Last Updated: July 17, 18:07
Saturday, July 18, 2026
ޚަބަރު

ލިޓަން މަރާލި މީހާ އުމުރަށް ޖަލަށް

މުހައްމަދު ލިޓަން އަދި މުހައްމަދު ނިޒާމް-

ބަންގްލަދޭޝްގެ މީހެއް ކަމަށްވާ މުހައްމަދު ލިޓަން މަރާލި ކަމުގެ ދައުވާ މުހައްމަދު ނިޒާމްގެ މައްޗަށް ސާބިތުވާ ކަމަށް ކަނޑައަޅައި އޭނާ އުމުރު ދުވަހަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.

ގދ. ތިނަދުއަށް ނިސްބަތްވާ ނިޒާމާއި ލިޓަން ދަތުރުކުރި ތެޔޮ ބޯޓް ގެއްލިގެން ރިޕޯޓްކުރީ ޑިސެމްބަރު 28، 2022 ގަ އެވެ. އަދި ޖެހިގެން އައި ދުވަހު އެއާޕޯޓް ނެރު ކައިރިން ތެޔޮބޯޓް ފެނުނު އިރު އޭގައި އެއްވެސް މީހަކު ނެތެވެ. އޭގެ ފަހުން އެ ދެ މީހުން ހޯދުމަށް ފުލުހުންގެ އޮޕަރޭޝަން ކުރިއަށް ދަނިކޮށް ނިޒާމް މާލެއިން ފެނުނީ އާންމު މީހަކު ސޯޝަލް މީޑިއާގައި އޭނާ ފެނިގެން ހިއްސާކުރި ފޮޓޯއަކާ ގުޅިގެންނެނެވެ.

ލިޓަންގެ ހަށިގަނޑު ހޯދަން ކުރި މަސައްކަތް ނާކާމިޔާބުވި ނަމަވެސް އޭނަ މޫދަށް ވައްޓާލައިގެން ނިޒާމު އޭނާ މަރާލީ ކަމަށް ތުހުމަތުކޮށް މަރުގެ ދައުވާ ދައުލަތުން އުފުލި އެވެ. އަދި ލިޓަން މަރާލީ ފައިސާގެ ބޭނުމުގައި ކަމަށް ތުހުމަތުކޮށްފައިވެ އެވެ. މީގެ އިތުރުން ދޯނީގައިވާ 51،000ރ. ވަގަށް ނެގި ކަމަށް ތުހުމަތުކޮށް ވައްކަމުގެ ދައުވާ ވެސް ނިޒާމުގެ މައްޗަށް އުފުލި އެވެ.

އޭނަގެ މައްޗަށް ދައުލަތުން އުފުލީ އެނގިހުރެ މީހަކު މެރުމުގެ ކުށުގެ ދައުވާއާއި ވައްކަމުގެ ދައުވާ އަދި މަސްތުވާތަކެތި ބޭނުންކުރުމުގެ ދައުވާ އެވެ.

އޭނާގެ މައްޗަށް ކްރިމިނަލް ކޯޓުން މިއަދު ހުކުމްކުރީ 25 އަހަރަށް ޖަލަށް ލުން ނުވަތަ އުމުރު ދުވަހަށް ޖަލަށްލާށެވެ. އޭނަ ބަންދުގައި ހޭދަކުރި 3 އަހަރާއި 1 މަހާއި 29 ދުވަސް އުނިކުރުމުން ތަންފީޒުކުރަން ޖެހެނީ 21 އަހަރާއި 10 މަހާއި އެއް ދުވަހުހެ ހުކުމެކެވެ.

ނިޒާމުގެ މައްވަށް އުފުލި އުފުލާފައިވާ ވައްކަމުގެ ދައުވާގައި އިއްވީ އަހަރު ދުވަހުގެ ޖަލު ހުކުމެެކެވެ.