Last Updated: July 20, 18:00
Monday, July 20, 2026
ޚަބަރު

ދަނާލުގައި ޒުވާނަކު މަރުވި މައްސަލަ އެޗްއާރްސީއެމުން ބަލަނީ

ގައުމީ ޔުނިވަސިޓީގެ މާލޭ ދަނާލުގައި މިދިޔަ ހޯމަ ދުވަހުގެ ރޭ ޒުވާނަކު މަރުވި މައްސަލަ ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) އިން ބަލަން ފަށައިފި އެވެ.

އެޗްއާރްސީއެމުން މިރޭ ބުނީ މި ޙާދިސާ އެ ކޮމިޝަނުން އިސްނަގައިގެން ބަލަމުންދާ ކަމަށެވެ.

އަދި މި ހިތާމަވެރި ޙާދިސާއާ ގުޅޭގޮތުން، ހަޤީޤަތާ ޚިލާފު ވާހަކަ އާއި ޒާތީ މަޢުލޫމާތު އެއްވެސް ފަރާތަކުން ޢާންމު ނުކުރުމަށާ އަދި މަރްޙޫމާގެ ކަރާމާތަށް އުނިކަން އަތުވެދާނެ އެއްވެސް ކަމެއް އެއްވެސް ފަރާތަކުން ނުކުރުމަށް ވަނީ އިލްތިމާސްކޮށްފަ އެވެ.

ދަނާލުގައި އަމިއްލަ އަަށް މަރުވެފައި ވަނީ ތިނަދު އަށް ނިސްބަތްވާ މަރްޔަމް ހާސިދާ، 18، އެވެ.

އޭނަ މަރުވުމުގެ ކުރިން ފުލުހުންނަށް ގުޅައި ނަފުސާނީ ގޮތުން ކުރިމަތިވެފައިވާ ކަންކަމަށް އެހީ އެދުނު ކަމަށް ބުނެ ވާހަކަ ދެކެވިފައިވެ އެވެ. ނަމަވެސް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ހޯމް މިނިސްޓަރު އަލީ އިހްސާން ވަނީ އެކަން ދޮގުކުރައްވާފަ އެވެ. އަދި މިފަަދަ ހައްސާސް ކަންކަމުގައި ހަގީގަތާ ހިލާފު ވާހަކަތަައް ނުފެތުރުމަށް ވެސް އިލްތިމާސް ކުރެއްވި އެވެ.

"ނަފްސާނީ ކަންކަން ހިމެނޭފަދަ މައްސަލަތަކުގައި ވަރަށް ބޮޑަށް އެދެން ހަގީގަތާ ޚިލާފު ވާހަކަތައް ނުފެތުރުމަށް. މީގެ ސަބަބުން މިވަގުތު މިފަދަ ކަންކަން ތަހައްމަލު ކުރަމުންދާ ފަރާތްތަކަށް ވަރަށް ބޮޑަށް އަސަރު ކުރަމުންދޭ އަދި ހަމައެއާއެކު މި ހާދިސާތައް ދިމާވެފައި ހިތާމަތައް ދިމާވެފައިވާ އާއިލާތަކަށް ނުހަނު ހިތާމަތައް ލިބިގެންދޭ،." އޭނަ ވިދާޅުވި އެވެ.

އިހްސާން ވަނީ އެ ކުއްޖާ އާއި ފުލުހުންނާ ދެމެދު މެސެޖުން ކުރެވުނު މުއަމަލާތް ތަފުސީލުކޮށް ހިއްސާ ކުރައްވައިފަ އެވެ.