Last Updated: July 11, 13:48
Saturday, July 11, 2026
ދުނިޔެ

ނޭޕާލްގައި މުވައްޒަފުންގެ މުސާރަ ދެބައިކޮށްގެން ދެނީ

ނޭޕާލްގެ ސަރުކާރުގެ މުވައްޒަފުންގެ މަހު މުސާރަ ދެ ފަހަރެއްގެ މަތިން ދޭން ނިންމައިފި އެވެ.

މިގޮތަށް ނިންމައި އެ ގައުމުގެ ފިނޭންސް މިނިސްޓްރީން ހޯމަ ދުވަހު ފައިނޭންޝަލް ކޮންޓްރޯލާ ޖެނެރަލް އޮފީހަށް ވަނީ ސިޓީއެއް ވެސް ފޮނުވައިފަ އެވެ. އެ ސިޓީގައި ވަނީ ސިވިލް ސާވިސްގެ މުވައްޒަފުންގެ މަހު މުސާރަ ދެ ބަޔަކަށް ބަހާލައި، މަހަކު ދެ ފަހަރެއްގެ މަތިން ދޭން އަންގާ ކަމަށެވެ. އަދި އެ އުސޫލަށް އަންނަ ހުކުރު ދުވަހުން ފެށިގެން އަމަަލު ކުރަން ނިންމާފައިވާތީ އެކަމާ ގުޅޭ އިންތިޒާމުތައް ހަމަޖެއްސުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް މިނިސްޓްރީން އަންގާފައިވެ އެވެ.

މި ގެނައި ބަދަލާ އެކު ސަރުކާރުގެ މުވައްޒަފުންގެ މުސާރަ ދެން ދޭނީ މަހުގެ 15 ވަނަ ދުވަހާއި މަހުގެ ފަހު ދުވަހު އެވެ.

ފިނޭންސް މިނިސްޓްރީން ބުނީ މިފަދަ ބަދަލެއް ގެންނަން ނިންމީ މުސާރަ ލިބެން ޖެހޭ ދުވަހަށް ލިބޭކަން ކަށަވަރު ކުރުމަށްޓަކައި ކަމަށެވެ. އަދި މި ބަދަލާ އެކު ހަރަދުތައް ހަމަޖެއްސުމުގެ ކަންކަން އިތުރަށް ހަރުދަނާވުމާއި އިގުތިސާދަށް ވެސް މީގެ ސަބަބުން ހެޔޮ ބަދަލުތަކެއް އަންނާނެ ކަމަށް ސަރުކާރުން ބުންޏެވެ.

ނޭޕާލް ސަރުކާރުގެ މުވައްޒަފުންގެ މަހު މުސާރަ ދެ ބަޔަކަށް ބަހާލައި، މަހަކު ދެ ފަހަރު ދޭން ނިންމި އިރު، އެ ގައުމުގައި މިހާރު އޮތީ އަދި ވަރަށް އާ ސަރުކާރެކެވެ. މިހާރުގެ ޒުވާން ބޮޑުވަޒީރު، ބަލެންދުރަ ޝާހް، 35، ގައުމު ހިންގެވުމާ ހަވާލުވެވަޑައިގަތީ މިދިޔަ މަހުގެ 27 ގަ އެވެ.