Last Updated: July 11, 13:48
Saturday, July 11, 2026
ރިޕޯޓް

މިއީ ލައްކަ ވާހަކަ އެވެ!

ކަތިވަޅި ގެއްލި ކޮށި ދަނޑު ގެއްލި މަރިޔަނބު ވެސް ގެއްލެނީ އެވެ. ދެންވެސް މަޝްވަރާގެ މޭޒުދޮށަށް ވަޑައިގަންނަވާށެވެ.
ދިވެހި ހަރުބަހެއްގައި އޮވެ އެވެ. "ކައްޗަށް އެޅި ބިންގަލެއް ކެއްޗާ ހަމައަށް ނެގިޔަސް ހުންނާނީ ކައްޗަށެވެ." މިއީ މިއަދުގެ ސިޔާސީ މަސްރަޙާއި، މިހާރު ހިނގަމުންދާ ވެރިކަމުގެ ނިޒާމަށް ބަލާއިރު ފެންނަން އޮތް ހަގީގަތެކެވެ. ދޮގާއި މަކަރުގެ މައްޗަށް ބިނާކުރި ބިންގަލެއްގެ މަތީގައި އިމާރާތްކުރި ވެރިކަމެއްގެ ނިމުން ފެންނާނީ ހަމަ އެހާވެސް ހިތްދަތިކޮށެވެ.

ވެރިކަމަށް އައުމުގެ ކުރިން ރައްޔިތުންނަށް ދެއްކީ ފޮނި ހުވަފެންތަކެކެވެ. ތައުލީމީ، ގާބިލު އަދި ކަންކަމަށް ފުރުސަތު އޮތް ބަޔަކު މަގާމުތަކަށް އިސްކުރާނެ ކަމަށް ބުނެ ރައްޔިތުންގެ ލޮލުގައި އެޅުވީ އަނދުންކަމީ މިއަދު ފެންނަން އޮތް ބޮޑު ޙަގީގަތެކެވެ. ކަންކުރީ ބުނި ބަހާ ދިމާ އިދިކޮޅަށެވެ.

މިއަދު ފެންނަނީ ސިޔާސީ މަގާމުތަކަށް ނާގާބިލު، ނުކިޔަވާ ތިބި މީހުން އައްޔަންކޮށް، ދައުލަތުގެ ބޮޑެތި ކުންފުނިތައް ކަމަށްވާ އެމްއޭސީއެލް، އެޗްޑީސީ، ފެނަކަ، އެސްޓީއޯ، ސްޓެލްކޯ އަދި އާރުޓީއެލް ފަދަ ސަރުކާރު ޙިއްސާވާ ކުންފުނިތަކުގައި ލައްކައިން މުސާރަދީފައި ތިބި ބޭކާރު މީހުންނެވެ. މިކަމުގެ ސަބަބުން ރައްޔިތުންގެ ހިތްތަކުގައި މި ވެރިކަމަށް އޮތް އިތުބާރު ގެއްލި، މިއަދު މި ވަނީ މި ސަރުކާރަށް "ސުމެއް" ދީފަ އެވެ.

ކައިރީގައި މިއަދު ތިބީ އިޚްލާޞްތެރިންނެއް ނޫނެވެ. އެއީ މަގާމުތައް ގަނެގެން އުޅޭ މީހުންނާއި، ޚުޝާމަތުކޮށްގެން ތިބި މީހުންނެވެ. އިންތިޚާބު ތެރޭގައި ރިޝްވަތުގެ ފައިސާ ބަހައި، އެންޓި-ކެމްޕޭން ކުރުމުގެ ނަތީޖާއަކީ މިއަދު ކުރިމަތިލާން ޖެހިފައިވާ ނާކާމިޔާބީއެވެ. މިފަދަ ނާތަހުޒީބު އަމަލުތަކުގެ ސަބަބުން މާތް الله ގެ ބަރަކާތް މި ވެރިކަމުން ފިލައި ގޮސް، މިއަދުގެ ހިސާބުތަކުން ދައްކަނީ 2028 ގެ އިންތިޚާބުގައި ލަދުވެތި ގޮތަކަށް ބަލިވާނެ ތަނެވެ.

އިތުރަށް ގެއްލޭނެ އެއްޗެއް މިހާރަކު ނެތެވެ. "ކަތިވަޅި ގެއްލި، ކޮށި ދަނޑު ގެއްލިއްޖެ" އެވެ. މިހާރު މިއޮތީ އެންމެ ފަހު މަރުހަލާއެވެ. އަޣުލަބިއްޔަތާއި ރައްޔިތުންގެ ލޯބި ގެއްލި، "މަރިޔަނބު" ވެސް ގެއްލެނީއެވެ. ދެންވެސް އިޚްލާޞްތެރިކަމެއް ހުރިނަމަ، ދައުލަތުގެ ބަޖެޓަށް ބުރަވާ ގޮތަށް އައްޔަންކޮށްފައިވާ ނާގާބިލު ސިޔާސީ މީހުން ވަކިކޮށް، މަގާމުތައް ހުސްކުރާށެވެ.

ގޯސްކޮށް ކުރެވިފައި ހުރި ކަންކަން ރަނގަޅުކޮށް، ގައުމުގެ ކަންކަން ހަމަމަގަށް އެޅުމަށްޓަކައި މަޝްވަރާ ކުރުމަށް ގޮވޭގޮވެލީގެ އަޑުއަހައި، މަޝްވަރާގެ މޭޒުދޮށަށް ވަޑައިގަންނަވާށެވެ. އެހެން ނޫންނަމަ، އެންމެ ފަހުން މަރިޔަނބު ވެސް ގެއްލި ލަދުގަންނަން ޖެހުމުގެ ކުރިން، އިސްތިއުފާ ދީފައި ގެޔަށް ނައްޓާލުމަކީ އެންމެ ބުއްދިވެރި ގޮތެވެ. މިއީ ލައްކަ ވާހަކައެވެ.