ކަރަން ޖޯހަރްގެ ދަރުމާ ޕްރޮޑަކްޝަންގެ ފިލްމަކަށް އަކްޝޭ ކުމާރު އަނެއްކާ ވެސް ސޮއިކޮށްފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި އޭނަ އެ ސްޓޫޑިއޯ އަށް މި ފަހަރު ސޮއިކުރީ ތާރީހީ ހާދިސާތަކަކަށް ބިނާކޮށް ހަދަން ނިންމާފައިވާ ތުރިލާއަކަށެވެ. ޗަންދޫ މޮންޑެޓީ ޑައިރެކްޓްކުރަން ހަމަޖެހިފައިވާ މި ފިލްމުގައި އަކްޝޭ ކުމާރާ އެކު ދެކުނުގެ މަޝްހޫރު އެކްޓަރު ރާނާ ދަގޫބަތީ ވެސް ހިމެނެ އެވެ.
ބާހްބަލީގެ ދެ ފިލްމުގައި ބައްލާދޭވްގެ ރޯލު ކުޅުނު ރާނާ ކުރިން ވެސް ބޮކީވުޑްގެ ފިލްމުތަކެއް ކުޅެފައިވެ އެވެ. އޭގެ ތެރޭގައި އޭނަ ކުރު ސަޕޯޓިން ރޯލެއް ކުޅުނު ދަރުމާގެ 2013 ގެ ފިލްމު "ޔެ ޖަވާނީ ހޭ ދީވާނީ" ވެސް ހިމެނެ އެވެ.
އަކްޝޭ އާއި ރާނާގެ ފިލްމު ޑައިރެކްޓްކުރާ ޗަންދޫ އަކީ ދެ ބަޔަކަށް ގެނެސްދިން މަގުބޫލު ތެލެގޫ މިސްޓްރީ ތުރިލާ ކަރްތިކެޔާގެ ޑައިރެކްޓަރެވެ. އޭނަ އަކީ ނެޝަނަލް އެވޯޑް ވެސް ހާސިލުކޮށްފައިވާ ޑައިރެކްޓަރެކެވެ.
ނަމަވެސް ޗަންދޫ ދަރުމާ އަށް ހަދަން ތައްޔާރުވާ ފިލްމާ ބެހޭ އިތުރު އެއްވެސް މައުލޫމާތެއް އަދި ނުލިބެ އެވެ.
ދަރުމާގެ އާ ފިލްމަކަށް އަކްޝޭ ސޮއިކުރި އިރު، އެ ސްޓޫޑިއޯ އަށް އޭނަ އެންމެ ފަހުން ކުޅުނު ފިލްމަކީ މިދިޔަ އަހަރުގެ "ކޭސަރީ: ޗެޕްޓާ 2" އެވެ. އަކްޝޭ ދަރުމާ އަށް ކުޅުނު ފިލްމުތަކުގެ ތެރޭގައި "ކޭސަރީ"، "ގުޑް ނިއުސް"، "ބްރަދާސް" އަދި "ސެލްފީ" ހިމެނެ އެވެ.
އަކްޝޭގެ މި އަހަރުގެ ފުރަތަމަ ފިލްމަކީ މި މަހުގެ 16 ގައި ރިލީޒްކޮށް، ބޮކްސް އޮފީހުގައި ބޮޑު ތަރުހީބެއް ލިބެމުން އަންނަ ޑައިރެކްޓަރު ޕްރިދަރުޝަންގެ ހޮރޯ-ކޮމެޑީ "ބޫތު ބަނގްލާ" އެވެ.