Last Updated: July 11, 13:48
Saturday, July 11, 2026
ކުޅިވަރު

ބްރައިޓަން އަތުން ޗެލްސީއަށް ލަދުވެތި ބައްޔެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ބްރައިޓަން އިން 3-0 އިން ޗެލްސީ ބަލިކޮށްފި އެވެ.

މި ބައްޔާއެކު ޗެލްސީ މިހާރު އޮތީ 34 މެޗުން ލިބުނު 48 ޕޮއިންޓާއެކު ލީގުގެ ހަތްވަނައިގަ އެވެ. މިއީ ޗެލްސީ ލީގުގައި ޖެހިޖެހިގެން ބަލިވި ފަސްވަނަ މެޗެވެ. ރޭގެ މޮޅާއެކު ބްރައިޓަން މިހާރު އޮތީ 34 މެޗުން ލިބުނު 50 ޕޮއިންޓާއެކު ލީގުގެ ހަވަނައިގަ އެވެ.

އަމިއްލަ ދަނޑުގައި ކުޅުނު މި މެޗުގެ ތިންވަނަ މިނެޓްގައި ބްރައިޓަންގެ ފާޑީ ކަޑިއޮގްލޫ ވަނީ ބްރައިޓަނަށް ލީޑު ނަގައިދީފަ އެވެ. މިއީ ޗެލްސީގެ އޭރިއާ ތެރެއަށް ކޯނަރަކުން ހުރަސްކޮށްލި ބޯޅައަކުން ކާމިޔާބުކުރި ގޯލެކެވެ. އަދި ދެވަނަ ހާފުގެ ކުރީކޮޅު އުފެއްދި ކައުންޓަ އެޓޭކެއްގައި ބްރައިޓަންގެ ދެވަނަ ގޯލު މެޗުގެ 56 ވަނަ މިނެޓްގައި ކާމިޔާބުކޮށްދީފައިވަނީ ޖެކް ހިންޝެލްޑުވް އެވެ.

ބްރައިޓަންގެ ތިންވަނަ ގޯލު މެޗުގެ އިތުރު ވަގުތުގެ ތެރޭގައި ކާމިޔާބުކޮށްދިނީ އެޓީމުގެ ފޯވާޑް ޑެނީ ވެލްބެކް އެވެ.

ޗެލްސީގެ ފަރާތުން ދަށް ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި އެޓީމަށް ބްރައިޓަންގެ ގޯލާ އަމާޒުކޮށް އެންމެ ހަމަލާއެއް ވެސް ފޮނުވާލެވިފައެއް ނުވެ އެވެ. ރޭގެ މެޗުން ބަލިވުމުން އަންނަ ސީޒަނުގެ ޗެމްޕިއަންސް ލީގަށް ކޮލިފައިވުމަށް ޗެލްސީން ކުރަމުންދާ މަސައްކަތަށް ވަނީ ވަރަށް ބޮޑަށް ހިޔަނި އެޅިފަ އެެވެ.

ޗެލްސީއަށް ކުރިއަށް ދެން އޮތީ އަންނަ އާދީއްތަ ދުވަހު އެފްއޭ ކަޕްގެ ސެމީފައިނަލްގައި ލީޑްސް ޔުނައިޓެޑާ ދެކޮޅަށް ކުޅޭ މެޗެވެ.