Last Updated: July 18, 11:36
Saturday, July 18, 2026
ޚަބަރު

މިދިޔަ އަހަރު ގެވެށިއަނިޔާގެ 1،193 މައްސަލަ

މިދިޔަ އަހަރު ގެވެށިއަނިޔާގެ 1،100 އަށް ވުރެ ގިނަ މައްސަލަ ރިޕޯޓުކޮށްފައިވާ ކަމަށް ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީ (އެފްޕީއޭ) އިން ބުނެފި އެވެ.

އެއޮތޯރިޓީން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާ އެންމެ ގިނައިން ހުށައަޅަނީ އަންހެނުންނަށް ކުރާ އަނިޔާގެ މައްސަލަތަކެވެ.

މިދިޔަ އަހަރު ގެވެށިއަނިޔާގެ 1،193 މައްސަލަ ރިޕޯޓްކޮށްފައިވާ އިރު، އޭގެ ތެރެއިން 901 މައްސަލައަކީ އަންހެނުންނަށް ކޮށްފައިވާ އަނިޔާގެ މައްސަލަތެލެވެ. އަދި 197 މައްސަލައަކީ އަންހެން ކުދިންނަށް ކޮށްފައިވާ އަނިޔާގެ މައްސަލަތަކެވެ.

ފިރިހެހުންނަށް ކޮށްފައިވާ ގެވެށިއަނިޔާގެ މައްސަލަތަކުގެ އަދަދަކީ 239 އެވެ. އަދި ފިރިހެން ކުދިންނަށް ކޮށްފައިވާ އަނިޔާތަކުގެ އަދަދަކީ 188 އެވެ.

މިދިޔަ އަހަރު ހުށައެޅުނު މައްސަލަތަކުގެ ތެރެއިން އެންމެ ގިނައީ ނަފްސާނީ އަނިޔާގެ މައްސަލަތަކެވެ. އެފަދަ 927 މައްސަލަ ހުށައަޅާފައިވާއިރު ޖިސްމާނީ އަނިޔާގެ 743 މައްސަލަ އާއި ބިރުދެއްކުމުގެ 515 މައްސަލައެއް ރިޕޯޓުކޮށްފައިވެއެވެ. އަދި ޓެކްނޮލޮޖީ-ފެސިލިޓޭޓެޑް" އަނިޔާ ނުވަތަ ޓެކްނޮލިޖީގެ ވަޞީލަތްތައް ބޭނުންކޮށްގެން އަންހެނުންނަށާއި އަންހެން ކުދިންނަށް އަނިޔާކުރުމުގެ 106 މައްސަލައެއް ރިޕޯޓުކޮށްފައިވެ އެވެ.

އެފަދަ މައްސަލަތަކުގައި 18 އަހަރުން މަތީގެ އަންހެނުންނަށް އަނިޔާ ލިބިފައި ވަނ ވަނީ ކުރީގެ ފިރިމީހާ އާއި މިހާރުގެ ފިރިމީހާ އަދި ކުރީގެ ލޯބިވެރިޔާގެ ފަރާތުންނެވެ. އަދި 18 އަހަރުން ދަށުގެ އަންހެން ކުދިންނަށް އެ ބާވަތުގެ އަނިޔާ ގިނައިން ލިބިފައި ވަނީ ބައްޕައިންގެ ފަރާތުންނެވެ.

ރާއްޖޭގައި ގެވެށިއަނިޔާ ހުއްޓުވުމުގެ ގާނޫނަށް އަމަލު ކުރަމުން އަންނަނީ 2012 އިން ފެށިގެންނެވެ.