Last Updated: July 11, 12:07
Saturday, July 11, 2026
ޚަބަރު

މޯލްޑިވިއަނާއި ސްރީ ލަންކަން އެއްބަސްވުމަކަށް

މޯލްޑިވިއަން އާއި ސްރީ ލަންކަން އެއާލައިންސްއި ދެމެދު ދަތުރުފަތުރުގެ އެއްބަސްވުމެއް ޤާއިމުކޮށްފި އެވެ.

މިއީ ރާއްޖެއާއި ދުނިޔޭގެ އެކި ކަންކޮޅުތަކާ ދެމެދު އޮންނަ ދަތުރުފަތުރުގެ ގުޅުން އިތުރަށް ވަރުގަދަކޮށް، ދެ އެއާލައިންގެ ވިއުގަ ބޭނުން ކުރާ ފަސިންޖަރުންނަށް މަންޒިލްތަކަށް ދަތުރު ކުރުމުގައި ލުއިފަސޭހަ ގޮތްތަކެއް މަގުފަހިކޮށްދިނުމުގެ މަޤުސަދުގައި ގާއިމުކުރި ގުޅުމެކެވެ.

މި އާ އެއްބަސްވުމުގެ ދަށުން، ސްރީ ލަންކަން އެއާލައިންސްގެ ބައިނަލްއަޤުވާމީ ވިއުގަ މެދުވެރިކޮށް ދަތުރު ކުރާ ގިނަ އަދަދެއްގެ ފަސިންޖަރުންނަށް، މާލެއިން ބޭރުގައިވާ ރާއްޖޭގެ 17 މަންޒިލަކަށް ދަތުރު ކުރުމުގެ ފުރުޞަތު މޯލްޑިވިއަން އިން ފޯރުކޮށް ދޭނެ އެވެ. އަދި ދުނިޔޭގެ މުހިންމު ބާޒާރުތަކުން ރާއްޖެއަށް ދަތުރު ކުރާ ފަރާތްތަކަށް ކޮލަމްބޯ މެދުވެރިކޮށް ފަސޭހަކަމާއެކު ރާއްޖޭގެ އެކި ކަންކޮޅުތަކަށް ދަތުރުކުރެވޭނެ އިންތިޒާމު ހަމަޖެހި، ރާއްޖޭގެ ޖަޒީރާ ރަށްތަކަށް ދަތުރު ކުރާ ފަރާތްތަކަށް ބޮޑު ލުއި ފަސޭހަ ކަމެއް ލިބިގެން ދާނެ އެވެ.

އަދި ރާއްޖެއިން ބޭރަށް ދަތުރު ކުރާ މޯލްޑިވިއަންގެ ފަސިންޖަރުންނަށް ވެސް ކޮލަމްބޯ މެދުވެރިކޮށް ބައިނަލްއަޤުވާމީ ގިނަ މަންޒިލްތަކަކަށް ދަތުރުކުރުމުގައި މިހާރަށް ވުރެ ބޮޑަށް ލުއިފަސޭހަކަމާއި އިތުރު އިޚްތިޔާރުތައް މި ފާޓްނަޝިޕްގެ ސަބަބުން ލިބިގެން ދާނެ އެވެ.

މޯލްޑިވިއަނުން ބުނި ސްރީ ލަންކަން އެއާލައިންސްއާ އެކު ހެދި އެއްބަސްވުމުގެ ސަބަބުން ރާއްޖޭގެ ޓޫރިޒަމް ކުރިއެރުވުމަށް ވެސް އެހީތެރިވެދޭނެ ކަމަށެވެ.

ސްރީ ލަންކަން އެއާލައިންސަކީ ރާއްޖޭގެ ދެ އެއާޕޯޓަކަށް ޝެޑިއުލް ދަތުރުކުރާ އެއާލައިނެކެވެ. އެއީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓާއި އައްޑޫ ގަން އިންޓަނޭޝަނަލް އެއާޕޯޓެވެ.