Last Updated: July 13, 06:07
Monday, July 13, 2026
ޚަބަރު

ޗެއާޕާސަންގެ އިންތިހާބުގެ އިއުލާން ބާތިލްކުރަން އަންގައިފި

އެމްޑީޕީގެ ޗެއާޕާސަން ހޮވުމަށް ބާއްވާ އިންތިހާބަށް ކުރި އިއުލާނާއި އިންތިހާބުގެ ޓައިމްލައިން ބާތިލުކުރަން އެ ޕާޓީގެ އިސްތިއުނާފު ފަނޑިޔާރުންގެ މަޖިލީހުން އަންގައިފި އެވެ.

އިސްތިއުނާފް މަޖިލީހުގެ ރައީސް އަހުމަދު އަބްދުﷲ އަފީފު، ވަގުތީ ޗެއާޕާސަން އަބްދުލްއަފޫރު މޫސާ (ގަޕޯ) އަށް ފޮނުއްވި ސިޓީއެއްގައި ވިދާޅުވީ، އަސާސީ ގަވާއިދުގެ 46 ވަނަ މާއްދާގެ ދަށުން އިންތިހާބުގެ ކަންކަން ރާވައި ހިންގުމުގެ ޒިންމާ އޮންނަނީ އިސްތިއުނާފު މަޖިލީހުގެ ރައީސަށް ކަމަށާއި އެހެންކަމުން އޭނާއަށް އެންގުމެއް ނެތި އިންތިހާބާ ގުޅޭ ކަންކަން ނުނިންމޭނެ ކަމަށެވެ.

އަދި ގިނަ އަދަދެއްގެ މެމްބަރުން އޮޅުވާލައިގެން އެހެން ޕާޓީތަކަށް ވައްދާފައިވާ މި ދަނޑިވަޅުގައި، އެ މެމްބަރުންނަށް އަލުން ޕާޓީއާ ގުޅުމުގެ ފުރުސަތު ނުލިބޭ ގޮތަށް އިންތިހާބު ބޭއްވުމަކީ ކެންޑިޑޭޓުންގެ ހައްގު ގެއްލޭކަމެއް ކަމަށްވެސް ބުނެފައިވެ އެވެ.

މީގެއިތުރުން ޕާޓީގެ އެތެރޭގައި ނުތަނަވަސްކަން އޮތް ވަގުތެއްގައި މަސްލަހަތު ގެއްލިދާނެ ނިންމުންތައް ނުނިންމުމަށްވެސް ވަނީ އިލްތިމާސްކޮށްފަ އެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހުމަދު ނަސީމް އާއި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު އަލްހާން ފަހުމީ ވަނީ އެމްޑީޕީގެ ޗެއާޕާސަން ކަމަށް ވާދަކުރައްވަން ނިންމަވާފަ އެވެ.