Last Updated: July 11, 13:48
Saturday, July 11, 2026
ދުނިޔެ

ތެޔޮ ސާފުކުރާ ބޮޑެތި ކާރުޚާނާތަކުގައި ރޯވުން

ދުނިޔެ އަށް މިވަނީ ކިހިނެއް ހެއްޔެވެ؟ ދުނިޔޭގެ، ތެޔޮސާފުކުރާ ބޮޑެތި ހުރިހާ ކާރުޚާނާތަކުގައި، އެއްދުވަސް ވަރެއްގައި އަލިފާން ރޯވުން، މިއީ ހަމަ އިއްތިފާޤެއް ހެއްޔެވެ؟ ދެން އަލިފާން ރޯވީ ކޮންކޮން ތަންތަނެއްގައިތޯ ބަލަމާ ހިނގާށެވެ.

މާޗް މަހުގެ 2 ވަނަ ދުވަހު، ސަޢޫދީ ޢަރަބިއްޔާގެ "ރަސް ތަނޫރާ" ތެޔޮސާފުކުރާ ކާރުޚާނާއަށް، އީރާނުން ޑްރޯން ޙަމަލާއެއް ދިނުމުން އަލިފާންރޯވެ އަނދައި ހުލިވިއެވެ. އީރާނުން ބުނަނީ އެއީ، އެމީހުން ދިން ޙަމަލާއެއް ނޫން ކަމަށެވެ. ހަނގުރާމައިގެ ފައިދާ ނަގައިގެން އިޒުރޭލުން، މެދުއިރުމަތީގެ ވަރަށް ގިނަ ޤައުމުތަކަށް، ޑްރޯނާއި، މިސައިލުން ޙަމަލާ ދިންކަން ވަނީ ފަޅާއަރާފައެވެ.
މާޗް މަހުގެ 23 ވަނަ ދުވަހު، އެމެރިކާގެ ޓެކްސަސްގެ "ޕޯރޓް އާތަރ" ތެޔޮސާފުކުރާ ކާރުޚާނާގައި، ބޮޑު ގޮވުމެއް ގޮވައި، އަލިފާން ރޯވެ، ހަލާކުވިއެވެ. އެ ކާރުޚާނާގެ ބޮޑުބައެއް މަރާމާތުކޮށް، އަލުން މަސައްކަތް ފެށުމަށް ތައްޔާރުވަމުންދާ ކަމަށް، އެ ކާރުޚާނާ ހިންގާ ވެލޯރޭއިން ވަނީ ހާމަކޮށްފައެވެ.

އޭޕްރީލް މަހުގެ 15 ވަނަ ދުވަހު، އޮސްޓްރޭލިއާގެ "ވީވާ އެނަރޖީ ގީލޯންގ" ތެޔޮސާފުކުރާ ކާރުޚާނާގައި، ބޮޑު އަލިފާންގަނޑެއް ރޯވެ، އެ ކާރުޚާނާ އަނދައި ހުލިވިއެވެ. ވީވާ އެނަރޖީއިން ބުނާގޮތުގައި، އެ ކާރުޚާނާއިން ދުވާލަކު 120،000 ފީފާ ތެޔޮ އުފައްދައެވެ. އެ ކާރުޚާނާއިން، ޕެޓްރޯލާއި، ޑީސަލާއި، ގޭހާއި، ޖެޓްފިއުލްއާއި، އަދި ތެލާއި ގުޅުންހުރި ވަރަށް ގިނަ ބާވަތްތައް އުފައްދައެވެ.

އޭޕްރީލް މަހުގެ 16 ވަނަ ދުވަހު، ކަޅުކަނޑުގެ އައްސޭރީގައި ހުންނަ ރަޝިޔާގެ "ޓުއަޕްސީ" ތެޔޮސާފުކުރާ ކާރުޚާނާއަށް، ޔުކުރޭނުން ޑްރޯން ޙަމަލާއެއްދީ، އެތަނުގެ އޮޕަރޭޝަން ހުއްޓުމަކަށް ގެނައެވެ. އެތަނުގައި ރޯވި އަލިފާންގަނޑު އަދިވެސް ކޮންޓްރޯލް ނުކުރެވެއެވެ. ރަޝިޔާގެ އޮފިޝަލުން ބުނާގޮތުގައި، އެ ޙަމަލާގެ ސަބަބުން، އެތަނުގެ ދަތުރުފަތުރުގެ އޮނިގަނޑާއި، މުދަލުގައި އަލިފާންރޯވެ، ބޭނުން ނުކުރެވޭ ވަރަށް ވަނީ ހަލާކުވެފައެވެ.

އޭޕްރީލް މަހުގެ 17 ވަނަ ދުވަހު، ޕާކިސްތާނުގެ ޚައިބަރު ޕަޝްތޫންޚުވާގެ، ހަރިޕޫރު ޑިސްޓްރިކްޓުގެ ގޭސް ހޮޅިތަކެއް ގޮއްވާލުމާއި ގުޅިގެން، ބޮޑު އަލިފާންގަނޑެއް ރޯވެ، އަންހެނުންނާއި، ކުޑަކުދިން ހިމެނޭހެން 8 މީހަކު މަރުވެ، އެތައް ބަޔަކު ޒަޚަމްވެ، ޢިމާރާތްތަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވެއެވެ.

އަދި، އެންމެފަހުން އޭޕްރީލް މަހުގެ 20 ވަނަ ދުވަހު، އިންޑިއާގެ ރާޖިސްތާނުގެ "ޕަޗްޕަދުރާ" ތެޔޮސާފުކުރާ ކާރުޚާނާގައި، އަލިފާން ރޯވެ، އަނދައި ހުލިވިއެވެ. އެ ކާރުޚާނާގައި އަލިފާން ރޯވީ، އެތަން އިފްތިތާޙު ކުރުމުގެ އެއްދުވަސް ކުރިންނެވެ.

މިއީ، ހައްތާވެސް އިއްތިފާޤުން ހިނގާފައިވާ ކަންކަން ހެއްޔެވެ؟ ނުވަތަ ބަޔަކު މީހުން ރާވައިގެން ހަކަތައިގެ އަގު، ރޮކެޓް ސްޕީޑުގައި މައްޗަށް ގެންދިއުމަށް ހިންގާ ސިއްރު އެޖެންޑާއެއް ހެއްޔެވެ؟ ޙަޤީޤަތަކީ، މިއީ ދުނިޔޭގެ އަޝްރާފުން، އެމީހުންގެ އަމިއްލަ ފައިދާއަށްޓަކާ ހިންގާ ޖަރީމާތަކެވެ.

ނޯޓް: މިއީ ހަސަން ލުތުފީގެ ލިޔުއްވުމެކެވެ.