Last Updated: July 11, 12:07
Saturday, July 11, 2026
ރިޕޯޓް

އަޚްލާޤާއި ސުލޫކުގެ ތަފާތު!

އަޚްލާޤަކީ އިންސާނާގެ ނަފްސުގެ އެތެރެފުށުގެ ސޫރައެވެ. އަދި ސުލޫކަކީ އެ އަޚްލާޤު ހާމަކޮށްދޭ ބޭރުފުށުގެ ސޫރައެވެ. މީހެއްގެ އަޚްލާޤީ މިންގަނޑު ހުރިގޮތް ދެނެގަންނަނީ އެމީހެއްގެ ބޭރުފުށުން ފެންނަ ސުލޫކީ މިންގަނޑުންނެވެ.

އަޚްލާޤަކީ ނަފްސުގައި ސާބިތުވެ ހަރުލާފައި ހުންނަ ސިފައެކެވެ. އެއީ ހަމައެކަނި ބޭރުފުށުން ފެންނަ ދަޅައެއް ނޫނެވެ. އަޚްލާޤަކީ އިންސާނާގެ އެތެރެފުށާ ގުޅިފައިވާ ކަމަކަށް ވީހިނދު، މި ނަފްސާނީ ސިފަ ދެނެގަތުމަށްޓަކައި ބޭރުފުށުގެ ހެކިތަކެއް ބޭނުންވެ އެވެ. އެ ހެއްކަކީ ސުލޫކެވެ.

އެހެންކަމުން، ސުލޫކަކީ އަޚްލާޤުގެ ބޭރުފުށުގެ ސޫރައެވެ. މީހެއްގެ ކިބައިން މެދުނުކެނޑި ފެންނަމުންދާ އަމަލުތަކުން ނުވަތަ ސުލޫކުން އެމީހެއްގެ އަޚްލާޤު ދޭހަވެ އެވެ. ސުލޫކަކީ އަޚްލާޤުގެ ދަލީލެވެ، އޭގެ ރަމްޒެވެ، އަދި އޭގެ ސުރުޚީ އެވެ.

މީހެއްގެ ސުލޫކު ރަނގަޅު ނަމަ، އެއީ އެމީހެއްގެ ކިބައިގައި ރިވެތި އަޚްލާޤު ހުރިކަމުގެ ހެއްކެކެވެ. އަދި ސުލޫކު ގޯސް ނަމަ، އެއީ ނުރަނގަޅު އަޚްލާޤެއްގެ ނަތީޖާ އެވެ. ގަހެއްގެ މީރުކަން އެ ގަހުން އަޅާ މޭވާއިން އެނގޭ ފަދައިން، ރިވެތި އަޚްލާޤަކީ ކޮބައިކަން އެނގިގެން ދަނީ އެމީހެއްގެ ކިބައިން ފެންނަ ހެޔޮ އަމަލުތަކުންނެވެ.

ނޯޓް: މިއީ ޝައިހް މޫސާ އަންވަރު ހަސަންގެ ލިޔުއްވުމެކެވެ.