Last Updated: July 11, 12:07
Saturday, July 11, 2026
ރިޕޯޓް

ބައިބައިވުމާއި ފިތުނަ ފަސާދަ އުފެދުން!

ޤައުމާއި މުޖުތަމަޢުގައި ބައިބައިވުމާއި ފިތުނަ ފަސާދަ އުފެދުމަކީ އިސްލާމް ދީން ނުހަނު ބޮޑަށް ނަހީކުރައްވައިފައިވާ، އަދި އޭގެ ސަބަބުން މުޅި އުންމަތް ބަލިކަށިވެގެން ދާނެ ކަމެކެވެ. އިސްލާމީ ނަޒަރަކުން ބަލާ އިރު މިއީ އިންސާނީ މުޖުތަމަޢެއްގެ ބިންގާ މުގުރާލާ ވަރަށް ނުރައްކާތެރި ފާފައެކެވެ. މިކަމުގެ ނުބައިކަން ހާމަކޮށްދޭ މުހިންމު ބައެއް ދަލީލުތައް ތިރީގައި އެ ވަނީ އެވެ.

1. ފިތުނަވެރިކަމަކީ ގަތުލުކުރުމަށް ވުރެ ބޮޑު ފާފައެއް:

މުޖުތަމަޢުގެ ތެރޭގައި ފިތުނަ އުފެއްދުމަކީ މީހަކު މެރުމަށްވުރެވެސް ނުބައިކަން ބޮޑު ކަމެއްގެ ގޮތުގައި ކީރިތި ޤުރްއާނުގައި ބަޔާންވެގެންވެއެވެ. ﴿وَالْفِتْنَةُ أَشَدُّ مِنَ الْقَتْلِ﴾‏ (البقرة: 191) މާނައީ: "…އަދި قتل ކުރުމަށް ވުރެ فتنة ވެރިކަމުގެ ނުބައިކަން ބޮޑެވެ." މީގެ ސަބަބަކީ ޤަތުލުކުރުމުގެ ސަބަބުން މަރުވަނީ ވަކި ފަރުދެކެވެ. ނަމަވެސް، ފިތުނަ ފަސާދައިގެ ސަބަބުން މުޅި މުޖުތަމަޢުގެ އަމާންކަން ގެއްލި، ޢަދާވާތްތެރިކަން އުފެދި، ގައުމުގެ ކުރިއެރުން ހުއްޓިގެންދެއެވެ.

2. އެއްބައިވަންތަކަމަށް އަމުރުކުރައްވައި ބައިބައިވުން ނަހީކުރެއްވުން:

މުސްލިމުންނަކީ އެއްބަނޑުއެއްބަފާ ބައެއްގެ ގޮތުގައި ތިބުމަށް ﷲ ތަޢާލާ ވަނީ އަމުރުކުރައްވައިފައެވެ. ބައިބައިވުމުގެ ސަބަބުން ލިބޭނެ އެންމެ ބޮޑު ގެއްލުމަކީ ބާރު ކެނޑި ނިކަމެތިވުމެވެ. ކީރިތި ޤުރްއާނުގައި ބަޔާންވެގެންވެއެވެ. ﴿وَأَطِيعُوا اللَّهَ وَرَسُولَهُ وَلَا تَنَازَعُوا فَتَفْشَلُوا وَتَذْهَبَ رِيحُكُمْ ‎٤٦﴾ (الأنفال: 46) މާނައީ: "އަދި اللَّه އަށާއި، އެކަލާނގެ رسول އާއަށް ތިޔަބައިމީހުން ކިޔަމަންވާށެވެ! އަދި ތިޔަބައިމީހުން ދެބަސްވެ އަރާރުންނުވާށެވެ! (ދެބަސްވެ އަރާރުންވާ ނަމަ) ތިޔަބައިމީހުން ފިނޑިވެ، ތިޔަބައިމީހުންގެ ބާރުނެތި ހިނގައިދާނެއެވެ."

3. ބޭއިންސާފާއި ފަސާދަ އުފެއްދުމުގެ ނަތީޖާ:

