Last Updated: July 13, 06:07
Monday, July 13, 2026
ޚަބަރު

ރާއްޖެ ތެލަށް ނުޖެހޭނެ ކަމަށް ގައުމުތަކުން ދަނީ ބުނަމުން

އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު

ރާއްޖެ ތެލާއި، ގޭސް އަދި ކާޑަކަށް ނުޖެހޭނެ ކަމަށް ގައުމުތަކުން ބުނެފައިވާ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.

ޕީއެންސީގެ ހަރުގޭގައި މިރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަމުން ސައީދު ވިދާޅުވީ ރާއްޖެ ތެލަކަށް ވެސް، ގޭހަކަށް ވެސް އަދި ކާޑަކަށް ވެސް ނުޖެހޭނެ ކަމަށް ދުނިޔޭގެ ގައުމުތަކުން ބުނެފައިވާ ކަމަށާއި ނަމަވެސް ދުނިޔޭގެ އަގުތަކަކީ ރާއްޖެއަށް ކޮންޓްރޯލް ކުރެވޭނެ އެއްޗެއް ނޫން ކަމަށެވެ. އެހެން ނަމަވެސް އެ ބުރަ ވެސް ވީހާވެސް ކުޑަކޮށް ރައްޔިތުންނަށް ނަގަންޖެހޭ ގޮތަށް ސަރުކާރުން ކަންކަން ކުރަމުންދާ ކަމަށް ސައީދު ވިދާޅުވި އެވެ.

"ދުނިޔޭގެ ގައުމުތަކުން އެ ދަނީ ބުނަމުން، އެ މީހުން ތިއްބަކަ އިރާދަކުރެއްވިއްޔާ ދިވެހިރާއްޖެ ތެލަކަށްވެސް، ގޭހަކަށްވެސް އަދި ކާޑަކަށްވެސް ނުޖެހޭނެޔޭ،" ސައީދު ވިދާޅުވި އެވެ.

ސައީދު ވިދާޅުވީ މާލޭގެ ވިޔަފާރި ބަނދަރު ތިލަފުށްޓަށް ބަދަލުކުރުމުގެ މަޝްރޫއާއެކު ރާއްޖޭގެ އިގްތިސޯދަށް ބޮޑެތި ބަދަލުތަކެއް އަންނާނެ ކަމަށެވެ. އަދި އެމްޑީޕީން ދަނީ ބޭރުގެ ގައުމުތަކަށް މެސެޖުތައް ފޮނުވައި ރާއްޖެއަށް ދަތިކުރުމަށް މަސައްކަތް ކުރަމުން ކަމަށާއި ވެރިކަން ގެއްލޭ ކޮންމެ ފަހަރަކު ފަތުރުވެރިން ނައުމަށާއި ކާޑު ނުފޮނުވުމަށް ގޮވާލުމަކީ އެމްޑީޕީގެ އާދައެއްކަމަށް ވެސް ވިދާޅުވި އެވެ.

މީގެއިތުރުން އެމްޑީޕީން މަގުމަތީގައި މިހާރު ކުރިއަށްދާ އިހުތިޖާޖުތަކަށް އިޝާރާތް ކުރައްވައި ސައީދު ވަނީ، ޕީއެންސީގެ ޓީމަކީވެސް މަގުމަތީގެ ހަރަކާތްތަކަށް ވަރަށް ފަރިތަ އަދި އެކަމުގެ ތަމްރީނު ލިބިފައިވާ ބައެއް ކަމަށްވެސް ވިދާޅުވެފަ އެވެ.