Last Updated: July 11, 13:48
Saturday, July 11, 2026
ދުނިޔެ

އިންސާނުން ހަނދަށް ދިޔަކަމުގެ ހެއްކެއް!

ހަނދަށް އިންސާނުން ދިޔަކަމަށް ގަބޫލުނުކުރާ މީހުންނަށް އެކަން ގަބޫލުކޮށް ދޭން މަސައްކަތް ކުރުމަކީ ބޭކާރު ކަމެކެވެ. އެކަން ގަބޫލު ނުކުރާ ނުވަތަ ގަބޫލު ނުކުރެވޭ މީހުން ދުނިޔޭގައި އަދިވެސް ވަރަށް ގިނަ އެވެ. އެކަމަކު އޭގެ ތެރެއިން ގިނަ މީހުންނަކީ ފަޒާގެ ސައްހަ ޚަބަރުތަކާއި މި ދާއިރާގައި ޢިލްމީ ގޮތުން އިންސާނާ ކުރިއެރުންތައް ހޯދާފައިވާ މިންވަރާ ބެހޭ ރަނގަޅު މަޢުލޫމާތު ލިބިފައި ނުވަތަ ހޯދާފައިވާ މީހުންނެއް ނޫނެވެ.

ހަނދަށް އިންސާނުން އެންމެ ފުރަތަމަ ދިޔައީ 1969 ވަނަ އަހަރު އެވެ. އޭގެ ފަހުން އެމެރިކާގެ ނާސާއިން އެ މަޝްރޫޢު ހުއްޓާލުމާ ހަމައަށް 12 މީހުން އެކި ފަހަރުމަތިން ހަދަން ދިޔައެވެ. މިހާރު މުޅިން އާ މަޝްރޫޢެއް މި ވަނީ އާޓިމިސްގެ ނަމުގައި ފަށާފައެވެ. މިއަހަރު (2026 ވަނަ އަހަރު) އާޓިމިސް 2 ގެ ކާމިޔާބު ދަތުރުގައި ހަނދުވަށާ ބުރުޖެހުމަށްފަހު ހަނދަން ދިއުމަށް ވާން ޖެހޭ އެންމެ ފަހުގެ ތައްޔާރީތައް ވަނީ ފެށި ފައެވެ.

މި ފަހަރުގެ މަޝްރޫޢަކީ ހަނދަށް ދެވޭތޯ ކުރަން އުޅޭ ދަތުރެއް ނޫނެވެ. މިއީ ހަނދުގައި ގާއިމުވެ ތިބެ އެހެން ޕްލެނެޓްތަކަށް ދިއުމަށް ނުވަތަ އުޅަނދުތައް ފޮނުވުމަށް ފަށާ މަސައްކަތެކެވެ.

ހަނދަށް އިންސާނުން އެންމެ ފުރަތަމަ ދިޔަ ދިއުމާމެދު އުފެދިފައިވާ ޝައްކުތަކަށް ނިމުމެއް ގެނެސްދިނީ ހަމައެކަނި އެމެރިކާގެ ނާސާއަކުން ނޫނެވެ. މިކަމުގައި ދިވެހިރާއްޖެއާ އަވަށްޓެރި އިންޑިއާގެ ދައުރު ވެސް ބޮޑެވެ. 1969 ވަނަ އަހަރު އެޕޯލޯ 11 ހަނދަށް ތިރިކުރި ކުރުމަކީ ފިލްމީ ސެޓެއްގައި ކުޅެފައިވާ މަންޒަރެއް ކަމަށް ބުނެ، އެތައް އަހަރެއް ވަންދެން ތަފާތު ތިއަރީތައް ދިޔައީ ފެތުރެމުންނެވެ. ނަމަވެސް، މިހާރު މި ވަނީ މިނިވަން މުސްތަގިއްލު ފަޒާގެ އިދާރާއަކުން މި ބަހުސަށް ގަބޫލުކުރެވޭފަދަ ހެއްކެއް ހޯދައި ދީ ފައެވެ.

އިންޑިއާގެ 'ޗަންދުރަޔާން-2' އޯބިޓަރުން ދާދި ފަހުން ވަނީ ހަނދުގެ 'ސީ އޮފް ޓްރެންކުއިލިޓީ' ސަރަހައްދުގެ މަތިން ދަތުރުކޮށް، އޭގައިވާ އެންމެ ފެންވަރު ރަނގަޅު 'ހައި-ރިޒޮލިއުޝަން' ކެމެރާ ބޭނުންކޮށްގެން، ތާރީޚީ އެޕޯލޯ 11 ތިރިކުރި ސީދާ ދިމާގެ ފޮޓޯ ނަގާފަ އެވެ.

މި ފޮޓޯއިން ފެންނަ ރަތް ބުރުގެ ތެރޭގައި އެވަނީ 'ލޫނާ މޮޑިއުލް ޑިސެންޓް ސްޓޭޖް' އެވެ.

މިއީ އެންމެ ފުރަތަމަ ހަނދުގައި ފައި ބީއްސި ދެ އިންސާނުން ކަމަށްވާ ނީލް އާމްސްޓްރޯންގް އާއި ބަޒް އެލްޑްރިން ހަނދުގެ ދަތުރު ނިންމާލުމަށްފަހު އެނބުރި ދިޔައިރު، އެތަނުގައި ބެހެއްޓި އުޅަނދުގެ ބައެވެ.

މި ފޮޓޯ ނަގާފައި ވަނީ ނާސާގެ ބަދަލުގައި އިންޑިއާގެ ފަޒާގެ އިދާރާ 'އިސްރޯ' (ISRO) އިން ކަމަށްވުމުން، މިއީ އިންސާނީ ތާރީޚުގެ މި މުހިންމު ހާދިސާ ކަށަވަރުކޮށްދޭ ތިންވަނަ ފަރާތެއްގެ ނުފޫޒެއް ނެތް ހެއްކެކެވެ. މީގެ 50 އަހަރު ކުރިން އެ އުޅަނދު ބެހެއްޓި ސީދާ ތަނުގައި، މިއަދު ވެސް އެތަކެތި ބަދަލެއް ނުވެ އެބަހުއްޓެވެ.

ނޯޓް: މިއީ އަބްދުﷲ ސައީދުގެ ލިޔުއްވުމެކެވެ.