ރަޝިޔާ އާއި، ޗައިނާ އިން ދެ ޤައުމުގެ ދެމެދުގައި ކުރެވޭ ވިޔަފާރީގެ މުޢާމަލާތްތަކުގައި، އެމެރިކާ ޑޮލަރު ބޭނުން ކުރުން ހުއްޓާލައިފި އެވެ.
ނަމަވެސް މިއީ ކުއްލިއަކަށް ފެށުނު އައު ކަމެއް ނޫނެވެ. އެއީ، 2022 އިން ފެށިގެން މަޑުމަޑުން ކުރިއަށް ގެންދިޔަ މުޢާމަލާތުތަކެއްގެ ނަތީޖާއެވެ. ހުޅަނގުގެ ދަތިކުރުމުގެ ފިޔަވަޅުތަކާއި ދެކޮޅަށް މަސައްކަތް ކުރަން ޖެހުމުގެ ސަބަބުންނާއި، އަދި ޔޫކްރޭނު ހަނގުރާމައިގެ ސަބަބުން މާލީ ބަދީލެއް ހޯދަން މޮސްކޯއަށް މަޖުބޫރުވީ އެވެ.
ރަޝިޔާގެ ބޮޑުވަޒީރު މިޚައިލް މިޝުސްޓިން ކަށަވަރުކޮށް ދެއްވާފައިވާ ގޮތުގައި، 2023 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ކުރީކޮޅުން ފެށިގެން، ދެ ޤައުމުގެ ވިޔަފާރީގެ 90 އިންސައްތަ އަށްވުރެ ގިނަ ވިޔަފާރީގެ އަގު އަދާކޮށްފައިވަނީ ރޫބެލްއާއި ޔުއާން އިންނެވެ. އަދި މި އަހަރު، އެ ޢަދަދު ވަނީ ގާތްގަނޑަކަށް 95 އިންސައްތަ މަތިވެފައެވެ. ޔޫރޭޝިއަން އިކޮނޮމިކް ޔޫނިއަން އާއި، ކޮމަންވެލްތު އޮފް އިންޑިޕެންޑެންޓް ސްޓޭޓްސްގެ ތެރޭގައި، ރަޝިޔާއިން ހިންގާ ވިޔަފާރީގައި ވެސް ހުޅަނގުގެ ފައިސާއާ ދުރަށް ޖެހިފައިވާކަން ފާހަގަ ކުރެވެއެވެ.
އޭގެ ޢަމަލީ ނަތީޖާ އަކީ، ރަޝިޔާ އާއި ޗައިނާއާ ދެމެދުގައި ޕެރެލަލް ފައިނޭންޝަލް އިކޯސިސްޓަމެއް ޤާއިމްކުރުމެވެ. އެ ނިޒާމަކީ، ހުޅަނގުން ކޮންޓްރޯލްކުރާ އަދާގު ނުވަތަ ޕޭމަންޓް ނިޒާމުތައް މުޅިން ބައިޕާސްކޮށް، ހުޅަނގުގެ ސަރުކާރުތަކަށް ވިޔަފާރި މުޢާމަލާތްތައް މޮނިޓަރކޮށް ނުވަތަ ބްލޮކް ކުރުމަށް އުނދަގޫ ނިޒާމެކެވެ.
އެންމެ ޝައުގުވެރި ކަމަކީ، އަހަރުތަކެއް ވަންދެން ކްރެމްލިން އިން ޑޮލަރާ ދެކޮޅަށް ވާހަކަ ދެއްކި ނަމަވެސް، ރިޕޯޓްތަކުން ދައްކާ ގޮތުގައި ދަތިކުރުމުގެ ފިޔަވަޅުތައް އުވާލައިފިނަމަ، މި އަހަރު ކުރީކޮޅުން ފެށިގެން ޑޮލަރުން އަގު އަދާކުރުމަށް ރަޝިޔާ ސަރުކާރު ތެރޭގައި ދިޔައީ މަޝްވަރާތައް ކުރަމުންނެވެ. މިކަން ކަމުން ދޭހަކޮށް ދެނީ ޑީ-ޑޮލަރައިޒޭޝަންއަކީ ފިކުރީ ޤަބޫލު ކުރުމަކަށް ވުރެ ބޮޑަށް ކޮންމެހެން ކުރަން ޖެހޭ ކަންތައްތަކެއްގެ ސަބަބުން ދިމާވެފައިވާ ކަމެއް ކަމަށެވެ.
ޑޮލަރުން ދުނިޔޭގައި ދަމަހައްޓަމުން އަންނަ މަޤާމަށް ބަލާއިރު، ފުޅާދާއިރާއެއްގައި ކުރިމަތިވެދާނެ ނުރައްކަލާ ބެހޭ ގޮތުން، ގިނަ އިޤުތިޞާދީ މާހިރުން ދެކެނީ ވަގުތީ ކަމެއް ކަމަށެވެ.
ދުނިޔޭގެ ވިޔަފާރީގައި، އެމެރިކާ ޑޮލަރު އަދާކުރާ ދައުރަށް ބަލާއިރު، އަދިވެސް ގާތްގަނޑަކަށް 40 އިންސައްތަ ޙިއްޞާކުރާ އިރު، ޢާލަމީ މާލީ މުޢާމަލާތް ތަކުގައި ޗައިނާގެ ޔުއާންގެ ނިސްބަތް ވަރަށް ކުޑައެވެ. ރަޝިޔާއާއި، ޗައިނާއިން ޤާއިމުކޮށްފައިވާ ނިޒާމަކީ އެ ދެޤައުމުގެ ދެމެދުގައި ވިޔަފާރީގެ ޙައްލު ހޯދުމަށް ޤާއިމުކޮށްފައިވާ ނިޒާމެކެވެ. އެއީ، ޢާލަމީ މާލީ ނިޒާމުގެ ތަބުދީލެއް ނޫނެވެ.
ނޯޓް: މިއީ ހަސަން ލުތުފީގެ ލިޔުއްވުމެކެވެ.