ބިމުގައި ފަސާދަ އުފައްދާ މީހުންނަށް ﷲގެ ލަޢުނަތް ހުރިކަން ކީރިތި ޤުރުއާނުގައި އަންގަވާފައިވެއެވެ. މީގެ ތެރޭގައި ދޮގު ޚަބަރު ފެތުރުމާއި، މީހުންގެ މެދުގައި ޖެހިގަނެ، ގުޅުންތައް ކަނޑާލުން ހިމެނެއެވެ. ރަސޫލާ صلى الله عليه وسلم ގެ ޙަދީޘްފުޅެއްގައިވެއެވެ. (حُذَيفةَ، أنَّه بَلَغَه عن رَجُلٍ يَنُمُّ الحَديثَ، فقال: سَمِعتُ رسولَ اللهِ ﷺ يقولُ: لا يَدخُلُ الجَنَّةَ نَمّامٌ) (أخرجه مسلم (١٠٥)، وأحمد (٢٣٣٥٩) واللفظ له) މާނައީ: "ޙުޒައިފާގެފާނުގެ އަރިހުން ރިވާވެގެންވެއެވެ. މީސްތަކުންގެ މެދުގައި ފިތުނަ އުފެއްދުމަށްޓަކައި ވާހަކަ ފަތުރާ މީހެއްގެ ޚަބަރު އެކަލޭގެފާނަށް ލިބިވަޑައިގަތުމުން ވިދާޅުވިއެވެ. ރަސޫލާ صلى الله عليه وسلم ޙަދީޘްކުރައްވަނިކޮށް ތިމަންކަލޭގެފާނު އަޑުއެހީމެވެ. "ދެބައޮޑުވާ މީހާ ސުވަރުގެއަކަށް ނުވަންނާނެއެވެ." މުޖުތަމަޢެއްގައި ފިތުނަވެރިކަން ފެތުރިއްޖެ ނަމަ، އެކަމުގެ ނޭދެވޭ އަސަރުކުރަނީ ހަމައެކަނި އެކަންކުރާ މީހުންނަކަށް ނޫނެވެ. މުޅި މުޖުތަމަޢަށް އޭގެ ނޭދެވޭ އަސަރު ކުރާނެއެވެ.

ފިތުނަ އުފެދޭ ސަބަބުތަކާއި އޭގެ ނުރައްކާ

ދޮގު ޚަބަރު ފެތުރުމުން އިތުބާރު ގެއްލި، މީސްތަކުންގެ މެދުގައި ރުޅިވެރިކަން އުފެދުމާއި، ސިޔާސީ ނުވަތަ އަމިއްލަ އެދުން ޤައުމުގެ މަސްލަހަތާއި އަމިއްލަ ފައިދާ އިސްކުރުމުން ގައުމު ބަލިކަށިވެއެވެ. އަދި މީގެ އިތުރުން ތަޢައްޞަބުވެ ވަކި ބަޔަކަށްވީތީ ނަފުރަތުކުރުމުން މުޖުތަމަޢު ބައިބައިވެ އެއްބައެއްވަންތަކަމާއި، އެއްބައިވަންތަކަން ގެއްލެވެއެވެ. އިސްލާމީ މުޖުތަމަޢެއްގެ އެންމެ ބޮޑު ބާރަކީ އެއްބައިވަންތަކަމެވެ.

ފިތުނަ އުފެއްދުމަކީ ހަމައެކަނި ދުނިޔަވީ ގެއްލުމެއް ނޫނެވެ. އެއީ އާޚިރަތުގައިވެސް ގަދަފަދަ ޢަޒާބު ހުރި، އަދި އުންމަތުގެ ކުރިއެރުން ހުއްޓުވާލާ ވަރަށް ނުބައި ޢަމަލެކެވެ. އެހެންކަމުން، ކޮންމެ މުސްލިމަކީވެސް ފިތުނަވެރި ވާހަކަތަކުން ދުރުހެލިވެ، މީސްތަކުންގެ މެދުގައި އިޞްލާޙު ކުރާ މީހަކަށް ވާންޖެހެއެވެ. އިސްލާމީ ޝަރީޢަތުގައި މިކަންކަން ނަހީކުރައްވާފައިވަނީ އޭގެ ސަބަބުން ދީނީ އަދި ދުނިޔަވީ އެތައް މަޞްލަޙަތެއް ގެއްލިގެންދާތީއެވެ.

މީގެ އިތުރުން:

1. އިޖުތިމާޢީ ގުޅުންތައް ކަނޑައިގެން ދިއުން:

ފިތުނަވެރިކަމުގެ އެންމެ ފުރަތަމަ ޝިކާރައަކީ މީސްތަކުންގެ މެދުގައި އޮންނަ އުޚުއްވަތްތެރިކަމާއި ގާތްކަމެވެ.
ރަޙިމުގެ ގުޅުން ކެނޑުން: ސިޔާސީ ނުވަތަ ދުނިޔަވީ ޚިޔާލުތަފާތުވުންތަކުގައި އާއިލާތަކުގެ މެދުގައި ފިތުނަ އުފެދި، ގާތްތިމާގެ މީހުންނާ އޮންނަ ގުޅުން ކަނޑާލުމަކީ ބޮޑުވެގެންވާ ފާފައެކެވެ.
ބޭއިންސާފު ފެތުރުން: މުޖުތަމަޢު ބައިބައިވުމުން، މީހާގެ ޢަދުލުވެރިކަން ގެއްލި، ހަމައެކަނި ތިމާ ނިސްބަތްވާ ފިކުރަކަށް ނުވަތަ ބަޔަކަށް ތާއީދުކޮށް އަނެކުންނަށް އަނިޔާވެރިވުމަށް މަގުފަހިވެއެވެ.

