Last Updated: July 17, 18:07
Saturday, July 18, 2026
ޚަބަރު

ކޮންމެ ދިވެއްސެއްގެ ހިތުގައި ގުރުއާނަށް ލޯބި އޮންނަންޖެހޭ

ކޮންމެ ދިވެއްސެއްގެ ހިތުގައި ގުރުއާނަށް ލޯބި އޮންނަންޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެ އެވެ.

ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް، ވެމްކޯ މުވައްޒަފުންގެ ދެވަނަ ޤުރްއާން އަދި މަދަހަ މުބާރާތް 1447 ނިންމުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުން ފަސްޓް ލޭޑީ ވިދާޅުވީ ރާއްޖެއަކީ ސައްތައިން ސައްތަ އިސްލާމީ ޤައުމަކަށްވާއިރު، ދިވެހި ކޮންމެ ހިތެއްގެ ވިންދަކަށް ވާންވާނީ، ކީރިތި މާތް ކަލާމްފުޅަށް އޮތް ފުން ލޯތްބާއި މަތިވެރި ޤަދަރާއި އިޙްތިރާމު ކަމަށެވެ.

މިފަދަ މުބާރާތްތަކަށް ތައްޔާރުވާއިރު ލިބޭ އަމިއްލަ ތަޖުރިބާތަކާއި ހޭލުންތެރިކަމަކީ، ހަމައެކަނި ހުނަރު ދެއްކުމުގެ ބަދަލުގައި މުޅި އުމުރަށް ދެމިގެންދާނެ އަގުހުރި ފިލާވަޅުތަކެއް ކަމަށްވެސް ވިދާޅުވި އެވެ.

ވެމްކޯގެ މުވައްޒަފުންނަކީ ރާއްޖޭގެ ސާފުތާހިރުކަން ދެމެހެއްޓުމަށް ރެއާއި ދުވާލު އިޚްލާޞްތެރިކަމާއެކު މަސައްކަތްކުރާ، އާންމުންނަށް ބޮޑެތި ފަސޭހަތަކެއް ހޯދައިދޭ ބައެއް ކަމަށާ މި މުހިއްމު ޚިދުމަތުގެ އިތުރުން، މުވައްޒަފުންގެ މެދުގައި އިސްލާމީ އަޚުލާޤާއި ދީނީ ރޫޙު އާލާކުރުމަށް ކުންފުނީގެ މެނޭޖްމަންޓުން ކުރައްވާ މަސައްކަތްތަކަކީ ތަޢުރީފު ހައްގު ކަމެއް ކަމަށްވެސް ވިދާޅުވި އެވެ.

މުބާރާތުން ފަޚުރުވެރި ވަނަތައް ހޯއްދެވި ފަރާތްތަކަށް ތަހުނިޔާ ދަންނަވައި، ވަނަ ނުލިބޭ ބައިވެރިން އަންނަ އަހަރު ކާމިޔާބީ ހޯދުމަށް އިތުރަށް މަސައްކަތް ކުރެއްވުމަށް އެކަމަނާ ހިތްވަރު ދެއްވި އެވެ.

މި ރަސްމިއްޔާތުގައި ވެމްކޯ މުވައްޒަފުންގެ ޤުރުއާން އަދި މަދަހަ މުބާރާތް 1447ގެ އެއް ވަނަ ޙާޞިލްކޮށްފައިވާ މުވައްޒަފުންނަށް އިނާމާއި ޓްރޮފީ ޙަވާކޮށްދެއްވީ ފަސްޓް ލޭޑީ އެވެ.