Last Updated: July 11, 13:48
Saturday, July 11, 2026
މުނިފޫހިފިލުވުން

ޑޭވިޑް ފިލްމު ހެދުން ހުއްޓާލަނީ

ކާމިޔާބު އެތައް ފިލްމެއް ގެނެސްދީފައިވާ ބޮލީވުޑްގެ މަޝްހޫރު ޑައިރެކްޓަރު ޑޭވިޑް ދަވަން ޑައިރެކްޝަނުން ރިޓަޔަވުމުގެ އިޝާރާތެއް ދީފި އެވެ.

އަންނަ މަހު ރިލީޒް ކުރަން ހަމަޖެހިފައިވާ އޭނަގެ އާ ފިލްމު 'ހެ ޖަވާނީ ތޯ އިޝްގް ހޯނާ ހޭ' ގެ ޕްރޮމޯޝަންގެ ތެރެއިން އޭޝިއަން ނިއުސް އިންޓަނޭޝަނަލް (އަނީ) އަށް ދިން އިންޓަވިއުއެއްގައި 74 އަހަރުގެ ޑައިރެކްޓަރު ބުނީ އެ ފިލްމަކީ އޭނަގެ ފަހު ފިލްމަށް ވެދާނެ ކަމަށެވެ.

"ހިއެއް ނުވޭ އަހަރެން ދެން އިތުރު ފިލްމެއް ހަދާނެހެންނެއް. އެހެންވެ ހެ ޖަވާނީ ތޯ އިޝްގް ހޯނާ ހޭ އަކީ އަހަރެންގެ އެންމެ ފަހު ފިލްމަށް ވެދާނެ." ކޮމެޑީ ފިލްމުތައް ގެނެސްދޭން ކުޅަދާނަ ޑައިރެކްޓަރު ބުންޏެވެ.

ޑޭވިޑް ބުނީ އޭނަގެ ސިއްހީ ހާލަތު ވެސް މިހާރު ފިލްމު ޑައިރެކްޓް ކުރުން ފަދަ ބުރަ މަސައްކަތަކަށް ތަން ނުދޭ ކަމަށެވެ. އަދި 'ހެ ޖަވާނީ ތޯ އިޝްގް ހޯނާ ހޭ' ގެ މަސައްކަތް ނިންމައިލީ ވެސް ސިއްހީީ ގޮތުން ކުރިމަތިވެފައިވާ އެތައް ގޮންޖެހުމަކާ އެކީގައި ކަމަށް ބުންޏެވެ.

އަންނަ މަހުގެ 22 ގައި ބެލުންތެރިންނަށް ހަމަޖެހިފައިވާ ރޮމޭންޓިކް ކޮމެޑީ 'ހެ ޖަވާނީ ތޯ އިޝްގް ހޯނާ ހޭ' އަކީ ދަރިފުޅު، މަޝްހޫރު އެކްޓަރު ވަރޫން ދަވަން ހިމަނައިގެން ޑޭވިޑް ހެދި ހަތަރު ވަނަ ފިލްމެވެ. ވަރޫން 2012 ގައި ބޮލީވުޑަށް ނުކުތް ފަހުން ޑޭވިޑް ހެދި ހުރިހާ ފިލްމުތަކެއްގެ ވެސް ބަތަލަކީ ވަރޫން އެވެ. އެ ދެބަފައިން އެކީގައި ކުރިން ގެނެސްދިން ފިލްމުތަކަކީ 2020 ގެ 'ކޫލީ ނަމްބަރު' 1 އާއި 2017 ގެ 'ޖުޅުވާ 2' ގެ އިތުރުން 2014 ގެ 'ތޫ މޭރާ ހީރޯ' އެވެ.

ޑޭވިޑް ޑައިރެކްޝަނަށް ނުކުތީ އޭނަގެ 17 ފިލްމެއްގެ ބަތަލުގެ ރޯލު ކުޅުނު ގޯވިންދާގެ 1989 ގެ 'ތާގަތުވަރު' އިންނެވެ. ކެރިއަރުގައި ޑޭވިޑް ވަރަށް ކާމިޔާބު ފިލްމުތަކެއް ގެނެސްދީފައިވެ އެވެ. އޭގެ ތެރޭގައި 'ސުވަރްގް'، 'ޝޯލާ އޯރް ޝަބްނަމް'، 'އާނކޭ'، 'ރާޖާ ބާބޫ'، 'ސާޖަން ޗަލޭ ސަސުރާލު'، 'ދީވާނާ މަސްތާނާ'، 'ޖުޅުވާ'، 'ހީރޯ ނަމްބަރު 1'، 'ބީވީ ނަމްބަރު 1' އަދި 'ޕާޓްނާ' ފަދަ އެތައް ފިލްމެއް ހިމެނެ އެވެ.

ޑޭވިޑް ޑައިރެކްޓްކުރި ފިލްމުތަކުގެ އަދަދު 45 އަށް އަރަ އެވެ.

އޭނަ ޑައިރެކްޝަނުން ފެއަށް ޖެހިލާ އިރު، އޭނަގެ ދޮށީ ދަރިފުޅު ރޯހިތު ދަވަނަކީ ޑައިރެކްޓަރެވެ. އޭނަ މިހާތަނަށް ތިން ފިލްމު ޑައިރެކްޓްކޮށްފައިވެ އެވެ. އެއީ 2023 ގެ 'ޝެހެޒާދާ' އާއި 2016 ގެ 'ޑިޝޫމް' ގެ އިތުރުން 2011 ގެ 'ދޭސީ' ބޯއިސް' އެވެ.