2. ދީނީ ގޮތުން ލިބޭ އުނިކަން:

ފިތުނައިގެ ސަބަބުން އިންސާނާގެ އީމާންތެރިކަމަށް ނޭދެވޭ އަސަރުކުރެއެވެ.
އަޅުކަންތަކަށް ހުރަސްއެޅުން: ހިތުގައި ނަފުރަތާއި ބަދަލުހިފުމުގެ ރޫޙު އޮތްނަމަ، އަޅުކަންތަކުގައި އޮންނަންޖެހޭ ޚުޝޫޢަތްތެރިކަން ގެއްލިގެންދެއެވެ.
ދީނަށް ފުރައްސާރަކުރުމުގެ ފުރުޞަތު ލިބުން: މުސްލިމުން އެއްބަޔަކު އަނެއްބަޔަކާ ތަޅާފޮޅާ ނަމަ، އިސްލާމްދީނުގެ ދުޝްމަނުންނަށް ދީނާ ބެހުމުގެ ފުރުޞަތު ހުޅުވިގެންދެއެވެ.

3. އިޤްތިޞާދީ އަދި ޤައުމީ ތަރައްޤީ ހުއްޓުން:

ޤައުމެއް ކުރިއަރާނީ އެ ޤައުމެއްގެ ރައްޔިތުންގެ މެދުގައި ސުލްޙަވެރިކަމާއި އަމާންކަން އޮވެގެންނެވެ.
ބިރުވެރިކަން އުފެދުން: ފިތުނަ ފަސާދަ ބޮޑުވުމުން މަގުމަތީގެ އަމާންކަން ގެއްލި، ވިޔަފާރިތަކަށާއި ދިރިއުޅުމަށް ބުރޫއަރައެވެ.
ވަޞީލަތްތައް އިސްރާފުވުން: ޤައުމު ބިނާކުރުމަށް ބޭނުންކުރަންޖެހޭ ހަކަތައާއި ވަގުތު، އެކަކު އަނެކަކާ ދެކޮޅަށް މަސައްކަތްކުރުމުގައި ހޭދަވެގެންދެ އެވެ.

ފިތުނައިން ސަލާމަތްވުމަށް ކުރެވިދާނެ ކަންކަން:

އިސްލާމީ ތަރުބިއްޔަތުގެ ތެރެއިން މިފަދަ ކަންކަމުން ރައްކާތެރިވުމަށް އަންގަވާފައިވާ މުހިންމު އުޞޫލުތައް:

ޚަބަރުތައް ކަށަވަރުކުރުން: ކޮންމެ ކޮންމެ ވާހަކައެއް ގަބޫލުނުކުރުމާއި، ޚާއްޞަކޮށް މީސްމީޑިއާގައި ފެތުރޭ ވާހަކަތަކުގެ ތެދުދޮގު ބެލުން، މާތް ﷲ ތަޢާލާ ވަނީ ފާސިޤަކު ޚަބަރެއް ގެނެސްފި ނަމަ އޭގެ ތެދުދޮގު ބެލުމަށް އަމުރުކުރައްވާފަ އެވެ.

ހެޔޮބަސް ބުނުން: ދުލުގެ ރައްކާތެރިކަން އިސްކުރުން. ފިތުނަ އުފެދޭނެ ފަދަ ވާހަކަ ނުދެއްކުން.

ޞުލްޙަވެރިވުން: ދެމީހެއްގެ ނުވަތަ ދެބައެއްގެ މެދުގައި މައްސަލައެއް ޖެހިއްޖެނަމަ، އެކަން ބޮޑުކުރުމުގެ ބަދަލުގައި އިޞްލާޙުކުރަން މަސައްކަތްކުރުން.

ކީރިތި ރަސޫލާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ: "މުސްލިމަކީ އޭނާގެ ދުލާއި އަތުގެ ނުބައިކަމުން އެހެން މުސްލިމުން ސަލާމަތްވެގެންވާ މީހާއެވެ." (ބުޚާރީ އަދި މުސްލިމް) ވީމާ ކޮންމެ ފަރުދަކު ވެސް ތިމާއަކީ މުޖުތަމަޢުގައި ފިތުނަ އުފައްދާ މީހަކަށްވުމުގެ ބަދަލުގައި، އަމާންކަމާއި ޞުލްޙަ މަސަލަސްކަން ޤާއިމުކޮށް އެކަން ދަމަހައްޓާ މީހަކަށް ވުމަށް މަސައްކަތް ކުރުމަކީ ދީނީ އަދި ޤައުމީ ވާޖިބެކެވެ.

ނޯޓް: މިއީ ޝައިހް މޫސާ އަންވަރު ހަސަންގެ ލިޔުއްވުމެކެވެ.