ފިލްމު ހަދާތާ ބައި ގަރުނަށް ވުރެ ގިނަ ދުވަސްވީ ބޮލީވުޑްގެ އެންމެ ބޮޑު ޕްރޮޑަކްޝަން ހައުސް، ޔާޝްރާޖް ފިލްމްސް (ވައިއާރްއެފް) އިން އަލަށް ބިރުވެރި ފިލްމެއް ހަދަން ނިންމައިއިފި އެވެ.
މީޑިއާތަކުން މިއަދު ބުނީ ހިންދީ ސިނަމާގެ ލޯބީގެ އައިކޮނިކް އެތައް ފިލްމެއް ގެނެސްދީފައިވާ ސްޓޫޑިއޯ އިން އަލަށް ބިރުވެރި ޖޯންރާ އަށް ވަންނަން ނިންމި އިރު، އެ ފިލްމުގެ ޝޫޓިން މި އަހަރުގެ ފަހުކޮޅުގައި ފަށާނެ އެވެ.
އެ ލިޔެ، ޑައިރެކްޓް ކުރާނީ އަބޭ ޕައްނޫ އެވެ.
އޭނަ އަކީ ސޮނީ އެންޓަޓައިންމަންޓްގެ ސްޓްރީމިން ޕްލެޓްފޯމް، ސޮނީ ލިވް އިން ދެ ސީޒަނަކަށް ގެނެސްދިން މަގުބޫލު ސީރީޒް ރޮކެޓް ބޯއިސް ލިޔެ، ޑައިރެކްޓްކުރި މީހާ އެވެ. އަބޭއާ ހަވާލުކޮށްގެން ވައިއާރްއެފުން މުޅިން އަލަށް ބިރުވެރި ފިލްމެއް ހަދަން ތައްޔާރީތައްވަމުން އަންނަ އިރު، މިއާ ބެހޭ ގޮޮތުން އެ ސްޓޫޑިއޯ އިން ރަސްމީކޮށް އަދި ވަކި އެއްޗެއް ނުބުނެ އެވެ.

ކުރީގެ ޑައިރެކްޓަރު ޔާޝް ޗޯޕްޅާގެ ފިލްމު ކުންފުނި، މިހާރު ހިންގަމުން އަންނަނީ އޭނަގެ ދޮށީ ދަރިފުޅު އަދިތިއާ ޗޯޕްޅާ އެވެ. އޭނަ އަކީ މަޝްހޫރު ބަތަލާ ރާނީ މުކަރްޖީގެ ފިރިމީހާ އެވެ. އަދީ އަކީ ވައިއާރްއެފްގެ އެންމެ ކާމިޔާބު އެއް ލޯބީގެ ފިލްމު ކަމަށްވާ ދިލްވާލޭ ދުލްހަނިއާ ލޭޖާއޭ (ޑީޑީއެލްޖޭ) ގެ ޑައިރެކްޓަރެވެ.
އޭނަގެ ބައްޕަ ޔާޝް ގެނެސްދީފައިވާ ލޯބީގެ ފިލްމުތަކުގެ ތެރޭގައި ޗާންދުނީ، ލަމްހޭ، ސިލްސިލާ، ކަބީ ކަބީ، ޑަރް، ދިލް ތޯ ޕާގަލް ހޭ އަދި ވީރު-ޒާރާ ހިމެނެ އެވެ.
ވައިއާރްއެފުން ބިރުވެރި ފިލްމެއް ހެދުމުގެ ތަޖުރިބާގެ ތެރެއަށް ވަންނަ އިރު، އެ ޖޯންރާ އަކީ މިހާރު ބޮލީވުޑްގައި ވަރަށް ބޮޑަށް މަގުބޫލުވަމުން އަންނަ ޖޯންރާއެކެވެ. ވަކިން ހާއްސަކޮށް ބިރުވެރި ހާދިސާތަކުގެ ތެރެ އަށް މަޖާ ކަންކަން ހިމަނައިގެން ގެނެސްދޭ ހޮރޯ-ކޮމެޑީތަކުގެ މަގުބޫލުކަން މިހާރު ވަރަށް ބޮޑެވެ.
މިދިޔަ އަހަރުގެ އެންމެ ބޮޑެތި ހިޓްތަކުގެ ތެރޭގައި ހިމެނޭ "ސައްޔާރާ" ގެނެސްދިން ވައިއާރްއެފަކީ ބިރުވެރި ޖޯންރާ ނޫން، އެތައް ޖޯންރާއެއްގެ ފިލްމުތަކެއް މިހާތަނަށް ހަދާފައިވާ ސްޓޫޑިއޯއެކެވެ.