙުލްބާރީގައި މިޙަދީޘްގެ ޝަރަޙާގައި ބަޔާން ކުރައްވާފައިވަނީ ﷲ އާއި އެކަލާނގެ ރަސޫލާ ލަޢްނަތް ލައްވާފައިވާ ކަންތައްތަކަކީ ޝައިޠާނާގެ ޢަމަލުތަކުގެ ތެރޭގައި ހިމެނޭ ކަންތައްތަކެވެ. ކީރިތި ޤުރްއާނުގައި މާތް ﷲ ވަޙީ ކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގައިވެއެވެ.
"އަދި، ނުބައިކަމާއި ނުކިޔަމަންތެރިކަން ބޮޑުވެގެންވާ ޝައިޠާނާއަށް މެނުވީ، އެއުރެން އަޅުކަމެއް ނުކުރާނެތެވެ. ﷲ އެ ޝައިޠާނާ އަށް ލަޢްނަތް ލައްވާފައިވެ އެވެ. އެ ޝައިޠާނާ ބުންޏެވެ. އިބަރަސްކަލާނގެ، އަޅުތަކުން ތެރެއިން ކަނޑައެޅިގެންވާ ބައެއް، ހަމަކަށަވަރުން ތިމަންގެ ބަޔަށް ވައްދާހުށީމެވެ. އަދި، ތިމަން ހަމަކަށަވަރުން، އެއުރެން މަގުފުރައްދާ ހުށީމެވެ. އަދި، ތިމަން އެއުރެން ލައްވައި ޙަޤީޤަތެއް ނެތް އުންމީދުތަކެއް ވެސް ކުރުވާހުށީމެވެ."(النساء: ١١٧ – 118 )
އަޅުގަނޑުމެންގެ މުޖުތަމަޢަކީ އިސްލާމީ މުޖުތަމަޢަކަށް ވުމާއެކުވެސް ހިތާމަ އަކީ، ހަށިގަނޑުގެ އެކިތަންތަނުގައި ޓެޓޫ ޖަައިގެން އުޅެމުންދާ މީހުން މުޖުތަމަޢުގައި އެއްވެސް ފިކުރެއް ޚިޔާލެއްނެތި އުޅެމުންދާ ކަމެވެ. ތިބާ ބޭނުން ވަނީ ޓެޓޫ ޖަހައިގެން މާތް ﷲ އާއި އެކަލާނގެ ރަސޫލާގެ ލަޢްނަތް ލިބިލިބި ޢުމުރު ދުވަހަށް ދެމިހުންނަން ހެއްޔެވެ؟ ނުވަތަ ދީނުގައި ނަހީ ކުރައްވާފައިވާ ކަމަކުން ދުރުހެލިވެ، މާތް ﷲ ގެ ރަޙުމަތާއި، އެކަލާނގެ ރަސޫލާގެ ޝަފާޢަތް ހޯދުން ހެެއްޔެވެ؟
ނޯޓް: މިއީ ޝައިހް މޫސާ އަންވަރު ހަސަންގެ ލިޔުއްވުމެކެވެ.